ދުނިޔެ

ނައިޖީރިއާގެ ފުލުހުން ކޮރަޕްޓް ފަނޑިޔާރުން ހިފައި ހައްޔަރުކުރަނީ

Oct 10, 2016

ރިޝްވަތު ހިފާ ކަމަށް ތުހުމަތުކުރެވޭ އިސް ފަނޑިޔާރުންތަކަކާ ދެކޮޅަށް ނައިޖީރިއާގައި އެގައުމުގެ ސަލާމަތީބާރުތަކުން ހިންގި ވަރުގަދަ ހަރަކާތްތަކެއްގައި އެ ބޭބޭފުޅުންގެ ގެތަކުން 800،000 ވުރެން ގިނަ އެމެރިކާ ޑޮލަރު އަތުލައިގަނެވިފައިވާ ކަމަށް ނައިޖީރި ފުލުހުން ބުނެފި އެވެ.

މިއީ އެ ގައުމުގައި ހައްދުފަހަނަޅައި ގޮސްފައިވާ ކޮރަޕްޝަންގެ މައްސަލަ އަށް ހައްލެއް ހޯދައި ކޮރަޕްޝަންގެ މޫތަކުން ގައުމު ސަލާމަތްކުރައްވާނެ ކަމަށް ނައިޖީރިއާގެ ރައީސް މުހައްމަދު ބުހާރީ ވައުދުވެ ވަޑައިގެންފައި ވަނިކޮށް ހިންގި ހަރަކާތެކެވެ. މި ރެއިޑްތަކުގައި، ބައެއް އިސް ފަނޑިޔާރުން ހައްޔަރުކޮށްފައި ވެސްވެ އެވެ.

ބައެއް ފަނޑިޔާރުން ހައްޔަރުކޮށްފައިވާ މައްސަލާގައި ނައިޖީރިއާގެ ބާ އެސޯސިއޭޝަން ރުޅިގަދަވެފައިވާއިރު އެމީހުން ވަނީ ސަލާމަތީ ބާރުތަކުގެ ހަރަކާތް ޣައިރުގާނޫނީ އަމަލެއްގެ ގޮތުގައި ސިފަކޮށް، ހުރިހާ ފަނޑިޔާރުން ދޫކޮށްލުމަށް ވެސް ގޮވާލައިފަ އެވެ.

ނަމެސް ސަލާމަތީ ބާރުތަކުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ހައްޔަރުކޮށްފައިވާ ފަނޑިޔާރުންގެ ގެތަކުން އެބޭފުޅުންނާ ދެކޮޅަށް ސާފު ހެކި ލިބިފައިވާ ކަމަށާއި ބާރުގެ ބޭނުންކުރައްވައިގެން ނުހައްގުންނާއި ގަވާއިދާ ހިލާފަށް ހިންގާފައިވާ ޖަރީމާތަކުގެ ލިޔެކިޔުންތަކާއި އޭގެ ސަބަބުން ލިބިފައިވާ ފައިސާގެ މަންފާ ފެންނަން އެބަހުރި ކަމަށެވެ.

"ބައެއް ފަނޑިޔާރުންގެ ޚަރަދުބޮޑު އަދި އަރާމު ދިރިއުޅުންތަކަށް އަޅުގަނޑުމެން ފާރަލަމުން ގެންދާތާ ދުވަސްތަކެއް ވެއްޖެ. އަދި ރިޝްވަތު ހިފައިގެން ފަނޑިޔާރުން ބޭއިންސާފު މުއާމަލާތްތައް ހިންގައި ފައިސާ ލިބިގަންނަމުން ގެންދާ ކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ލިބޭތާ ވެސް ދުވަސްތަކެއްވެއްޖެ،" ނައިޖީރިއާގެ ސްޓޭޓް ސެކިއުރިޓީ ސާވިސްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ސަލާމަތީބާރުތަކުން ކޮރަޕްޝަނާ ދެކޮޅަށް ހިންގި ހަރަކާތްތަކުގައި ފަނޑިޔާރުން ހައްޔަރުކޮށްފައި ވަނީ ނައިޖީރިއާގެ ސުޕްރީމް ކޯޓުންނާއި އިސްތިއުނާފު ކޯޓު އަދި ހައި ކޯޓުތަކުންނެވެ. ހައްޔަރުކޮށްފައިވާ ފަނޑިޔާރުންގެ ނަންތަކެއް އާންމެއް ނުކުރެ އެވެ.

ކޮރަޕްޝަނާ ދެކޮޅު ހަރަކާތަކީ މިދިޔަ އަހަރު ނައިޖީރިއާގެ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ބުހާރީގެ ހާއްސަ ބެއްލެވުމުގެ ދަށުން ވަރަށް ބޮޑު ސަމާލުކަމެއް ދެވިގެން ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ.