ދުނިޔެ

ސުލްހައިގެ އިނާމުން ލިބިވަޑައިގެންނެވި ފައިސާ ހަދިޔާކުރައްވައިފި

Oct 10, 2016

ޒަމާންވީ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެންނެވުމަށް ކުރެއްވި އިހްލާސްތެރި މަސައްކަތާ ގުޅިގެން ކޮލަމްބިއާގެ ރައީސް ހުއާން މެނުއަލް ސަންޓޯސް އަށް ލިބިވަޑައިގެންނެވި ނޮބެލްގެ ސުލްހައިގެ އިނާމުގެ ފައިސާގެ އިނާމް، ހާލުގައިޖެހިފައިވާ އާއިލާތަކަށް ހަދިޔާކުރެއްވުމަށް ސަންޓޯސް ނިންމަވައިފި އެވެ.

މި އަހަރުގެ، ނޮބެލްގެ ސުލްހައިގެ އިނާމް ސަންޓޯސް އަށް އެރުވީ ކޮލަމްބިއާ ސަރުކާރާއި އެގައުމުގެ ހަނގުރާމަވެރި ޖަމާއަތް ފާކްއާ ދެމެދު ފާއިތުވި 52 އަހަރު ބަދަލުކުރި ހަމަލާތައް ހުއްޓުވާލެއްވުމަށް ކުރެއްވި މަސައްކަތަށާއި ސުލްހަ ގާއިމުކޮށް ކުރީގެ ހަނގުރާމަވެރިން ސިޔާސީ މައިދާނަށް ގެންނެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތަށެވެ. ހަމަލާ ބަދަލުކުރުން ހުއްޓާލާފައިވާއިރު ސުލްހައިގެ މި މަސައްކަތް ދަނީ އަދިވެސް ކުރިއަށެވެ.

ނޮބެލްގެ ސުލްހައިގެ ޝަރަފާ އެކު ސަންޓޯސް އަށް ފައިސާގެ އިނާމެއްގެ ގޮތުގައި 925،000 އެމެރިކާ ޑޮލަރު ލިބިވަޑައިގެންނެވި އެވެ. ސަންޓޯސް ވިދާޅުވެފައި ވަނީ އަމިއްލަ އާއިލާއާ މަޝްވަރާކުރެއްވުމަށް ފަހު، އެ ފާއިސާގެ އިނާމް ހޭދަކުރެއްވުމަށް ނިންމަވާފައި ވަނީ ދާޚިލީ ހަނގުރާމައިގެ ނޭދެވޭ އަސަރުކޮށްފައިވާ އާއިލާތަކަށް ކަމަށެވެ.

ކޮލަމްބިއާގެ ދާޚިލީ ހަނގުރާމައިގައި ދެ ލައްކަ އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު ހަ މިލިއަނަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި ހާލުގައި ޖެހިފައިވެ އެވެ.

ކޮލަމްބިއާގެ ރައީސް ކަމަށް ސަންޓޯސް ވަޑައިގަތީ 2010 ވަނަ އަހަރު އެވެ. އެއަށް ފަހު އެގައުމުގެ ރައްޔިތުން ވަނީ އެ ބޭފުޅާ 2014 ވަނަ އަހަރު ދެ ވަނަ ދައުރަކަށް އިންތިހާބުކޮށްފަ އެވެ.

ކޮލަމްބިއާ ސަރުކާރާއެކު ހަނގުރާމަވެރިން ސުލްހައިގެ ވާހަކަތައް ފެށީ 2012 ވަނަ އަހަރު އެވެ. ސުލްހައިގެ މަޝްވަރާތައް ކުރިއަށްދާއިރު ކުރިއަށް އޮތް އާންމު އިންތިހާބުގައި ކުރީގެ ހަނގުރާމަވެރިންނަށް މަޖިލީހުގެ 10 ގޮނޑި ހާއްސަކުރާނެ ކަމަށް ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ. އަދި ކުށަށް އިއުތިރާފްވާ މެމްބަރުންނަށް އަދަބު ލުއިކޮށްދޭން ވެސް ވަނީ ނިންމައިފަ އެވެ.