މާލޭގައި އާ ތިން ޕާކެއް މި މަސް ތެރޭގައި ހުޅުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރަންސްއެއްގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ މާލޭގައި ކުރިޔަށްދާ މަޝްރޫއުތަކަކީ އެއް ޕްލޭނެއްގެ ތެރެއިން ކުރެވޭ ކަންތައް ކަމަށާއި އެއީ މާލޭގެ ތޮއްޖެހުން ހައްލުކޮށް ރައްޔިތުންނަށް ވީހާވެސް ހިއްފަސޭހަ ދިރިއުޅުމެއް ހޯދައި ދިނުމުގެ ޕްލޭންނެއް ކަމަށެވެ.
އެ ޕްލޭންގެ ދަށުން މިހާތަނަށްވެސް ގިނަ ޕާކުތަކެއް ހަދާފައިވާއިރު މި މަސް ތެރޭގައި ވެސް އާ ތިން ޕާކު ހުޅުވުމަށް ރާވައިފަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ކާނިވާ ސަރަހައްދާއި ސޯސަން ގޭގެ ކަންމަތީގައި އަދި ލިލީ މަގާއި ޗާންދަނީ މަގު ގުޅޭ ސަރަހައްދުގައި ވެސް ޕާކެއް މިމަހު ހުޅުވާނެ. މި ތިންތަން މިހާރު މި ވަނީ ނިމުމަކާ ގާތްވެފައި. އިރާދަ ކުރެއްވީއާ މި މަހުގެ ތެރޭގައި ހުޅުވާނަން،" މުއިއްޒު ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީއިން ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ވަނީ މާލޭގައި އިތުރު ތިން ޕާކަކާއި ބީޗެއް ހަދައިފައެވެ. މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ތޮއްޖެހިފައި އޮންނަ ސިޓީތަކުގައި އާބަން ރީޑިވަލޮޕްމަންޓުގެ މަސައްކަތް ގެންދަނީ ލިބިފައި އޮންނަ ޖާގައެއްގެ އެންމެ ހިފޭގޮތަށް ތަރައްގީކޮށްގެނެވެ.