މަސްތުވާތަކެތި

ގައިދީއަކަށް އާއިލާއިން ފޮނުވި އަންނައުނުން މަސްތުވާތަކެތި ހޯދައިފި

ކ. މާފުށީ ޖަލަށް ގައިދީއެއްގެ އާއިލާއިން ފޮނުވި އަންނައުނުތަކަކުން މަސްތުވާތަކެތި ހޯދައިފި އެވެ. މިމައްސަލައާއި ގުޅިގެން އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެއް ނުވެއެވެ.

މާފުށީގައި ފުލުހުން ހިންގި އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުން ބުނީ އެ އޮޕަރޭޝަނަކީ މާފުށީ ޖަލު ގައިދީންނަށް އެމީހުންގެ އާއިލާތަކުން ފޮނުވާ އަންނައުނުތަކެއްގެ ތެރޭގައި ރައްކާކޮށްގެން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މާފުށީ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް އަދި މާފުށި ޕްރިޒަން ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

އެ އޮޕަރޭޝަނުގައި މާފުއްޓަށް ދޯންނެއްގައި ގެންދިޔަ އަންނައުނުތައް ބަލައި ފާސްކުރިއިރު އެއެތަކެތީގެ ތެރެއިން ފެނުނު ޖިންސެއްގެ ފައިކުރި ފަތިތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދިގުރިކޮށް ހުރި ރަބަރު ޕެކެޓްތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެއިތުރުން އިތުރު ތިން އޮޕަރޭޝަނެއްގައި ވެސް ބަޔަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެގޮތުން 30 އަހަރުގެ ފިރިހެނެއް ފުލުހުންގެ އިންޓެލިޖެންސާއި ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނުގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ 00:30 ހާއިރު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު އޭނާގެ އަތުން 6500 ރުފިޔާއަށްވުރެ ގިނަ ފައިސާ އާއި އޭނާ އެވަގުތު ހުރިދިމާ ބިންމަތިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަ ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހުންގެ ތެރެއިން 22 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފައިވަނީ ދ. އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި ހުރި މީހަކު މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހުގެ 13:30 ހާއިރުއެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

ކ. ހިންމަފުއްޓަށް ދަބަހެއްގައި މަސްތުވާތަކެތި އެތެރެކުރި މީހަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ފިރިހެނެކެވެ. މިކަމާ ގުޅިގެން ފުލުހުން ބުނީ، އެމީހާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސާއި ހިންމަފުށި ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 23:30 ހާއިރު ހިންމަފުއްޓަށް އައި ފެރީއަކުން އެރަށަށް އައި ތަނުން ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށް، އޭނާ ގެންގުޅުނު ދަބަހާއި އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 22 އަހަރުގެ މީހެއް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. މި އޮޕަރޭޝަނަކީ ދ. އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި ހުރި މީހަކު މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ 13:30 ހާއިރު އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.