ހަބަރު

ރާއްޖެއާ ތައިލެންޑްގެ ދެވަނަ ޖޮއިންޓް ޓްރޭޑް ކޮމިޓީ ބައްދަލުވުން އަންގާރަ ދުވަހު

ރާއްޖެއާ ތައިލެންޑާ ދެމެދު އެކުލަވާލާފައިވާ ޖޮއިންޓް ޓްރޭޑް ކޮމިޓީގެ ދެވަނަ ބައްދަލުވުން އަންނަ އަންގާރަ ދުވަހު ފެށުމަށް ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

ޖޮއިންޓް ޓްރޭޑް ކޮމިޓީގެ މީޓިން ކުރިއަށްދާނީ މިމަހުގެ 12 އަދި 13 ވަނަ ދުވަހު އެވެ. އެ ބައްދަލުވުމަށް ތައިލެންޑްގެ ކޮމާސް މިނިސްޓަރާ އެކު އެގައުމުގެ އިސް ވަފުދެއް ރާއްޖެ ވަޑައިގަންނަވާނެ އެވެ. އަދި މިނިސްޓަރާއެކު ވަޑައިގަންނަވާ ވަފްދުގައި ތައިލެންޑުގެ ތިރީހަކަށް އެކްސްޕޯޓް ކުންފުނި ބައިވެރިވެވަޑައިގަތުމަށް ވެސް ވަނީ ހަމަ ޖެހިފަ އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ، މި ފަހަރުގެ ބައްދަލުވުމުގައި ދެ ގައުމުގެ ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނެ ކަމަށެވެ. އެ ބައްދަލުވުމުގައ ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ވިޔަފާރިވެރިންނަށް ވެސް ހުޅުވާލާފައިވާއިރު، މިފަހަރުގެ ބައްދަލުވުން ވެގެންދާނީ ރާއްޖޭގެ ވިޔަފާރިވެރިންނަށް ތައިލެންޑުގެ ވިޔަފާރިވެރިންނާ ގުޅުން ބަދަހި ކުރުމަށް ލިބޭ ރަނުގެ ފުރުސަތަކަށް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މިނިސްޓަރު އާދަމް ތައުފީގް ވިދާޅުވީ، ޖޮއިންޓް ޓްރޭޑް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވުމަށް ވިޔަފާރިވެރިންނަށް ހުޅުވާލާފައިވާ ފުރުަތުގެ ބޭނުން ހިފުމަށް ހުރިހާ ވިޔަފާރިވެރިންނަށް ވެސް އިލްތިމާސް ކުރައްވާ ކަމަށެވެ. އެ ބައްދަލުވުމަކީ ދެ ގައުމުގެ ވިޔަފާރިވެރިންނަށް އެއްތަނަކުން ބައްދަލުވެ ވިޔަފާރީގެ ވާހަކަތައް ހިއްސާކޮށްލުމަށް ހުޅުވާލެވިފައިވާ ބައްދަލުވުމަކަށް ވާތީ އޭގެ ސަބަބުން ރާއްޖޭގެ ވިޔަފާރިވެރިންނަށް ވަރަށް ބޮޑު މަންފާތަކެއް ލިބިގެންދާނެ ކަމަށް ތައުފީގު ވިދާޅުވި އެވެ.

"އުންމީދުކުރަން ތައިލެންޑްގެ ބިޒްނަސް ޑެލިގޭޝަނާ ބައްދަލުކުރުމަށް ގިނަ ވިޔަފާރިވެރިންތަކެއް ޒިޔާރަތްކުރާނެ ކަމަށް. ހުރިހާ ފަރާތްތަކަށް ވެސް މިވަނީ 13 ވަނަ ދުވަހުގެ ބައްދަލުވުމަށް ހުޅުވާލާފަ، އަޅުގަނޑުމެންނަށް އެނގިފަ އޮތީ މި ވަޑައިގަންނަވާ އެކްސްޕޯޓް ކުންފުނިތަކުން އެފަރާތްތަކުގެ ޕްރޮޑަކްޓްތައް އެ ބައްދަލުވުމުގައި ދައްކާލާނެކަމުގެ މައުލޫމާތު ވެސް، އެހެންވީމަ މި ފުރުސަތަކީ ދިވެހި ވިޔަފާރި ވެރިންނަށް ވަރަށް މަންފާ ކުރުވަނިވި ކަމަކަށް ވާނެ،" ތައުފީގް ވިދާޅުވި އެވެ.

ބައްދަލުވުން ކުރިއަށްދާނީ ދަރުބާރުގޭ ދޮށިމޭނާ މާލަމުގައި 13 ވަނަ ދުވަހުގެ ހެނދުނު 10:00-12:00 އަށް އަދި މެންދުރުފަހު 2:00 އިން 5:00 އަށެވެ. ބައްދަލުވުމުގައި ބައިވެރިވާ ތައިލެންޑްގެ ބައެއް ކުންފުނިތަކުގެ ތެރޭގައި ކޮންސްޓްރަކްޝަން މެޓީރިއަލް ސަޕްލައި ކުރާ ފަރާތްތަކާއި ރިސޯޓް ފެސިލިޓީސް އަދި ފުޑް އެންޑް ބެވަރޭޖް އުފައްދައި އެކްސްޕޯޓްކުރާ ކުރާ ފަރާތްތައް ވެސް ހިމެނޭ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ތައިލެންޑާ ރާއްޖެއާއެކު 2013 ވަނަ އަހަރު އެކުލަވާލާފައިވާ ޖޮއިންޓް ޓްޓްރޭޑް އެއްބަސްވުމުގެ ދަށުން ބާއްވާ މި ފޯރަމްގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ ހަމަ އެ އަހަރު ތައިލެންޑުގަ އެވެ.