އެމްޑީއޭ

ޕީޕީއެމްގެ ނޫސްބަޔާނާ ގުޅިގެން އެމްޑީއޭ ކަންބޮޑުވެއްޖެ

ޕީޕީއެމްގެ އެތެރޭގެ ކަންކަމަށް އެމްޑީއޭގެ މެންބަރުން ފާޑުކިޔާ ކަމަށް ބުނެ އެކަން ކުށްވެރިކޮށް ޕީޕީއެމްއިން ނެރުނު ނޫސް ބަޔާނާ ގުޅިގެން އެމްޑީއޭއިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ. އެމްޑީއޭއިން ބުނީ އެ ޕާޓީގެ ތަސައްވަރު ނުބައިވާފަދަ ބަޔާނެއް ޕީޕީއެމްއިން ނެރެފައިވާ ކަމަށެވެ.

އެމްޑީއޭއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، އެމްޑީއޭގެ ލީޑަޝިޕުން އަދި ޕާޓީގެ އެއްވެސް ގުނަވަނަކުން ވެސް އެހެން ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ކަންކަމާއި ނުބެހޭނެ ކަމަށެވެ. އަދި މިހާތަނަށް މިއަދުގެ ސިޔާސީ ވެށީގައި އެ ޕާޓީއާމެދު ހިތް ނުތަނަވަސް ކަމެއް އޮވެގެން އެއްވެސް ފަރާތެއްގެ ކަންބޮޑުވުމެއް އެ ޕާޓީއަށް ހިއްސާކޮށްފައިނުވާ ކަމަށެވެ.

"ގުޅިގެން އެއް ރޫހެއްގައި މަސައްކަތްކުރުމުގެ ރުވެތިމަގު އޮތް އިރު އެ މަގު ހިޔާރު ނުކޮށް މި ޕާޓީއާމެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ތަސައްވަރެއް އުފެދިދާނެ ޒާތުގެ ނޫސް ބަޔާނެއް ޕީޕީއެމްއިން ނެރުއްވާފައިވާތީ އެކަމާ މި ޕާޓީން ކަންބޮޑުވެ ހިތާމަކުރާ ކަމުގައި ދަންނަވަމެވެ." އެމްޑީއޭގެ ބަޔާނުގައިވެ އެވެ. -- އެމްޑީއޭ އަކީ ސަރުކާރު ހިނގާ ޕީޕީއެމްގެ ކޯލިޝަންގައި މިހާތަނަށް ދެމި އޮތް ޕާޓީ އެވެ.

އެމްޑީއޭއިން ވަނީ ގައުމުގެ ސިޔާދަތާއި ސުލްހަ މަސަލަސް ކަމަށް އިސްކަމެއްދީގެން ޕާޓީތަކުން ބަސް ބުމަށް އިލްތިމާސްކޮށްފަ އެވެ.

ޕީޕީއެމްއިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ސަރުކާރުން އިސް ނަގައިގެން ބާއްވަން މަސައްކަތްކުރާ މަޝްވަރާތަކަށް ދާނެ މަންދޫބުން އެ ޕާޓީން ކަނޑައަޅާފައިވާނެ ކަމަށެވެ. އަދި އެކަމަށް އެމްޑީއޭއަށް ފާޑު ނުކިޔޭނެ ކަމަށާއި ޕީޕީއެމްގެ ކަންކަން ނިންމާނީ ޕީޕީއެމްއިން ކަމަށެވެ.