ބޮލީވުޑް

100 ކްރޯޑާއެކު "އެމްއެސް ދޯނީ" ސެންޗަރީއެއް ހަދައިފި

Oct 11, 2016
1

އިންޑިއާގެ މަޝްހޫރު ކްރިކެޓްކުޅުންތެރިޔާ އަދި ކްރިކެޓް ކެޕްޓަން މަހެންދުރަ ސިންގް ދޯނީގެ ހަޔާތުގެ މައްޗަށް އުފެއްދި ފިލްމު "އެމް.އެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" އަށް ވަނީ މިހާތަނަށް ކުޅިވަރަށް ބިނާކޮށް އުފެއްދި ފިލްމަކަށް ނުލިބޭހާ ބޮޑު ކާމިޔާބީއެއް ލިބިގެން ގޮސްފަ އެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު ރިލީޒްކޮށްފައިވާ މިފިލްމަށް ރިލީޒްކުރި ދުވަހު 21.30 ކްރޯޑް (213 މިލިއަން) ރުޕީޒް ލިބިގެން ވަނީ މިއަހަރުގެ މިހާތަނަށް ނިކުތް ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށްވެފަ އެވެ.

ފިލްމު ރިލީޒްވިތާ 11 ދުވަސްވީއިރު އަދިވެސް ބޮކްސް އޮފީހުގައި މިފިލްމު އަންނަނީ ރަސްކަންކުރަމުންނެވެ. އޭގެފަހުން ރިލީޒްވި ފިލްމުތަކަށް ވެސް މިފިލްމު ފަހަތަށް ޖައްސާލެވިފައިވާނުވާއިރު ނުވަ ދުވަހުން މިފިލްމަށް މިވަނީ 103.40 ކްރޯޑް (1034 މިލިއަން) ރުޕީޒް ލިބިފަ އެވެ.

ނުވަ ދުވަސްތެރޭ މިފިލްމަށް 100 ކްރޯޑް އާމްދަނީގެ ގޮތުގައި އިންޑިއާއިން ލިބި ސެންޗަރީއެއް ހަދައި 100 ކްރޯޑް ލިބުނު ފިލްމުތަކުގެ ކްލަބަށް ވަދެފައިވާއިރު، މިފިލްމު މިވަނީ ދޯނީގެ ކެރިއަރެކޭ އެއްގޮތަށް އޭނާގެ ހަޔާތުގެ ވާހަކައަކީ ވެސް ވަރަށް ބޮޑު ހިޓެއްކަން ސާބިތުކޮށްދީފަ އެވެ.

މީގެއިތުރުންވެސް ނުވަ ދުވަހުން 100 ކްރޯޑް ލިބި، މިފިލްމަކީ ތިންވަނަ އަށް އެންމެ އަވަހަށް މިކްލަބަށް ވަން ފިލްމެވެ. އަދި މިހާތަނަށް ރިލީޒްވެފައިވާ އެއްވެސް ބަޔޮޕިކަކަށްވެސް މިހާބޮޑު ކާމިޔާބީއެއް ބޮކްސް އޮފީހުގައި ލިބިފައެއް ނުވެ އެވެ.

ނީރާޖް ޕާންޑޭ ޑައިރެކްޓްކޮށް، ޒުވާން އެކްޓަރު ސުޝާންތް ސިންގް ރާޖްޕުތް ދޯނީގެ ރޯލު ކުޅެފައިވާ މިފިލްމަށް މިހާބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވަނީ ފުރަތަމަ ދުވަހުން ފެށިގެން ކެރިޓިކްސް އާއި ބެލުންތެރިން މިފިލްމާ ގުޅޭގޮތުން ރަނގަޅު ވާހަކަތައް ދައްކާފައިވާތީ އެވެ. އަދި ދޯނީ އަކީ ކްރިކެޓް ފޭނުން އިންތިހާ އަށް ގިނަ މީހަކަށް ވުމުން މިފިލްމަކީ އޭނާގެ ހަޔާތާ ގުޅޭގޮތުން ނޭގޭ އެތަކެއް ވާހަކަތަކެއްގެ ހިމަނައިގެން އުފައްދާފައިވާ ފިލްމަކަށްވުމުން އެހާބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ކްރިޓިކްސްއިން ވަނީ ފާހަގަކޮށްފަ އެވެ.

ފިލްމު ބެލި ގިނަ ބަޔަކާއި ކްރިޓިކްސް ވެސް އެންމެ ބޮޑަށް ތައުރީފުކޮށްފައިވަނީ ދޯނީގެ ރޯލު އަދާކުރި ސުޝާންތު ސިންގް ރާޖްޕޫތަށެވެ. ދޯނީގެ ކޮންމެ ހަރަކާތެއް އޭނާ ކޮޕީކޮށްފައިވާލެއް ފުރިހަމަކަން އެންމެން ވެސް ފާހަގަ ކޮށްފައިވެ އެވެ.

ދޯނީ ކުޑައިރުގެ ދިރިއުޅުމާއި އިންޑިއާގެ ގައުމީ ޓީމަށް އަރަން އޭނާ ކުރި މަސައްކަތް އަދި ލޯބީގެ ހަޔާތުގެ ބައެއް ހާދިސާތައް މިފިލްމުން ފެނެ އެވެ. ފިލްމުގައި ދޯނީގެ ލޯބިވެރިޔާގެ ރޯލު ކުޅެފައިވަނީ ދިޝާ ޕަޓާނީ އެވެ. އަދި އޭނާގެ އަންހެނުން ސާކްޝީގެ ރޯލު އަދާކޮށްފައިވަނީ ކިއަރާ އަދުވާނީ އެވެ.