ރާއްޖެ ކުޅިވަރު

ޕާކިސްތާނާއި ލަންކާގެ ކެޕްޓަނުން ފިސްޑާ އަށް

ފުވައްމުލަކުގައި ކައުންސިލުން ބާއްވާ ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ ފިސްޑާ ޓީމަށް ޕާކިސްތާނާއި ލަންކާގެ ގައުމީ ކެޕްޓަނުން ގެނެސްފި އެވެ.

ފިސްޑާގެ ރައީސް މުހައްމަދު ލިޔާއު މިއަދު ވިދާޅުވީ މި ދެ ކުޅުންތެރިންގެ އިތުރުން ލަންކާގެ އެންމެ މޮޅު ބްލޮކަރު ޗަތްރީކާ ވެސް ކުޅޭނީ މާދަނޑަށް ނިސްބަތްވާ ޓީމަށް ކަމަށެވެ.

ފިރިހެން ހަ ޓީމާއި އަންހެން ހަތަރު ޓީމު ވާދަކުރާ މުބާރާތުގައި ފިސްޑާއިން އަންހެން އަދި ފިރިހެން ޓީމެއް ވެސް ބައިވެރިކުރެ އެވެ. އެ ޖަމިއްޔާ އަކީ މި މުބާރާތުގެ އެންމެ ފަހުގެ ފިރިހެން ޗެމްޕިއަން ޓީމެވެ.

ލިޔާއު ވިދާޅުވީ ތަށި ދިފާއުކުރަން ނުކުންނަ ޓީމުގައި ޕާކިސްތާނުގެ ކެޕްޓަން އަދި ބާރު ޖެހުންތެރިޔާ ނަސީރު އަހުމަދުގެ އިތުރުން ރާއްޖޭގެ ބާރު ދެ ޖެހުންތެރިން ކަމަށްވާ އަހުމަދު އަބުދުލްކަރީމް (ލޯންގޭ) އާއި އިބްރާހީމް ހުޒާމް ވެސް ކުޅޭނެ ކަމަށެވެ.

"މީގެ އިތުރުން ރިސޯޓް މުބާރާތްތަކުގައި ފާހަގަ ކުރެވިފައިވާ މޮޅު ކުޅުންތެރިން ކުޅޭނެ. އަދި އަންހެން ޓީމުގައި ލަންކާގެ ގައުމީ ކެޕްޓަން (ޑިނޭޝާ ޕްރަސަޑީނީ) އާއި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން (އައިޝަތު) ޝައްފަ ވެސް ކުޅޭނެ،" ކަމަށެވެ.

"އުއްމީދަކީ ފިރިހެން ޓީމު ތަށި ދިފާއު ކުރުން. އަދި އަންހެން ޓީމު ތަށި ހޯދުން. ކުރީ އަހަރަށްވުރެ ވަރުގަދަކޮށް މިފަހަރު ތައްޔާރުވީ،" މާދަނޑުގެ އިޖްތިމާއީ އަދި ހާއްސަކޮށް ކުޅިވަރު ހަރަކާތްތަކުގައި ވަރަށް އިސްދައުރެއް އަދާކުރައްވާ ލިޔާއު ވިދާޅުވި އެވެ.

ފިސްޑާ ޓީމުގެ މައި ސްޕޮންސަރަކީ ރޯސްލައިން ޕްރައިވެޓް ލިމިޓެޑެވެ. ކޯ ސްޕޮންސަރަކީ މޯލްޑިވިއަން އެވެ. އެ ޖަމިއްޔާގެ ދެ ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލު ކުރުން އޮތީ އިއްޔެ ފުވައްމުލަކުގައި ހުންނަ ރަންވޭ ރެސްޓޯރަންޓްގަ އެވެ. ފިރިހެން ޓީމަށް ޖާޒީ ހަވާލުކޮށްދެއްވީ ރޯސްލައިންގެ ސީއީއޯ ނޫރުﷲ އަދުނާނެވެ. އަންހެން ޓީމަށް ޖާޒީ ހަވާލުކޮށްދެއްވީ އަމީނިއްޔާގެ ކުރީގެ ޕްރިންސިޕަލް އާތިޔާ ނަސީރެވެ.