ދުނިޔެ

ޓްރަމްޕް ފަލީހަތް ކުރުމުގެ ފަހަތުގައި ބުޝްގެ އާއިލާ

އަންހެނުންނާ ބެހޭގޮތުން ޖިންސީ ފުރައްސާރައިގެ ވާހަކަ ދައްކަވައި އަންހެނުންނަށް ބަދުބަސް ރައްދުވާ ގޮތަށް މީގެ 11 އަހަރު ކުރިން ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޑޮނަލްޑް ޓާރަމްޕް ދެއްކެވި ވާހަކަތައް ބޭޒާރު ކޮށްލުމުގެ ފަހަތުގައި ތިބީ އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ބުޝްގެ އާއިލާ ކަމަށް ސައިންސާއި ކޮންސްޕިރަސީ ތިއަރީގައި އެމެރިކާގެ ޕްރޮފެސަރެއް ކަމަށްވާ ޖޭމްސް އެޗް ފެޓްޒާ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ސިޔާސީ މަސްރަހު ވެސް ދިރާސާ ކުރައްވާ މިހާރު ރިޓަޔާ ކުރައްވާފައިވާ ފެޓްޒާ އެހެން ވިދާޅުވިއިރު، ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޕްރައިމެރީގައި ޓްރަމްޕާ ވާދަ ކުރެއްވީ ކުރީގެ ރައީސް ޖޯޖް އެޗް ބުޝް ގެ ދަރިކަލުން އަދި ޑަބްލިއު ބުޝްގެ ކޮއްކޯ ފުޅު ޖެބް ބުޝް އެވެ.

ފެޓްޒާ ވިދާޅުވީ ވޮޝިންޓަން ޕޯސްޓުން އާންމު ކުރި ވީޑިއޯ ޕްރޮޑިއުސް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވީ އެމެރިކާގެ ރޭޑިއޯ އަދި ޓިވީ ޕްރެސެންޓަރެއް ކަމަށްވާ ބިލީ ބުޝް އެވެ. ބިލީ އަކީ ޖޯޖް އެޗް ބުޝްގެ ދެބެންދެދަރި މީހެކެވެ.

މިހާރު އެންބީސީ މަސައްކަތް ކުރަމުން އަންނަ ބިލީ ބުޝް، ޓްރަމްޕް އޭނާއާ ދައްކާފައިވާ ވާހަކަ ރެކޯޑް ކުރިކަން އެނގުމުން، އޭނާ އެންބީސީގެ ވަޒީފާއިން ސަސްޕެންޑްކޮށްފައިވާ ކަމަށް އެމެރިކާގެ ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ.

ފެޓްޒާ ވިދާޅުވީ 11 އަހަރު ކުރީގެ އެ ވީޑިއޯގެ ސަބަބުން، ބަހުސްގައި ޓްރަމްޕަށް ޖެހި ވަޑައިގެންނެވީ އެކަންކަން އެހެން ދިމާލަކަށް އަނބުރާ ލެއްވުމަށް ވާހަކަ ދައްކަވަން ކަމަށެވެ.

އެގޮތުން ހިލަރީގެ މައްސަލަތައް ބަލައި އޭނާ ޖަލަށް ލެއްވުމަށް އެޓާނީ ޖެނަރަލްއަށް އަންގަވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވީ، އެ ވީޑިއޯގެ ވާހަކަ އެހެން ދިމާލަށް އަނބުރާ ލެއްވުމަށް ކަމަށް ޕްރޮފިސާ ފެޓްޒާ ވިދާޅުވިއެވެ.

ޓްރަމްޕަށް އޭނާގެ އަމިއްލަ ޕާޓީގެ އިސްވެރިންގެ ތާއީދު ވަނީ ގެއްލިފައެވެ. އެގޮތުން ކުރީގެ ރައީސް އެޗް ބުޝް ވެސް އޭނާއަށް ތާއީދު ނުކުރައްވާނެ ކަން މިދިޔަ މަހު މީޑިއާ ރިޕޯޓް ތަކުން ވަނީ އާންމުވެފައެވެ. ވީޑިއޯ ޓޭޕާ ގުޅިގެން ޓްރަމްޕްގެ ތާއީދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.