މީރާ

މީރާގެ އާމްދަނީ 8.1 ޕަސެންޓް އިތުރު، މިމަހާ ހަމައަށް 11.39 ބިލިއަން ރުފިޔާ

މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 8.1 ޕަސެންޓް އިތުރުވެފައިވާ ކަމަށް ޓެކްސް އިދާރާ މީރާއިން ހާމަކޮށްފި އެވެ. މިއަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި މީރާއަށް ލިބިފައިވަނީ 11.39 ބިލިއަން ރުފިޔާ އެވެ.

މީރާއިން މިއަދު ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިއަ ސެޕްޓެންބަރު މަހު މީރާއިން 1.11 ބިލިއަން ރުފިޔާ ބަލައިގަތެވެ. އެއާއެކު މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ބަލައިގަތް ޖުމުލަ އާމްދަނީ 11.39 ބިލިއަން ރުފިޔާއަށް އިތުރުވި އެވެ. މިއީ 2015 އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 8.1 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާއިން މިދިޔަ މަހުން ބަލައިގަތް އާމްދަނީގެ ބޮޑު ޕަސެންޓެއް ޖީއެސްޓީން ލިބިފައިވާ އިރު، ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ، ޓޫރިޒަމަށް ދޫކޮށްފައިވާ ބިންތަކުގެ ކުލިންނެވެ. ޖީއެސްޓިގެ ގޮތުގައި މިދިޔަ މަހު މީރާއަށް 449.1 މިލިއަން ރުފިޔާ ލިބުނު އިރު އެއީ މިދިޔަ މަހު ބަލައިގަތް އާމްދަނީގެ 40.6 ޕަސެންޓެވެ. ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި މިދިޔަ މަހު މީރާއަށް ލިބިފައިވަނީ 328.38 މިލިއަން ރުފިޔާ އެވެ. ތިންވަނަޔަށް އެންމެ ގިނަ ފައިސާ ލިބުނު ބީޕީޓީ ކެޓަގަރީން 79.3 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޖޫރިމަނާ ފައިސާ ގެ ގޮތުގައި 65.82 މިލިއަން ރުފިޔާ މިދިޔަ މަހު މީރާއަށް ލިބިފައިވެ އެވެ.

މީގެ އިތުރުން ގްރީން ޓެކުހާއި އެހެނިހެން ޓެކުހާއި ފީގެގޮތުގައި ވެސް 186.18 މިލިއަން ރުފިޔާ މިދިޔަ މަހު މީރާއަށް ވަނީ ލިބިފަ އެވެ.

މީރާއިން ބުނީ، މި އަހަރުގެ ސެޕްޓެމްބަރު މަހު ބަލައިގަތް އާމްދަނީ އަކީ 2015 ވަނަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 24.6 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ. އަދި މިއީ ސެޕްޓެންބަރު މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 0.3 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ.

މި މަހުގެ އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ރިސޯޓުތަކުގެ ކުލީގެ ގޮތުގައި މިދިޔަ މަހު ދައްކާފައިވާ އަދަދު އިތުރުވުން ކަމަށް އެ އޮތޯރިޓީން ނެރުނު ރިޕޯޓުގައި ބުނެފައިވެ އެވެ.