ރާއްޖޭގެ މިޔުޒިކް ލެޖެންޑް، ގ. އަލިފުށީގެ އަހުމަދު ނާޝިދު ނިޔާވުމަކީ ރާއްޖޭގެ މިއުޒިކުގެ ދާއިރާއަށް ހާއްސަކޮށް، ދިވެހިވަންތަ މިއުޒިކަށް ލިބިގެންދިޔަ ވަރަށްބޮޑު ހީނަރުކަމެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ. ނާޝިދު ނިޔާވެފައިވަނީ އިއްޔެ ހަވީރު އެވެ.
ރައީސް މިހެން ވިދާޅުވީ، ނާޝިދު ނިޔާވުމާ ގުޅިގެން، ނާޝިދުގެ އާއިލާއަށް ރައީސް ފޮނުްވި ތައުޒިޔާގެ މެސެޖްގަ އެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ މިއުޒިކުގެ ދާއިރާއަށް ވަރަށްދިގު މުއްދަތެއްގައި ނާޝިދު ކޮށްދެއްވާފައިވާ ހިދުމަތްތަކަކީ، ރާއްޖޭގެ ޒުވާނުންނަށް، ހާއްސަކޮށް، މިއުޒިކުގެ ދާއިރާގައި ހިދުމަތް ކުރައްވަމުން ގެންދަވާ ފަރާތްތަކުން އެކަމުގެ އަގު ވަޒަންކުރައްވާ ހިދުމަތްތަކެއް ކަމަށެވެ.
ނާޝިދު މިއުޒިކުގެ ދާއިރާއަށް ވެދެވަޑައިގަތީ މަޖީދިއްޔާ ސްކޫލްގައި ތައުލީމު ހާސިލު ކުރައްވަން އުޅުއްވި ދުވަސްވަރުގައެވެ. އޭރުއްސުރެ ފެށިގެން ނާޝިދު ފާހަގަކުރެވެމުން އައިސްފައިވަނީ މިއުޒިކުގެ ދާއިރާއަށް ހާއްސަ ޝައުގުވެރިކަމެއް ބަހައްޓަވައި، އަދި އެ ރޮނގުން ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއްގެ ގޮތުގަ އެވެ.
ނާޝިދަށް މިއުޒިކުގެ ރޮނގުން 1990 ވަނަ އަހަރު ވަނީ އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، ސަރުކާރުން އަރުވާފައެވެ. ނާޝިދަކީ، ރާއްޖޭގެ މިއުޒިކުގެ ދާއިރާއަށް އާ ހިޔާލުތައް ގެންނަވައިގެން، ދިވެހި ސަގާފަތާއި، ދިވެހި އާދަކާދަ ހިމެނޭގޮތަށް އެ ދާއިރާގެ ކުރިއެރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.
ޒީރޯ ޑިގްރީ އެޓޮލް ބޭންޑް އުފައްދަވައި، އެ ބޭންޑްގެ މަސައްކަތުގެ ތެރެއިން އެންމެ ހާއްސަ ގޮތެއްގައި ފާހަގަކުރެވިގެންދިޔައީ، 1990 ވަނަ އަހަރު ނެރުނު ދޯނި އަލްބަމެވެ. މިއީ ރާއްޖޭގައި ވެސް އަދި ރާއްޖެއިން ބޭރުގައި ވެސް ވަރަށްބޮޑު މަގުބޫލުކަމެއް ލިބިގެންދިޔަ އަލްބަމެކެވެ. މިއުޒިކުގެ ގިނަ ޝޯތަކެއް ރާއްޖެއިން ބޭރުގައިވެސް ނާޝިދު ހުށަހަޅުއްވައިދެއްވައި، ބައިނަލްއަގްވާމީ ކާމިޔާބީތައް އޭނާ ވަނީ ހޯއްދަވާފައެވެ.
ނާޝިދުގެ މައްޗަށް ކުރެވޭ ކަށު ނަމާދު މިރޭގެ އިޝާ ނަމާދަށްފަހު އާސަހަރާ މިސްކިތުގައި އޮންނާނެ އެވެ. އަދި ނާޝިދުގެ މޫނު ދެއްކުން މިއަދުގެ އަސުރު ނަމާދަށްފަހު އެ މިސްކިތުގައި އޮންނާނެ އެވެ.