ދިވެހި މިއުޒިކަށް އިންގިލާބެއް ގެނެސްދިން ޒީރޯ ޑިގްރީގެ އެއް ފައުންޑާ އަދި ބޭންޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަހުމަދު ނާޝިދު (ފްލޫ ނާޝިދު) ގެ ޖަނާޒާ މިރޭ ބާއްވައިފި އެވެ. ނާޝިދުގެ މައްޗަށް ކަށު ނަމާދު ކުރީ މިރޭގެ އިޝާ ނަމާދަށްފަހު އެވެ.
އާސަހަރާ މިސްކިތުގައި ނާޝިދުގެ މައްޗަށް ކަށު ނަމާދުކުރިއިރު އެ ކަށު ނަމާދުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވެ އެވެ. އަދި، ނާޝިދުގެ ޖަނާޒާގައި ވެސް ވަނީ ގިނަ އަދަދެއްގެ މީހުން ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި މިޔުޒިކީ ފަންނާނުންނާއި ނާޝިދުގެ އާއިލާގެ މެންބަރުންނާއި ރައްޓެހިންނާއި އާންމު ގިނަ އަދަދެއްގެ މީހުން ހިމެނެ އެވެ. މިއަދު އޭނާގެ މޫނު ދެކިލުމަށް ވެސް ގިނަ އަދަދެއްގެ ބަޔަކު ހާޒިރު ވެފައި ވެއެވެ.
އުމުރުން 53 އަހަރުގައި ނާޝިދު އިއްޔެ ހަވީރު ނިޔާވެފައި ވަނީ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އޭޑީކޭ ހޮސްޕިޓަލްގަ އެވެ. މީގެ ފަސް ވަރަކަށް އަހަރު ކުރިން ކެންސަރަށް ޑައިގްނޯސްކޮށް ފަރުވާ ހޯދަމުން ދިޔަ ނާޝިދު ނިޔާވިއިރު ސިއްހީ ހާލަތު މިފަހުން ދަށްވުމުގެ ސަބަބުން އުޅެފައި ވަނީ ވަރަށް ބަލި ހާލުގަ އެވެ.
ކުރިން ސްރީ ލަންކާގައި ވެސް ކެންސަރަށް ފަރުވާ ހޯދުމަށް ފަހު އެނބުރި މާލެ ބަދަލުވި ނާޝިދު އެންމެފަހުން އާންމުންނާއި އޭނާގެ މިއުޒިކްގެ ފޭނުންގެ ތެރެއަށް ނުކުމެފައި ވަނީ މިދިޔަ މަހު އޮލިމްޕަހުގައި ބޭއްވި އަ ޓްރިބިއުޓް ޓް ނާޝިދުގެ ޝޯއެއް ބަލައިލުމަށެވެ.
ނިޔާވިއިރު ނާޝިދުގެ ސޯލޯ ދިވެހި އަލްބަމެއްގެ މަސައްކަތް ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ. އެ އަލްބަމްގެ ނަމަކީ "ޖާނީ" އެވެ.
ކުޑައިރުގެ ގާތް އެކުވެރިޔާ މޮހޯޖު އާއި އަހުމަދުއާއެކު ނާޝިދު ޒީރޯ ޑިގްރީ އެޓޯލް އުފެއްދީ 1987 ވަނަ އަހަރު އެވެ. އެއަށް ފަހު "ދޯނި" އަލްބަމްގެ މަސައްކަތް 1980 އިގެ ފަހުކޮޅު ފަށައިގެން ގޮސް އަލްބަމް ނެރުނީ 1991 ވަނަ އަހަރު އެވެ. މާސްޓަރިން ހަދައި ކެސެޓަށް ޕްރިންޓް ކޮށްގެން ގާތްގަނޑަކަށް 5000 އެއްހާ ކޮޕީސް މާލެ ގެނެސް ވިއްކި އެވެ.
ބޭންޑްގެ އާ އަލްބަމެއް އުފެއްދިފައި ނެތް ނަމަވެސް 1993 ވަނަ އަހަރު ނާޝިދުގެ ބްލޫސް ސޯލޯ އަލްބަމެއް ވެސް ނެރެފައިވެ އެވެ. އެއީ ބައިނަލްއަގުވާމީ ސްޓޭޖުގައި ވެސް ތައުރީފު އޮހުނު "ބާޑް އިން ފްލައިޓް" އެވެ.