އަންނަ އަންގާރަ ދުވަހު ރަޝިޔާގެ ރައީސް ލަޑަމިއާ ޕުޓީން ފްރާންސަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ކެންސަލް ކުރައްވައިފި ކަމަށް ފްރާންސްގެ ރައީސް އޮފީހުން ބުނެފިއެވެ.
ޕުޓިން ފްރާންސަށް ވަޑައިގަންނަވާ ގޮތަށް ކުރިން ޝެޑިއުލް ކޮށްފައި ވަނިކޮށް ދަތުރުފުޅު ކެންސަލް ކުރައްވާފައި މިވަނީ، ސީރިޔާގެ ހަލަބުގައި ރަޝިޔާ އާއި ސީރިޔާގެ ސަރުކާރުގެ އަސްކަރިއްޔާއިން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތައް ތަހްގީގު ކުރުމަށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓް (އައިސީސީ) ހުށަހަޅާނެ ކަމަށް ފްރާންސްގެ ހާރިޖީ ވަޒީރު ޖީން މާކް އަރަޔުލްޓް އިއްޔެ ވިދާޅުވެފައި ވެސް ވަނިކޮށެވެ.
މިދިޔަ ހަފުތާގައި ފްރާންސުން ވަނީ ސީރިޔާގެ ހަލަބުގައި ހިންގަމުންދާ ހަންގުރާމައިގެ ޖަރީމާތައް ކުށްވެރިކޮށް އެ މައްސަލަ ބެލުމަށް އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފަ އެވެ. ނަމަވެސް ރަޝިޔާއިން ވަނީ އެ މައްސަލަ ވީޓޯ ކޮށްފަ އެވެ.
ފްރާންސްގެ ރައީސްގެ އޮފީހުން ބުނީ އިއްޔެ ހެނދުނާ ހަމަޔަށްވެސް ދަތުރުގެ ވާހަކަ ދެކެވެފިވާ ކަމަށާއި ނަމަވެސް ފްރާންސުން ސީރިޔާގެ މައްސަލާގައި ވާހަކަ ދައްކަން ބޭނުންވާ ކަމަށް ހުށަހެޅުމުން، ރަޝިޔާއިން ދަތުރުފުޅު ކެންސަލް ކުރުމަށް ބުނެފައިވާ ކަމަށެވެ.
ރަޝިޔާގެ ވެރިރަށް މޮސްކޯއިން ބުނީ ޕުޓިންގެ ދަތުރުފުޅު ކެންސަލް ކުރީ މިއަންނަ ހަފުތާގައި ހުޅުވަން ހަމަޖެހިފައިވާ ރަޝިޔާގެ ސާގާފީ މަރުކަޒެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވުމުން، އެ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުތަކަށް ތައްޔާރުވުމުގެ ގޮތުން ކަމަށެވެ.
ޕުޓިންގެ ތަރުޖަމާން ޑިމްޓްރީ ޕޮޓްސްކޯވް ވިދާޅުވީ ފްރާންސުން ދަތުރުފުޅުގެ އެޖެންޑާ ބަދަލުކޮށްފައިވާ ކަމަށާއި އެގައުމުން ހުށަހަޅާފައިވަނީ ހަމައެކަނި ސީރިޔާގެ މައްސަލައިގައި ވާހަކަ ދެއްކުމަށް ކަމަށެވެ.
"ފްރާންސުން ވަނީ ދަތުރުފުޅުގެ މުހިންމު ކަންތައްތަކަށް ބަދަލު ގެނެސްފަ. އެއީ ކީވެގެންކަން ފްރާންސުން ތަފްސީލު ކޮށްދޭން ޖެހޭނެ. ރައީސް (ޕުޓިން) ނިންމެވީ ދަތުރުފުޅު ކެންސަލް ކުރައްވަން،" ޕޮޓްސްކޯވް ވިދާޅުވިއެވެ.