ދުނިޔެ

އެއްބަސްވުމަކަށް ނުގޮސް ސީރިޔާގެ ސުލްހައިގެ ވާހަކަތައް ނިންމާލައިފި

Oct 16, 2016

ސީރިޔާގެ މައްސަލައިގައި އެމެރިކާ އާއި ރަޝިޔާގެ އިތުރުން ސަރަހައްދުގެ ހަތް ބާރެއް ހިމެނޭ ގޮތުން ކުރިއަށް ގެންދިޔަ މަޝްވަރާތައް އެއްބަސްވުމަކަށް ނުގޮސް ނިންމައިލައިފި އެވެ.

ހަލަބުގައި ހިނގަމުންދާ ނުރައްކާތެރި ހަމަލާތަކަށް "އަވަސް ފިޔަވަޅެއް" އަޅަން ކަމަށް ބުނެ ހަތަރު ގަޑިއިރާ 30 މިނެޓް ވަންދެން ކުރިއަށް ގެންދިޔަ ބައްދަލުވުމާ ބެހޭގޮތުން މަންދޫބުން ބުނަނީ އާ ހިޔާލުތަކެއް ހުށަހެޅުނު ކަމަށާއި މަޝްވަރާތައް ވެސް ވަރަށް ޕްލޭންކޮށްގެން ކުރިއަށް ގެންދެވުނު ކަމަށެވެ.

ސީރިޔާގެ ހަނގުރާމައިގައި ބައި މިލިއަނާ ގާތް ކުރާ އަދަދަކަށް މީހުން މަރުވެފައިވާއިރު، ދެ ވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕްގައި ރެފިއުޖީންގެ މައްސަލަ އިންތިހާ ބޮޑުވެފައިވާއިރު، ސްވިޒަލޭންޑްގައި ކުރިއަށް ގެންދެވުނު މަޝްވާރާތަކުގައި ވަކި ކަމަކަށް އެއްބަސްވުމެއް ނުވެވުމަކީ ސަރހައްދުގައި ސުލްހަ ގާއިމު ކުރުމަށް އިތުރު ފިޔަވަޅެއް ފަހަތަށް ޖެހުންކަމަށް ޑިޕްލޮމެޓުން ސިފަ ކުރެއެވެ.

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އާއި ރަޝިޔާ އާ ދެމެދު މިދިޔަ މަހު ވެސް އެއްބަސްވުމެއް ވަނީ ހެދިފައެވެ. ނަމަވެސް އެ އެއްބަސްވުމަށް ވެސް އަމަލު ކުރެވިފައެއް ނުވެއެވެ. އެމެރިކާގެ ހާރިޖީ ވަޒީރު ޖޯން ކެރީ ވިދާޅުވަނީ މަޝްވަރާތަކުން "އަސްލު ހާސިލު ކުރަން ބޭނުންވާ މިންވަރު" ހާސިލު ކުރެއްވިއްޖެ ކަމަށެވެ.

"މަޝްވަރާތައް ކުރިއަށް ގެންދެވުނީ ހަލަބުގައި އޮތް ކުއްލި ހާލަތުގެ މައްޗަށް. އަސްކަރީ ފިޔަވަޅަކަށް ވުރެ މަޗްވަރާތައް ރަނގަޅު. ގައުމުތަކުން ބައިވެރިވި ވަޒީރުން ވަނީ ހާލަތު ބަދަލު ކުރުމަށް ތަފާތު ހުށަހެޅުންތަކެއް ހުށަހަޅާފަ،" ކެރީ ވިދާޅުވިއެވެ.