ވިޔަފާރި

ތައިލެންޑްގެ ގިނަ ކުންފުނިތަކާ އެކު ވިޔަފާރީގެ ފޯރަމް ފަށައިފި

  • ފޯރަމް ދަނި ދަރުބާރުގޭގައި
  • ވިޔަފާރިވެރިންނަށް ފުރުސަތުތައް ގިނަ
  • ފޯރަމް ހަވީރު 5:00 ޖަހަންދެން ކުރިއަށްދާނެ

ތައިލެންޑުގެ 30 އަށް ވުރެ ގިނަ ކުންފުންޏާއެކު ރާއްޖެ ތައިލެންޑް ވިޔަފާރިވެރިންގެ ފޯރަމް މިއަދު ފަށައިފި އެވެ.

ވިޔަފާރިވެރިން ބައްދުވާ "ބީ ޓު ބީ" މި ފޯރަމް ކުރިއަށްދަނީ ދަރުބާރުގޭ ދޮށިމޭނާ މާލަމްގައި ހަވީރު 5:00 އަށެވެ. މި ފޯރަމްގައި ތައިލެންޑުގެ 30 އަށްވުރެ ގިނަ ކުންފުނިން ބައިވެރިވާއިރު، މި ފޯރަމްގެ ބޭނުމަކީ ރާއްޖެ އަށް މުދާ އެތެރެ ކުރަން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވައިލުމެވެ. އާއްމުކޮށް ވަނުން ހިލޭ ހުޅުވާލާފައިވާ މި ފޯމްގައި އާއްމުކޮށް ވިއްކާ ހުރިހާ ބާވަތްތަކެއް އިމްޕޯޓު ކުރާ ތައިލެންޑުގެ ކުންފުނިތައް ބައިވެރިވެ އެވެ.

މި ފޯރަމްގެ ހަވާސާގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު ވިދާޅުވީ މި ބައްދަލުވުމަކީ ދިވެހި ވިޔަފާރިތަކަށް މުހިންމު ކަމެއް ކަމަށާއި، ދަރުބާރުގެއަށް ވީހާ ގިނަ ވިޔަފާރިވެރިން ދިއުން މުހިންމު ކަމަށެވެ.

"އެކްސްޕޯޓް ކުންފުނިތަކާ ދިވެހި ވިޔަފާރިތަކާ ބައްދަލުވެން ދާކަމީ މުހިންމު ކަމެއް. މިކަމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް ރަނގަޅު އަގުތަކުގައި ރަނގަޅު ސޯސްތަކާ ބައްދަލުކުރުމަށް ފުރުސަތު ލިބޭނެ،" އާދަމް ވިދާޅުވި އެވެ.

ތައިލެންޑްގެ ކޮމާސް މިނިސްޓަރު އަޕިރާދީ ޓަންޓްރަޕޯން ވެސް ހިމެނޭ ގޮތަށް ރާއްޖެ އަށް ޒިޔާރަތް ކުރަމުން ގެންދާ ބޮޑު ވަފުދުމުގައި ގިނަ އަދަދެއްގެ ވިޔަފާރިވެރިން ހިމެނެ އެވެ. ނަމަވެސް ތައިލެންޑުގެ ކޮމާސް މިނިސްޓަރު މިހާރު ވަނީ ރޭ އެނބުރި ގައުމަށް ފުރައިވަޑައިގެންފަ އެވެ.

ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު ވިދާޅުވީ މިފޯރަމްއަކީ ވިޔަފާރީގެ މުއާމަލާތް ފެށުމަށް މުހިންމު ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ އިމްޕޯޓު ކުރާ ފަރާތްތަކާ ތައިލެންޑުން ޑައިރެކްޓުކޮށް އެކްސްޕޯޓު ކުރާ ފަރާތްތަކާ ވިޔަފާރީގެ ފުރުސަތު ހުޅުވިގެން ދިއުން،" އާދަމް ވިދާޅުވި އެވެ.

ތައިލެންޑަކީ ރާއްޖެއަށް ގިނަ އަދަދަކަށް މުދާ އެތެރެކުރާ އެއް ގައުމެވެ. އަދި އެ ގައުމަކީ ރާއްޖޭގެ އެކްސްޕޯޓުގެ ވެސް އެންމެ މުހިންމު ބައިވެރިޔާ އެވެ. އެ ގައުމަށް މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް 47 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ.