ވިޔަފާރި

މިދިޔަ މަހުގެ އާމްދަނީއަށް ދެ ބިލިއަން ރުފިޔާ، 54 މިލިއަން ޑޮލަރު

މިދިޔަ މަހު ދައުލަތަށް 2.1 ބިލިއަން ރުފިޔާ ބަލައިގެންފައިވާއިރު ޑޮލަރުގެ އާމްދަނީގެ ގޮތުގައި 54 މިލިއަން ޑޮލަރު ލިބިއްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މުދަލާއި ހިދުމަތުގެ އަގު ނަގަން ޓެކްސް (ޖީއެސްޓީ)ގެ ގޮތުގައި މިދިޔަ މަހު 642 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖުލައި މަހު ލިބުނީ 340 މިލިއަން ރުފިޔާ އެވެ. އަދި ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް (ބީޕީޓީ) ގެ ގޮތުގައި މިދިޔަ މަހު 892 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖުލައި މަހު ލިބުނީ 722 މިލިއަން ރުފިޔާ އެވެ.

މީރާ އިން ބުނި ގޮތުގައި މިދިޔަ މަހު ގްރީން ޓެކުހުގެ ގޮތުގައި 51 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 34 މިލިއަން ރުފިޔާ އެވެ. އަދި ބޭރަށް ފުރާ ބިދޭސީންގެ އަތުން ނަގާ ޓެކުހުން 1.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް އޭގެ ކުރީމަހު 8.6 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މީގެ އިތުރުން ލޭންޑް އެކުއެޒިޝަން ފީގެ ގޮތުގައި މިދިޔަ މަހު 1.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 4.7 މިލިއަން ރުފިޔާ އެވެ. އަދި ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި 158 މިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރު ލިބިފައިވަނީ އެންމެ 22 މިލިއަން ރުފިޔާ އެވެ.

ޓެކްސް އިދާރާގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ޑޮލަރުން އާމްދަނީގެ ގޮތުގައި 53.4 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. ނަމަވެސް މިދިޔަ އަހަރު ލިބުނީ 37 މިލިއަން ޑޮލަރެވެ.