ވިޔަފާރި

ފުރަތަމަ ތިން މަހު ޖީއެސްޓީ ނުދައްކާ 112 ފަރާތް

ފުރަތަމަ ތިން މަހު މާލެ ފިޔަވައި ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުން މުދަލާއި ހިދުމަތުގެ އަގުނ ނަގާ ޓެކްސް( ޖީއެސްޓީ) ނުދައްކާ 112 ފަރާތެއްގެ ނަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާއްމުކޮށްފި އެވެ.

މީރާއިން ބުނީ މާލެ ސަރަހައްދު ފިޔަވައި އެހެނިހެން ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން މި އަހަރުގެ ފުރަތަމަ ތިން މަހުގެ ޖީއެސްޓީ ބަޔާން ހުށަނާޅާ ފަރާތްތަކާއި ޖީއެސްޓީ ނުދައްކާ ލިސްޓުގައި ޓޫރިޒަމް ދާއިރާގައި ވިޔަފާރިކުރާ 22 ފަރާތަކާއި އެ ނޫން ދާއިރާތަކުގައި ވިޔަފާރިކުރާ 99 ފަރާތަކާއެކު ޖުމުލަ 112 ފަރާތް ހިމެނޭ ކަމަށެވެ.

ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ލިސްޓުގައި މަސްވެރިކަމަށް އުފައްދާފައިވާ ކުންފުނިތަކާއި ކުދި ވިޔަފާރިއަށް އުފައްދާފައިވާ ބައެއް ކުންފުނިތައް ހިމެނެ އެވެ.

ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް އެކި ފަހަރު މަތިން ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައަޅައިފައިވާ އަދަބުތައް ކިޔައިދެވިފައިވާނެ ކަމަށާއި، އެސްއެމްއެސްގެ ޒަރީއާއިންނާއި އެ ތަންތަނަށް ޒިޔާރަތް ކޮށްގެން ވެސް އެ ފަރާތްތަކަށް އެ ކަން އެންގުމުގެ މަސައްކަތްކޮށްފައިވާނެ ކަމަށް މީރާ އިން ބުނެފައިވެ އެވެ.