ވިޔަފާރި

އިގްތިސާދު ބިނާވަނީ ގައުމުގެ އެތެރޭގެ ހަމަޖެހުމާ: ނައިބު ރައީސް

ރާއްޖޭގެ އިގްތިސާދު ބިނާވެފައިވަނީ ގައުމުގެ އެތެރޭގެ ހަމަޖެހުމުގެ މައްޗަށް ކަމަށް ނައިބް ރައީސް އަބްދުﷲ ޖިހާދު މިރޭ ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ހަތް އަހަރު ފުރުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ނައިބް ރައީސް ޖިހާދު ވިދާޅުވީ އާދައިގެ މީހެއްގެ ދިރިއުޅުން ވެސް ބިނާވެގެން އަންނަނީ އެމީހަކަށް ލިބޭ އާމްދަނީގެ މައްޗަށް ކަމަށެވެ. އަދި އިގްތިސާދީ ގޮތުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖެ ވަރަށް ދިގު ރާސްތާއެއް ކަޑައްތުކޮށްފައިވާ ކަން ނައިބު ރައީސް ފާހަގަ ކުރެއްވި އެވެ.

"ގައުމު މިދަނީ ހަލުވިކަމާއެކު ބާރަށް ކުރި އަށް. މުޅި ރާއްޖޭގެ އެތަން މިތަނުގައި ބިން ވަނީ ހިއްކިފަ. އެ ބިންތަކުގައި އާރާސްތު ވަމުން ދަނީ. ވައިގެ ބަނދަރުތައް އެޅި މާލެ އާއި ހުޅުލެ، ބްރިޖު އެޅުމުގެ މަސައްކަތް ދަނީ ކުރިއަށް. މިހެން ދަންނަވާނަމަ ލިސްޓު ކިޔިދާނެ،" ނައިބް ރައީސް ވިދާޅުވި އެވެ.

ނައިބް ރައީސް ވިދާޅުވީ ދިވެހި ދައުލަތުން ކުރާ ހަރަދުތައް ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށާއި މީގެ ކުރީގެ ސަރުކާރަކުން ނުކުރާ ވަރަށް ބަޖެޓުން ހޭދަ ކުރަމުންދާ ކަމަށެވެ.

"ބޭރުގެ ފަރާތްތަކުގެ އެހީ ވެސް މީގައި ހިމެނޭ. ސަރުކާރުގެ އިގްތިސާދީ އެޖެންޑާއަކީ މުޅި ރާއްޖެ އަށް ފެތުރިފަ. އެއްވެސް ވިޔަފާރިއެއް ބާކީ ނުކޮށް ދާ އިގްތިސާދީ އެޖެންޑާއެއް. އިތުރު އިންވެސްޓްމަންޓްތައް ގެނައުން. ދިވެހި ގައުމުގެ ތަރައްގީއަށް. އަދަށްވުރެ ފަސޭހަ އުފާވެރި މާދަމާއެއް ގެންނަން. ތަރައްގީ ވެވޭނީ ފުދުންތެރި ބަަޔަކަށް ވެގެން. ފުދުންތެރި ބަޔަކަށް ވެވޭނީ އުފެއްދުންތެރި ބަޔަކަށް ވެގެން،" ނައިބް ރައީސް ވިދާޅުވި އެވެ.

ޖިހާދު ވިދާޅުވީ ޓެކްސް ނަގަން ފެށުމާއެކު ދައުލަތުގެ އާމްދަނީ ވަރަށް ބޮޑުތަން އިތުރު ވެގެން ގޮސްފައިވާ ކަމަށެވެ.

"ދެހާސް އެގާރަ ވަނަ އަހަރު ދައުލަތައް ލިބުނީ 4.5 ބިލިއަން ރުފިޔާ ނަމަވެސް 2016 ވަނަ އަހަރު 14.5 ބިލިއަން. މީގެ މާނައަކީ ފަސް އަހަރު ތެރޭގައި އާމުދަނީ އިތުރުވުން."