ވިޔަފާރި

މީރާގެ ޓެކްސް ހަފުތާ ފަށައިފި

"ޓެކްސް ވީކް" ގެ ނަމުގައި ޓެކުހަށް އާއްމުން ހޭލުންތެރިކުރުވުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު ފަށައިފި އެވެ.

މީރާއިން ބުނީ މީރާގެ ހަތް ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މި މަހުގެ 6 އިން 12 އަށް ބާއްވާ ޓެކްސް ވީކް" ގައި ޓެކްސް ދައްކާ ފަރާތްތަކާ އާންމުންނަށް އަމާޒުކޮށް ޓެކުހަށް ހޭލުންތެރިކުރުމުގެ ގިނަ ހަރަކާތްތަކެއް ރޭވިފައިވެ އެވެ. އޭގެ ތެރޭގައި ޓެކުހާގުޅޭ މައުލޫމާތު ދިނުމުގެ ހާއްސަ ހަރަކާތްތަކެއް މާލެއާ އަތޮޅުތެރޭގައި ބޭއްވުމުގެ އިތުރުން ސްކޫލްތަކުގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ހަރަކާތްތަކެއް ސްކޫލްތަކުގައި ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މީރާއިން ބުނީ "އޯޕަން ޑޭ" ގެ ގޮތުގައި މިއަދު ފާހަގަކޮށް، މީރާ އަށް ޒިޔާރަތްކުރާ ފަރާތްތަކަށް މީރާގެ މަސައްކަތްތައް ހިނގަމުންދާގޮތް ބަލައިލުމުގެ ފުރުސަތުދީ، މީރާގެ ހިދުމަތްތަކާ އަދި މީރާގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ލިބޭނެ ގޮތް ހަމަޖައްސާފައިވާކަމަށް ވެސް މީރާ އިން ބުންޏެވެ.

މި މުއްދަތުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ އޯޕަން ޑޭގެ އިތުރުން ޓެކްސް ވީކް ތެރޭގައި އަށް އޮގަސްޓު ވާ އަންގާރަ ދުވަހު ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ބޭއްވުމާއި، މި މަހު 11 ވާ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާރކްގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް މީރާ އިން ބުންޏެވެ.