ހަބަރު

ރައީސްގެ އިޝާރާތުން ސަރުކާރުގެ ހާލަތު ހާމަވޭ: އެމްޑީޕީ

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވަން ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ދެއްކެވި އިޝާރާތަކީ ސަރުކާރު މިއަދު އޮތް ހާލަތު ދައްކުވައިދިން ކަމެއް ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

މަޖިލިސް މިއަހަރަށް ހުޅުވަން މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވެވުމަށް ފަހު ރައީސް ޔާމީން ވަނީ އެމްޑީޕީ މެމްބަރުންނާ ދިމާލަށް ބޮޑުވައި އިނގިލި ތިރި ކުރައްވައިފި އެވެ. އޭރު އެމްޑީޕީ މެމްބަރުން ދިޔައީ މަޖިލިސް ތެރޭގައި އަޑުގަދަ ކުރައްވަމުންނެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވީ ގައުމެއްގެ ރައީސަކު ރައްޔިތުންނާ ދިމާލަށް އެގޮތަށް އިޝާރާތް ކުރެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެގޮތަށް އިޝާރާތް ކުރެއްވުމުން ދޭހަވަނީ ގައުމުގެ ކަންކަން ރަނގަޅު ނޫން ކަމަށް ރައީސް ޔާމީން ވެސް ގަބޫލު ކުރެއްވުން ކަމަށާއި އެކަމާ މެދު އެމަނިކުފާނު ފަހުން ލަދުވެތިވެ ވަޑައިގަންނަވާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

"މިއަދު ފެނިގެން އެ ދިޔައީ ޚުދު އެމަނިކުފާނުގެ ސަރުކާރު އޮތްގޮތް، އެ އޮތީ ބޯކޮޅު ވަތަށްކަން ފެނިގެން މިދަނީ، އެއީ ކޮންފޮޓަބްލް ސަރުކާރެއްގައި އެ އިނގިލި ހުންނާނީ މައްޗަށް، ތިރިއަށް ދަންޏާ އޭގެ މާނައަކީ ހަމަ ގައިމު ވެސް ގައުމުގައި ގޯސްތަކެއް އުޅޭ ކަމަށް އެމަނިކުފާނު ގަބޫލު ކުރައްވާކަން." އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ރިޔާސީ ބަޔާނަށް ވުރެ ބޮޑަށް ރައީސް ޔާމީން އިޝާރާތުން ގައުމުގެ ހާލަތު ވަރަށް ރަނގަޅަށް ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އެހެންވެ އެކަންކަން އިސްލާހުކުރަން އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާގެ މޭޒަށް ދިއުމުގެ ފުރުސަތު ރައީސަށް އެބައޮތް ކަމަށާއި ނަމަވެސް އަނިޔާވެރިކަން އިސްކޮށްގެން ކަންކަން ހައްލު ނުކުރެވޭނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި އެކްޓިވިސްޓުންގެ ވިސްނުމުން ރައީސަކު ވިސްނައިގެން ކަންކަން ހައްލު ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާ އަނބުރާ ގެންދަން ވެސް މިއަދު އަލީ ވަހީދު ވަނީ ސަރުކާރަށް ގޮވާލައްވައިފަ އެވެ. އަދި އެ ޕާޓީއަށް ނިސްބަތްވާ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އައިސީޔޫގައި އެޑްމިޓްކޮށްފައިވާތީ އެކަމާ ހިތާމަ ކުރާ ކަމަށާއި އޭނާއަށް އަވަސް ޝިފާއަށް ދެއްވުން އެދޭ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.