ޕީޕީއެމް

ރައީސް ޔާމީނާ ވަދާކުރެއްވޭވަރުގެ ލީޑަރަކު ޕީޕީއެމްގައި ނެތް: އަޒްލީން

ޕީޕީއެމްގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީން ބަލިކުރެވޭނެ އެހެން ލީޑަރެއް ނެތް ކަމަށް ހޯމް މިނިސްޓަރު އަހުމަދު އަޒްލީން މިއަދު ވިދާޅުވެއްޖެ އެވެ. އަޒްލީން ވިދާޅުވީ، ޕްރައިމަރީއަކީ ރައީސް ޔާމީން ޖެހިލުންވެވަޑައިގަންނަވާނެ ކަމެއް ނޫން ކަމަށެވެ.

މިއަދު ބޭއްވި ޕީޕީއެމްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، 2013 އިގެ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވީ އެއްވެސް މަގާމެއްގައި ހުންނަވައިގެން ނޫން ކަމަށެވެ. އޭރު ވެސް އަދި މިހާރު ވެސް އެމަނިކުފާނަށް ތާއީދު އޮތް ކަމަށެވެ. އެމަނިކުފާނު ޕްރައިމަރީއަށް ނިކުމެވަޑައިގަތީ އެކަނި ކަމަށާއި އޭރު އެމަނިކުފާނުގެ ފަހަތުގައި ކައުންސިލް މެންބަރުންނާއި ޕީޖީ މެންބަރުން ވެސް ނެތްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އެކަނި ނިކުމެވަޑައިގެން ތަފާތު ބޮޑުކޮށް ނަތީޖާ ނެރެދެއްވީ، މިއަދު ތި ބޭފުޅުން ހީފުޅުކުރައްވަނީ ކީކޭ ކަމަށްތޯ، ރައީސް ޔާމީން އިރާދަކުރެއްވިއްޔާ ޕްރައިމަރީއެއް އޮތިއްޔާ ކާމިޔާބުކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

"ރައީސް ޔާމީން ރައްޔިތުންގެ ލޯބި ހޯއްދެވީމަ ޕްރައިމަރީއާމެދު ސުވާލު ނުއުފެއްދޭ ދެއްތޯ، ޕްރައިމަރީއެއް ބޭއްވިޔަސް މައްސަލައެއް ނެތް، ޕްރައިމަރީއެއް ބާއްވާ ކަމަށްވާ ނަމަވެސް އެ ޕްރައިމަރީއެއް ރައީސް ކާމިޔާބުކުރައްވާނެ، އަޅުގަނޑަކަށް ހިއެއް ނުވޭ ޕްރައިމަރީގައި އަޅުގަނޑުމެންގެ ޕާޓީގެ އެހެން ބޭފުޅަކަށް ވާދަކުރައްވަން ކެރޭނެ ކަމެއް ވެސް، ރައީސް ޔާމީން ފަދަ ސިޔާސީ ވެރިއެއް ޕީޕީއެމްގަ ކީއްކުރަންތޯ މުޅި ރާއްޖޭގައި ވެސް ނެތް މިހާރު،"

އަންނަ ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ އެތޭގެ ޕްރައިމަރީއެއް ބޭއްވުމާ ގުޅޭ ގޮތުން ޕީޕީއެމްގެ ކައުންސިލް މެންބަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވީ، އަސާސީ ގަވައިދުގައިވާ ގޮތުން ޕާޓީގެ ބޭފުޅަކު ފުރަތަމަ ދައުރު ފުރިހަމަ ކުރައްވަމުންދާ ކަމަށްވާނަމަ އެ ބޭފުޅަކަށް ދެވަަނަ ދައުރުގެ ޓިކެޓް ޕްރައިމަރީއަކާ ނުލާ ދިނުމަށް އިހުތިޔާރު ދޭން ޖެހޭނެ ކަމަށެވެ. ޕްރައިމަރީއަކާ ނުލާ ޓިކެޓް ނުދެވޭނީ އެ ބޭފުޅެއްގެ މަސައްކަތް ކައުންސިލްގެ މެޖޯރިޓީއަށް ކަމުނުދާ ކަމަށްވާނަމަ ކަމަށެވެ.

މުންދު ވިދާޅުވީ، ރައީސްް ޔާމީންއަށް ޕްރައިމަރީއަކާ ނުލާ ޓިކެޓް ދިނުމަށް ދެކޮޅު ހަދާ މީހެއްނަމަ އެ މައްސަލަ ޕާޓީގެ ކައުންސިލަށް ވައްދައި އެކަމާ މަޝަވަރާކުރުމަށް އެދޭ ކަމަށެވެ. އެކަމަށް މެޖޯރިޓީން ތާއީދުކޮށްފިނަމަ، އެންމެ އަވަހަށް ބާއްވާ ކޮންގްރެސްއެއްގައި ޕްރައިމަރީއެއް ބާއްވާނެތޯ ނުވަތަ ނޫންތޯ ނިންމުމަށް ވޯޓެއް ލެވޭނެ ކަމަށް ވެސް މުންދު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، 2013 ގައި ވެސް ޕީޕީއެމްއަށް އޮތް ތާއީދު ދަށްވެގެން ދިޔައީ ޕްރައިމަރީގެ ސަބަބުން އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ކަމަށެވެ. އަދި އެ ޕްރައިމަރީގައި ރައީސް ޔާމީންއާ ވަދަކުރެއްވީ ނަތީޖާ ގަބޫލުކުރެވޭވަރުގެ ބޭފުޅެއް ނޫން ކަމަށެވެ. އަލުން އެކަން ތަޖުރިބާކުރުމަށް ބޭނުންނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ވެރިކަން ކުރަން ހުންނަ ބޭފުޅަކު ދެވަނަ ދައުރަށް ޓިކެޓް ހޯދުމަށް ޕަރައިމަރީއެއް ބޭއްވުމަކީ ޕްރެޓިކަލް ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެގޮތަށް އަމަލުކުރަމުންނުދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.