އަހުމަދު ނިހާން ހުސައިން މަނިކު

"ހަތުރުންނާއެކު" އެއް މޭޒަކަށް އެރުމުން ފިޔަވަޅު އަޅާނަން: ނިހާން

އިދިކޮޅު ސިޔާސީ ޕާޓީތަކާ އެއް މޭޒަކަށް އަރައި ޕީޕީއެމްގެ ނަމުގައި ވާހަކަ ދެއްކުމުން އެ ޕާޓީގެ ޑެޕިއުޓީ އެސްޖީ އަބްދުލް އަލީމާމެދު ފިޔަވަޅު އަޅާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކް މިއަދު ވިދާޅުވެއްޖެ އެވެ.

ޕާޓީތަކަށް އިލެކްޝަން ކޮމިޝަނުން ފައިސާ ދިނުން ލަސްކުރާ މައްސަލާގައި ފަސް ޕާޓީއެއް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީމް ވަނީ ޕީޕީއެމް ތަމްސީލް ކުރުމަށް ބައިވެރިވެފަ އެވެ. އެ ބައްދަލުވުމުގައި ދެން ބައިވެރިވީ އެންމެ އިދިކޮޅު އެމްޑީޕީ، އަދާލަތު ޕާޓީ އާއި ޖޭޕީ އަދި ޑީއާރްޕީ އެވެ.

މިއަދު ޕީޕީއެމްގެ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވިދާޅުވީ، "ހަތުރުންނާ" އެއް މޭޒަކަށް އަރައި ޕީޕީއެމް ތަމްސީލުކޮށްފައިވަނީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ކަމަށެވެ. އެކަމާ ގުޅިގެން ގަވައިދުގެ ދަށުން އަލީމްއާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. ނިހާން ވިދާޅުވީ، އިދިކޮޅު ޕާޓީތަކާއެކު ޕީޕީއެމް ތަމްސީލްކޮށްފައިވަނީ ކައުންސިލްގެ ހުއްދަ ނެތި ކަމަށެވެ.

މިއަދު އަލީމް ވިދާޅުވެފައިވަނީ އެހެން ޕާޓީތަކާއެކު ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ތަމްސީލް ކުރުމަށް ބައިވެރިވީ އެގޮތަށް ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެންގެވުމުން ކަމަށެވެ. އަދި އެ މައްސަލައަކީ ހުރިހާ ޕާޓީއެއްގެ މަސްލަހަތު ހިމެނޭ ކަމަކަށްވާތީ ކަމަށެވެ.

ނިހާން ވިދާޅުވީ، ސަރުކާރަށް ޖެއްސުންކޮށް އުނދަގޫ ކުރާ ބަޔަކާ އެއް މޭޒަކަށް ޕީޕީއެމް އަރައިގެން ނުވާނެ ކަމަށެވެ. ހާއްސަކޮށް ޕީޕީއެމްގެ ސިޔާސީ ހަތުރެއް ކަމަށްވާ އެމްޑީޕީއާއެކު އެއް މޭޒަކަށް އަރައިގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަބްދުލް ރަހީމް އަބްދުﷲ ވިދާޅުވީ، އިދިކޮޅު ފަރާތްތަކާ ގުޅިގެން ރައީސް މައުމޫން މަސައްކަތް ކުރައްވާތީ ހިތާމަކުރައްވާ ކަމަށެވެ. އަދި ޕީޕީއެމްއަށް ތާއީދު ކުރައްވާ ބޭފުޅަކު އެމްޑީޕީއާ އެއް މޭޒަކަށް އަރައި ސަރުކާރަށް ފާޑުކިޔަން ބޭނުން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ވެސް އަލީމް ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކާފަ އެވެ. އޭނާ ވިދާޅުވީ، އެމްޑީޕީއާއެކު އެއް މޭޒެއްގައި ނޫސްވެރިން މައުލޫމާތު ދިނުމުގެ މާނައަކީ ޕީޕީއެމް ނުވަތަ މައުމޫން އެމްޑީޕީއާ ގުޅިގެން މަސައްކަތްކުރުން ނޫން ކަމަށެވެ.