ސްޓޮކް އެކްސްޗޭންޖް

އުރީދޫ މޯލްޑިވްސް ހިއްސާގެ ބާޒާރުގައި ލިސްޓްކޮށްފި

  • ރާއްޖެއަކީ ގްރޫޕަށް މުހިންމު މާކެޓެއް
  • ފައިދާ ހޯދުމަށްވުރެ ބޮޑަށް ބެލީ އިންވެސްޓް ކުރަން
  • އުރީދޫން 250 މިލިއަން ޑޮލަރު އިންވެސްޓް ކޮށްފި

ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ގަތަރުގެ މުއާސަލާތީ ކުންފުނި އުރީދޫ ގްރޫޕުން، ހިންގާ އުރީދޫ މޯލްޑިވްސް ރަޖިސްޓްރީކޮށް، ހިއްސާ ވިއްކަން ފެށުމުގެ ތައްޔާރީތައް ފަށައިފި އެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި މޯލްޑިވްސް ސްޓޮކްއެކްސް ޗޭންޖަށް ލިސްޓުގެ ފަރާތުން ލިސްޓު ކުރިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ސްޓޮކް އެކްސްޖޭންޖުގެ ޗެއާމަން އަލާއު އަލީ އެވެ. އަދި އުރީދޫ ގްރޫޕުގެ ފަރާތުން މި ލިޔުމާ ހަވާލުވެ ވަޑައިގަތީ އުރީދޫ ގްރޫޕުގެ ޗެއާމަން ޝައިހު އަބްދުﷲ ބިން މުހައްމަދު ބިން ސައުދު އަލްތާނީ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫ ގްރޫޕުގެ ޗެއާމަން ޝައިހު އަބްދުﷲ ބިން މުހައްމަދު ބިން ސައުދު އަލްތާނީ ވިދާޅުވީ ވޭތުވެދިޔަ ހަ އަހަރު ދުވަހަށް ބަލާއިރު އުރީދޫ ގްރޫޕަކީ އެންމެ ރަނގަޅަށް ކުރިއަރަމުންދާ ކުންފުނި ކަމަށެވެ.

"ހަ އަހަރަށް ބަލާއިރު އަޅުގަނޑުމެންގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑަށް ކުރިއަރާ ކުންފުންޏަކީ އުރީދޫ މޯލްޑިވްސް. ހުނަރުވެރި ލީޑާޝިޕް ޓީމްއަކާއެކު މުވައްޒަފުންގެ މިންނަތް މަސައްކަތުގެ ސަބަބުން، އުރީދޫ ގްރޫޕުގެ އެއްބާރުލުމާއެކު މި ކުންފުނިން ވަނީ ދުނިޔޭގެ ދުނިޔޭގެ ފެންވަރު ރަނގަޅު ސްޕީޑާއި ހިދުމަތް ދިވެހިންނަށް ގެނެސްދީފައި،" މުހައްމަދު ބިން ސައުދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުރީދޫން ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓު ކުރުން ވެގެންދާނީ ކުންފުނީގައި އިންވެސްޓް ކުރަން އާއްމުންނަށް ލިބޭނެ ރަނުގެ ފުރުސަތަކަށް ކަމަށެވެ.

"އުރީދޫ މޯލްޑިވްސް އައިޕީއޯ ވެގެންދާނީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުންނަށް ކުންފުނީގެ ކާމިޔާބީގައި ހިއްސާވެ، ކުރިމަގުގައި ވިޔަފާރީގައި ލިބޭ ކާމިޔާބީގައި ބައިވެރިވުމަށް ލިބޭ ފުރުސަތަކަށް،" މުހައްމަދު ބިން ސައުދު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ވިކްރަމް ސިއްހަ ވިދާޅުވީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން މުއާސަލާތީ ހިދުމަތް ދިނުމަށް އެ ކުންފުނިން ރާއްޖޭގައި 10 އަހަރުގެ ތެރޭގައި 250 މިލިއަން ޑޮލަރު އިންވެސްޓް ކޮށްފައިވާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ އެ ކުންފުންޏަކީ މާކެޓް އަގަށް ބަލާއިރު ގާތްގަނޑަކަށް 2.5 ބިލިއަން ޑޮލަރުގެ ކުންފުންޏެއް ކަމަށެވެ.

"ފައިދާ ހޯދުމަށް ވުރެ ބޮޑަށް ބެލީ އިންވެސްޓް ކުރުމަށް. ދެ އަހަރުތެރޭގައި 40 ޕަސެންޓުގެ ކުރިއެރުމެއް ލިބިއްޖެ،" ވިކްރަމް ވިދާޅުވި އެވެ.

"އުރީދޫ ލިސްޓު ކުރުމަކީ ކާމިޔާބީއެއް"

މި ރަސްމިއްޔާތުގައި މޯލްޑިވްސް ސްޓޮކްއެކްސްޗޭންޖުގެ ޗެއާމަން އަލާއު އަލީ ވިދާޅުވީ ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓު ކުރި ފުރަތަމަ މަލްޓިނޭޝަނަލް ކުންފުންޏަށް އުރީދޫ ވުމަކީ ފާހަގަ ކޮށްލަން ޖެހޭ ކަމަށެވެ. އަދި ހިއްސާގެ ބާޒާރުގައި ކުންފުނިތައް ލިސްޓް ކުރުމަކީ ކާމިޔާބީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ހިއްސާގެ ބާޒާރަށް މިއީ ނުވަ އަހަރު. ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓު ކުރި 10 ވަނަ ކުންފުނި،" އަލާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހިއްސާގެ ބާޒާރު ފެށިގެން އައީ 2.6 މިލިއަން، މިހާރު 7.8 މިލިއަންއަށް އަރާފައިވާ ކަމަށެވެ.