ވިޔަފާރި

އުރީދޫން ހިއްސާއެއް ވިއްކާނީ 30 ރުފިޔާ އަށް!

  • މި މަހުގެ 30 އިން ފެށިގެން ހިއްސާ ވިއްކޭނެ
  • އެންމެ މަދުވެގެން ގަނެވޭނީ 50 ހިއްސާ
  • ކުންފުނީގެ 41 ޕަސެންޓް ހިއްސާ ވިއްކާނެ

ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޓެލެކޮމް ކުންފުނި ކަމަށްވާ އުރީދޫގެ ފަރާތުން ރާއްޖޭގައި ހިންގާ، އުރީދޫ މޯލްޑިވްސްގެ ހިއްސާއެއް ރާއްޖޭގެ ހިއްސާގެ ބާޒާރުގައި އާންމުންނަށް ވިއްކާނީ 30ރ. އަށް ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.

އުރީދޫގެ ހިއްސާ ވިއްކުމާ ބެހޭ ގޮތުން އެ ކުންފުނިން ނެރެފައިވާ "ޕްރޮސްޕެކްޓާސް" ގައި ވާގޮތުން ހިއްސާ ވިއްކަން ހުޅުވާލާނީ މި މަހުގެ 30 ވަނަ ދުވަހު އެވެ. މިގޮތުން ހިއްސާއެއް 30ރ. އަށް ވިއްކާއިރު، އެ ކުންފުނީގެ 41 ޕަސެންޓް ހިއްސާ އާއްމުންނަށް ވިއްކާނެ އެވެ. އަދި ހިއްސާ ވިއްކައިގެން 1.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ އަންދާޒާކޮށްފަ އެވެ.

އުރީދޫ މޯލްޑިވްސްއިން ކަނޑައަލާފައިވާ ގޮތުގައި ހިއްސާ ގަންނަ ފަރާތަކުން އެންމެ މަދުވެގެން 50 ހިއްސާ ގަންނަން ޖެހެ އެވެ. އަދި އާންމު ފަރުދުންގެ އިތުރަށް ކުންފުނިތަކާއި ޕާޓްނަޝިޕް ކޯޕަރޭޓިވް ސޮސައިޓީ އަދި އެސޯސިއޭޓްސް އަށް ވެސް އެ ކުންފުނީގެ ހިއްސާ ގަނެވޭނެ އެވެ.

އުރީދޫ މޯލްޑިވްސްއިން ރާއްޖޭގައި ހިއްސާ ވިއްކަން ނިންމައި، ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު 13 ވަނަ ދުވަހު އެވެ.

ކުންފުނީގެ މާލީ އުސްއަލިތައް:

  • ކަސްޓަމަރުންގެ އަދަދު 29.9 ޕަސެންޓް އިތުރުވެފައިވޭ
  • މިދިޔަ އަހަރުގެ ސާފު ފައިދާއަށް 491.3 މިލިއަން ރުފިޔާ
  • 2016 ގެ ޑިވިޑެންޑްގެ ގޮތުގައި 406.5 މިލިއަން ރުފިޔާ

އުރީދޫ ގްރޫޕުގެ ޗެއާމަން ޝައިހު އަބްދުﷲ ބިން މުހައްމަދު ބިން ސައުދު އަލްތާނީ އެ ހަފްލާގައި ވިދާޅުވީ ވޭތުވެދިޔަ ހަ އަހަރު ދުވަހަށް ބަލާއިރު އުރީދޫ ގްރޫޕަކީ އެންމެ ރަނގަޅަށް ކުރިއަރަމުންދާ ކުންފުނި ކަމަށެވެ. އަދި ރާއްޖޭގައި ހިއްސާ ވިއްކުމަކީ ކާމިޔާބު ފިޔަވަޅެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"ހަ އަހަރަށް ބަލާއިރު އަޅުގަނޑުމެންގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑަށް ކުރިއަރާ ކުންފުންޏަކީ އުރީދޫ މޯލްޑިވްސް. ހުނަރުވެރި ލީޑާޝިޕް ޓީމްއަކާއެކު މުވައްޒަފުންގެ މިންނަތް މަސައްކަތުގެ ސަބަބުން، އުރީދޫ ގްރޫޕުގެ އެއްބާރުލުމާއެކު މި ކުންފުނިން ވަނީ ދުނިޔޭގެ ދުނިޔޭގެ ފެންވަރު ރަނގަޅު ސްޕީޑާއި ހިދުމަތް ދިވެހިންނަށް ގެނެސްދީފައި،" މުހައްމަދު ބިން ސައުދު ވިދާޅުވި އެވެ.

އުރީދޫ ގްރޫޕަކީ ޓެލެކޮމް ދާއިރާ ދުނިޔޭގައި އެންމެ ފުންނާބު އުސް އެއް ކުންފުންޏެވެ. މި ކުންފުނިން އެފްރިކާ އާއި މެދުއިރުމަތީގައި ހިދުމަތް ދެމުން ގެންދެ އެވެ. މިގޮތުން އޮމާން އާއި ފަލަސްތީން އަދި އިރާގުގެ ހިއްސާގެ ބާޒާރުގައި ވަނީ ލިސްޓް ކޮށްފަ އެވެ.

އުރީދޫން ވަނީ ހިއްސާ ވިއްކުމާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މާދަމާރޭ ހާއްސަ ރަސްމިއްޔާތެއް ބާއްވަން ނިންމާފަ އެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި ހިއްސާ ވިއްކުން ބަންދުކުރާނީ މެއި މަހުގެ 28 ވަނަ ދުވަހު އެވެ.