ރިޕޯޓް

އުރީދޫގެ ހިއްސާ ވިއްކުން ތާރީހީ ބަދަލަކަށް ވާނެ

  • އުރީދޫގެ ސަބަބުން ބާޒާރުގެ މޫނުމަތި ބަދަލުވާނެ
  • ހިއްސާއަށް އާއްމުންގެ އިތުބާރު ހޯދުން މުހިންމު
  • އުރީދޫ ހިއްސާއެއް ވިއްކާނީ 30ރ. އަށް

މި ރެއަކީ ރާއްޖޭގެ މާލީ ތާރީހުގައި ތަފާތު ކަމެއް ހިނގާނެ ރެއަކަށްވާނެ އެވެ. އެއްގޮތަކުން މިއީ ތާރީހީރެ އެކެވެ. ރާއްޖޭގެ ހިއްސާގެ ބާޒާރުގެ 15 އަހަރުވީ ތާރީހުގައި ފުރަތަމަ ފަހަރަށް މަލްޓިނޭޝަނަލް ކުންފުންޏެއް ރާއްޖޭގެ ހިއްސާގެ ބާޒާރަށް ވަންނަނީ އެވެ. ކުވެއިތް ޓެލްކޮމްގެ މައި ހިއްސާ އޮންނަ އުރީދޫ މޯލްޑިވްސް އިން ރާއްޖޭގައި ހިއްސާ ވިއްކަން ފަށަނީ އެވެ.

އުރީދޫ މޯލްޑިވްސް ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓު ކުރިކަން އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހު އެވެ.

އުރީދޫ ގްރޫޕުގެ ޗެއާމަން ޝައިހު އަބްދުﷲ ބިން މުހައްމަދު ބިން ސައުދު އަލްތާނީ ވިދާޅުވެފައިވާ ގޮތުގައި އުރީދޫން ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓު ކުރުން ވެގެންދާނީ ކުންފުނީގައި އިންވެސްޓް ކުރަން އާއްމުންނަށް ލިބޭނެ ރަނުގެ ފުރުސަތަކަށް ކަމަށެވެ.

"އުރީދޫ މޯލްޑިވްސް އައިޕީއޯ ވެގެންދާނީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުންނަށް ކުންފުނީގެ ކާމިޔާބީގައި ހިއްސާވެ، ކުރިމަގުގައި ވިޔަފާރީގައި ލިބޭ ކާމިޔާބީގައި ބައިވެރިވުމަށް ލިބޭ ފުރުސަތަކަށް،" މުހައްމަދު ބިން ސައުދު ވިދާޅުވި އެވެ.

އުރީދޫ މޯލްޑިވްސްގެ ހެޑް އޮފް އިންވެސްޓާ ރިލޭޝަންސް އަރުޝީ މުހައްމަދު ވިދާޅުވި ގޮތުގައި ހުރިހާ ދިވެހިންނަށް ވެސް ހިއްސާ ގެނެވޭނެ އެވެ.

"ހިއްސާ ގަތުމަށް ވަކި ރެސްޓްރިކްޝަންސް ތަކެއް ނެތް. ދިވެހިންނަށާއި، ދިވެހި ކުންފުނިތަކަށް ބޭރު ކުންފުނިތަކަށް ވެސް ގަނެވޭނެ،" އަރުޝީ ވިދާޅުވި އެވެ.

މާހިރުންގެ ނަޒަރުގައި އުރީދޫ ފަދަ ކުންފުންޏެއް ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓު ކުރުން ވެގެން ގޮސްފައިވަނީ، ހިއްސާގެ ބާޒާރުގެ އިތުބާރު ބޮޑު ވެގެންދިޔަ ކަމަށެވެ.އަދި އެ ކުންފުނިން ވަނީ ހިއްސާ ވިއްކާނެ އަގު ވެސް އާއްމުކޮށްފަ އެވެ. މިގޮތުން ހިއްސާއެއް ވިއްކަނީ 30ރ. އަށެވެ.

ކެޕިޓަލް މާކެޓް ޑިވްލޮޕްމަންޓް އޮފް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ޗެއާމަން އަހުމަދު ނަސީރު ވިދާޅުވި ގޮތުގައި މަލްޓިނޭޝަނަލް ކުންފުންޏަކަށްވެފައި، ބޮޑު ކުންފުންޏަކަށްވުމަކީ އާއްމުންގެ އުންމީދު އިތުރުވާނެ ސަބަބެއް ކަމަށެވެ.

"ބޮންޑެއް ނޫނީ ސުކޫކެއް ވެސް އާއްމުން މި ގަންނަނީ އޭގެން ފައިދާ ހޯދުމަށް. ރާއްޖޭގައި އެހާ ހަރަކާތްތެރި ސްޓޮކް އެކްސްޗޭންޖެއް ނޫން މިއޮތީ. ދުނިޔޭގެ އެހެން ގައުމުތަކުގައި ގަނެ ވިއްކުމުގެ މުއާމަލާތްތައް ހިނގާ. ނަމަވެސް ރާއްޖޭގައި ހިއްސާ ގަނެފައި ބާއްވަނީ،" ނަސީރު ވިދާޅުވި އެވެ.

މާހިރުންގެ ނަޒަރުގައި ޓެލެކޮމް ދާއިރާގެ ބޭރުގެ ކުންފުންޏެއް ރާއްޖޭގައި އިންވެސްޓްކޮށް، މީގެ ފައިދާ ނެރުމަކީ ލިބިގެންދާނެ ބޮޑު އިތުބާރެކެވެ.

އުރީދޫ މޯލްޑިވްސްގެ ހިދުމަތް ރާއްޖޭގައި ފެށީ 2005 ވަނަ އަހަރު އެވެ. ކުންފުންޏާއެކު ރާއްޖޭގެ ޓެލެކޮމް ހިދުމަތަށް ބޮޑު ބަދަލެއް އައިސްފައިވެ އެވެ. އަދި މި ދާއިރާ ތަރައްގީ ކުރުމަށް ގާތްގަނޑަަށް 250 މިލިއަން ޑޮލަރު އެ ކުންފުނިން ވަނީ އިންވެސްްޓްކޮށްފަ އެވެ.

ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ހަ ކުންފުންޏެއް ލިސްޓުކޮށްފައިވެ އެވެ. މި ކުންފުނިތަކަކީ ގައުމީ ބޭންކް ބީއެމްއެލް އާއި އެސްޓީއޯ އަދި އެމްޓީޑީސީގެ އިތުރުން ދިރާގާއި އެޗްޑީއެފްސީ އަދި އަމާނާ ތަކަފުލް އާއި ދާދި ފަހުން ލިސްޓުކޮށް ހިއްސާގެ ވިއްކުމަށް ތައްޔާރުވަމުން ގެންދާ ސްޕެކްޓްރާ ކުންފުންޏެވެ.