ރިޕޯޓް

ބައި ގަރުނު ކުރިން ވެސް ރާއްޖޭގައި ހިއްސާ ވިއްކި!

Apr 26, 2017
  • ކުރިން ތިން ކުންފުންޏަކުން ހިއްސާ ވިއްކި
  • އާއްމުކޮށް ހިއްސާއެެއް ވިއްކީ 10ރ. އަށް
  • ގިނަ އަދަދެއްގެ ދިވެހި ހިއްސާ ގަނެފައިވޭ

މިއީ ހިއްސާގެ މޫސުމެވެ. ކުންފުނިތަކުގެ ހިއްސާދާރުންގެ އަޑު ގަދަވާ ދުވަސް ވަރެވެ. ހިއްސާ ވިއްކުމާއި ހިއްސާ އިން ލިބޭ ފައިދާ ބެހުމުގެ ވާހަކަތައް ދެކެވޭ ދުވަސް ވަރެވެ. މިއަދު މި ވާހަކަ ދައްކާއިރު، ރާއްޖޭގައި ކުންފުނިތަކުގެ ހިއްސާ އާއްމުންނަށް ވިއްކުމުގެ ދިގު ތާރީހެއް އޮތްކަން އެނގޭ ހެއްޔެވެ؟ މި ވާހަކަ ދައްކާނަމަ ދާން ޖެހެނީ މީގެ ބައި ގަރުނަށް ވުރެ ވެސް ދުރަށެވެ.

ރާއްޖޭގައި ހިއްސާ ވިއްކުމުގެ ތާރީހަށް ބަލައިލާއިރު، ދާން ޖެހެނީ މީގެ 60 އަހަރު ފަހަތަށެވެ. ސީއެމްޑީއޭ އިން ނެރެފައިވާ "ކެޕިޓަލް މާކެޓު ރިވިއު" ގައިވާ ގޮތުން ރާއްޖޭގައި އާއްމުންނަށް ހިއްސާ ވިއްކައިގެން ކުންފުނިތަކެއް އުފައްދާފައިވާ ކަމަށް ބުނެ އުޅެ އެވެ. މިގޮތުން އުފެއްދި ކުންފުނިތަކުގެ ތެރޭގައި:

ގައުމީ ކުންފުނި

ގައުމީ ކުންފުންޏަކީ މިހާރުގެ ސްރީލަންކާ، ކުރީގެ ސިލޯން ކުންފުންޏެއްގެ ގޮތްޕެކެވެ. މި ކުންފުނި އުފައްދާފައިވަނީ 1، މެއި 1984 ވަނަ އަހަރު އެވެ. ގައުމީ ކުންފުނީގެ މައިގަނޑު މަގުސަދަކީ އެ ދުވަސްވަރު ރާއްޖޭގައި ވިޔަފާރި ކުރަމުން ދިޔަ، ވޯރާ ވިޔަފާރިންގެ ވިޔަފާރި ދިވެހި ވިޔަފާރިއަށް ބަދަލު ކުރުމެވެ. މި ކުންފުނީގެ މައިގަނޑު ވިޔަފާރިއަކީ ދިވެހިން ބާނާ މަސް ގައުމީ ކުންފުންޏަށް ގަތުމަށްފަހު، ބޭރަށް އެކްސްޕޯޓު ކުރުމެވެ. ގައުމީ ކުންފުނީގެ ހިއްސާ ދިވެހިންނަށް ވިއްކާފައިވަނީ 10ރ. ގެ މަގުންނެވެ. މިގޮތުން ކުންފުނީގެ ހިއްސާ އެންމެ މަދުވެގެން ގަނެވޭނެ މިންވަރުގެ ގޮތުގައި ކަނޑައަޅާފައިވަނީ އެއް ހިއްސާ އެވެ. އަދި ގިނަ ވެގެން ގަނެވޭނީ 10 ހިއްސާ ކަމަށް ކަނޑައަޅާފައިވެ އެވެ. މިގޮތަށް ރައީސް އަމީން ނިންމެވި ސަބަބެއް ކަމަށް ބުނެ އުޅެނީ ދިވެހި ކޮންމެ މީހަކަށް ވެސް މި ކުންފުނީގެ ހިއްސާވާން ފުރުސަތު ދިނުމެވެ. މި ކުންފުނި އުވިފައިވަނީ ރައީސް އަމީންގެ ވެރިކަން ނިމުމުންނެވެ.

މޯލްޑިވްސް ޓްރޭޑިން ކުންފުނި

މޯލްޑިވްސް ޓްރޭޑިން ކުންފުނީގެ މައިގަނޑު ވިޔަފާރިއަކީވެސް މަހުގެ ވިޔަފާރި އެވެ. މި ކުންފުނި އުފައްވީ 13، ޖޫން 1947 ވަނަ އަހަރު އެވެ. މި ކުންފުނި އުފައްދާފައިވަނީ ފަސް މީހުން ވެގެންނެވެ. ކުންފުނީގެ ރައުސުލްމާލަކީ 25،000ރ. އެވެ. މި ކުންފުނިންވެސް ވަނީ އާއްމުންނަށް ހިއްސާ ވިއްކާފަ އެވެ. މި ކުންފުނިން ކޮންމެ ދިވެހި ރައްޔިތަކަށް ހިއްސާ ވިއްކާފައިވަނީ 10ރ.ގެ މަގުންނެވެ.

އެމްއެންޑީސީ އާއި އޯކިޑް ކުންފުނި

މި ދެ ކުންފުނި އުފައްދާފައިވަނީ އިބްރާހިމް ފާމުދޭރި ކިލެގެފާނު ބޮޑު ވަޒީރު ކަމުގެ ދުވަސްވަރު އެވެ. މީގެތެރެއިން އޯކިޑް ކުންފުނީގެ ބާނީއަކީ އިބްރާހިމް ޝިހާބު އެވެ. ނަމަވެސް އޯކިޑް ކުންފުނި ނިސްބަތް ކޮށްފައިވަނީ ރައީސް މުހައްމަދު އަމީން އަށެވެ. މިދެ ކުންފުނި އުވިގެން ދިޔައީ ކުންފުނީގެ މެނޭޖަރު ކުންފުންޏަށް ހިޔާނާތްތެރިވުމުން ކަމަށް މަޝްހުރު ތާރީހު ލިޔުންތެރިޔާ އަހުމަދު ޝަފީގު ވިދާޅުވެފައިވެ އެވެ. އަދި ކުންފުނި ބަނގުރޫޅުވެ މެނޭޖަރު މުއްސަނދިވި ކަމަށް ޝަފީގު ވިދާޅުވެފައިވެ އެވެ.

މިއީ ބައިގަރުނު ކުރީގެ ވާހަކަ އެކެވެ. ނަމަވެސް މިއަދު މުޅި މަންޒަރު ބަދަލުވެއްޖެ އެވެ. މިހާރު ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައި ހަ ކުންފުންޏެއް އެބައޮތެވެ. އެ ކުންފުނި ތަކަކީ އެމްޓީސީސީ އާއި ބީއެމްއެލް އަދި އެސްޓީއޯގެ އިތުރުން އެމްޓީޑީސީ އާއި އަމާނާ ތަކާފުލްގެ އިތުރުން ދިރާގާއި ސެންޗޫރިއަންސް އަދި އުރީދޫ މޯލްޑިވްސް އެވެ.