ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާއެކު ރާއްޖެއަށް ބޭރު ފައިސާ ވަންނަ ދޮރުތައް މިދިޔަ އަހަރު އެއްކޮށް ބަންދުވި އެވެ. ނަތީޖާއަކަށްވީ ޑޮލަރުގެ އަގު އިންތިހާއަށް މަތި ވެގެން ދިއުމެވެ. މީގެ ނަތީޖާއަކަަށްވީ އިންފްލޯ ދަށްވި ވަގުތު ޑޮލަރުގެ ކަޅު ބާޒާރު އިންތިހާއަށް މަތިވެގެން ދިއުމެވެ. ކަޅު ބާޒާރުގެ ވިޔަފާރި ފުޅާ ވެގެން ދިއުމެވެ. ނަމަވެސް ރާއްޖޭގެ ބޯޑަރު ޖުލައި 15 ގައި ހުޅުވުމާއެކު މިހާލަތު މަޑުމަޑުން ރަނގަޅުވާން ފެށި އެވެ. ޓޫރިސްޓުންގެ އަދަދު އިތުރުވުމާއެކު ބޭރު ފައިސާ ވަންނަ އަދަދު ވެސް އިތުރުވި އެވެ. އެހެންވެ ޑޮލަރުގެ ބާޒާރު 20ރ. އަށް ހުރި ޑޮލަރުގެ އަގު 17ރ. އަށް ވުރެ ދަަށްވެގެން ދިޔަ އެވެ. ނަމަވެސް ހާލަތު ރަނގަޅުވެ، އުންމީދީ މަގަކަށް އިގްތިސޯދު ލަވަމުން ގެންދަނިކޮށް ޑޮލަރުގެ ކަޅު ބާޒާރު އަނެއްކާ ވެސް ގޯސްވެއްޖެ އެވެ.
ކުއްލި އަކަށް ޑޮލަރެއްގެ އަގު 19ރ. އާ ގާތަށް މަތިވެއްޖެ އެވެ. މިއީ ކީއްވެގެން އައި ބަދަލެއް ހެއްޔެވެ؟ ރާއްޖޭން މުދާ ގަންނަން ކުރާ ހޭދަ މަތިވީ ހެއްޔެވެ؟ ނޫނީ ބިދޭސީން ބޭރު ކުރާ ޑޮލަރުގެ އަދަދު އިތުރުވީ ހެއްޔެވެ؟ މިއީ ކޮން ކަމެއްގެ ނިޝާނެއް ހެއްޔެވެ؟
"ޑޮލަރުގެ އަގު މަތި ވެގެންދާން ޖެހޭ މާ ހާއްސަ ސަބަބެއް ނެތް. އެކްސްޕެކްޓޭޝަނަށް އަންނަ ބަދަލެއްގެ ސަބަބުން ވެސް މަތިވެދާނެ. މިހެންވުމުގެ ސަބަބެއް ކަމަށްވުން ގާތް ފުލް ލޮކްޑައުންއަކަށް ދާން އުޅޭ ވާހަކަ ފެތުރުންވެސް،" ކުރިން އިކޮނޮމިކް މިނިސްޓަރުކަމާއި ސަރުކާރުގެ އެންމެ ބޮޑު ކުންފުނި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި އަހުމަދު މުހައްމަދު ވިދާޅުވި އެވެ.
ބާޒާރުގައި އެއްޗެއް އަގު އުފުލުމުގެ އެއް ސަބަބަކީ އެ މަދުވުމެވެ. ނުވަތަ މަދުވެދާނެ ކަމުގެ ހީއެއް އުޅުމެވެ. މިއީ ވަރަށް ތިލަ ވިސްނުމެކެވެ. މި ވިސްނުމުން ވިސްނާލި ނަމަވެސް އެހާލަތު މިހާރަކު ނެތް ކަމަށް ބުނެވިދާނެ އެވެ. ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އެބަ އިތުރުވެ އެވެ. ކޮވިޑް-19 ގެ ސަބަބުން އިންޑިއާ ލޮންޑައުން ކުރުމާއެކު އެ ގައުމުން އަންނަ މީހުންގެ އަދަދު ނިސްބަތުން ދަށްވި ނަމަވެސް އެވްރެޖު ޓޫރިސްޓު އެރައިވަލް އަށް މާބޮޑު ދަށްވުމެއް އަދި ނުދައްކަ އެވެ.
މި ދުވަސްވަރަކީ ކޮވިޑު ނާންނައިރު ވެސް އެވްރެޖުކޮށް ޓޫރިސްޓުން މަދު އޮފް ސީޒަނެކެވެ. މި މަހުގެ އެކަކުން 16ގެ ނިޔަލަށް ރާއްޖެ އަށް 40،886 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. ރާއްޖޭގެ ޓޫރިޒަމް އެންމެ ރަނގަޅު 2019ގެ މި މުއްދަތުގައި ވެސް އައިސްފައިވަނީ 57،601 ޓޫރިސްޓުންނެވެ. މިހާތަނަށް ރާއްޖެ އަށް ޖުމްލަ 430،656 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. ޓޫރިޒަމް އެންމެ ރަނގަޅު 2019 ވަނަ އަހަރު އައިސްފައިވަނީ 703،693 ޓޫރިސްޓުންނެވެ.
ރާއްޖޭގެ އެވްރެޖު ޑެއިލީ ޓޫރިސްޓު އެރައިވަލް 2،000 އިން މަތީގައި ހުންނަތާ ދެ މަހެއްހާ ދުވަސް ވެއްޖެ އެވެ. މި އަދަދު ހުރީ މިހާރު ވެސް އެވަރުގަ އެވެ. އެހެންވެ ހިސާބު ތަކުން ދައްކަނީ ޓޫރިސްޓުން އަންނަ އަދަދަށް މާބޮޑު ބަދަލެއް އައިސްފައި ނެތް ކަމަށެވެ.
ދެން އޮތީ ދައުލަތަށް ބޭރު ފައިސާ ވަންނަ މިންވަރެވެ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ދައުލަތަށް ޑޮލަރުން އާމްދަނީގެ ގޮތުގައި 217 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. މިއީ 2019 ވަނަ އަހަރު ލިބުނު 250 މިލިއަން ޑޮލަރާ އަޅާބަލާއިރު ދަށް އަދަދެއް ނަމަވެސް މިއީ ހާލަތާ ބަލާއިރު އިތުރު ވުމެކެވެ. އެހެންވެ ދައުލަތުގެ ޑޮލަރުގެ އާމްދަނީ އިން ވެސް ބޮޑު އަދަދެއްގެ އުނިކަމެއް ހިސާބުތަކުން ނުދައްކަ އެވެ. އެކަމަކު ކަޅު ބާޒާރު މިވަނީ އިންތިހާ އަށް ވަރުގަދަވެފަ އެވެ.
އިގްތިސޯދީ މާހިރަކު ވިދާޅުވި ގޮތުގައި ޑޮލަރުގެ ކަޅު ބާޒާރު ވަރުގަދަވުމުގައި އިގްތިސޯދުގައި އުޅޭ "ވާނުވާ ނޭނގުން" މުހިންމު ދައުރެއް އަދާކުރެ އެވެ.
"އަޅުގަނޑު ގަބޫލު ކުރާ އެއް ކަމަކީ ބޮމުގެ ހަމަލާގެ ސަބަބުން ކުރި އަސަރު. އަނެއް ކަމަކީ އެންމެ ގިނައިން މީހުން އަންނަ އިންޑިއާ މާކެޓު ބަންދު ކުރުން، ދެން އޮތީ ލޮންޑައުން ކުރާނެތޯ ނުވަތަ ނޫންތޯ ކުރާ ސުވާލު. މިހެންވީމަ މާކެޓަކަށް ވާނުވާއެއް ނޭނނެ. އަނެއްހެން ބުނެވިދާނެ މާކެޓުގައި އުޅޭ ކޮންފިޑެންސް ނެތުމެކޭ ވެސް،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސޯދުގައި މިހާރު އުފެދިފައިވާ ކޮންފިޑެންސް ގެއްލުމެއް ނޫނީ ވާނުވާ ނޭނގުމެއް ކަމުގައިވިޔަސް، ރާއްޖޭގެ މާކެޓުގައި ޑޮލަރުގެ އަގަށް އެންމެ ބޮޑަށް އަސަރު ކުރުވާ އެއް ހުރަސް މިހާރަކު ގައިމު ކުޑަ އެވެ. އެއީ އިމްޕޯޓެވެ. ރާއްޖެއަކީ އިމްޕޯޓަށް އިންތިހާ އަށް ބަރޯސާވާ ގައުމަކަށްވުމުން ޑޮލަރުގެ ޑިމާންޑް އިންތިހާ އަށް މައްޗެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ އިމްޕޯޓު މިދިޔަ މާޗް މަހު ވަނީ ކޮންމެވެސް ވަރެއްގެ އިތުރުވުމެއް އައިސްފަ އެވެ. މިއީ ބޭރުވާ ޑޮލަރުގެ އަދަދު އިތުރުވާނެ ކަމެކެވެ. މިދިޔަ މާޗް މަހު ރާއްޖެ އަށް އިމްޕޯޓް ކޮށްފައިވަނީ 3.2 ބިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މި އަހަރުގެ މާޗް މަހު އެ އަދަދު ވަނީ 3.6 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. މިއީ 13 ޕަސެންޓުގެ އިތުުރު ވުމެކެވެ. އެކަމަކު މިހާރު ވިޔަފާރިތައް ދަށްވެފައި ހުރުމުން ކުރި އަށް އޮތް ދެ ތިން މަހު އިމްޕޯޓް ދަށްވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.
އިގްތިސޯދީ މާހިރުންގެ ނަަޒަރުގައި އާމްދަނީ ދަށްއިރު، ދައުލަތުގެ ބަޖެޓުގެ ހަރަދުތައް މަތިވަމުން ދިއުމަކީ ވެސް ޑޮލަރުގެ އަގު ބޮޑުވުމުގެ ސަބަބެކެވެ. ހަރަދުގެ މިސާލެއްގެ ގޮތުގައި މާހިރުން ގަބޫލު ކުރައްވަނީ ކޮވިޑް-19 އަށް ކުރަމުންދާ ހޭދަ އެވެ. ރާއްޖޭގެ އާބާދީ 400،000 ގައި މީހުން އުޅޭއިރު މިހާތަނަށް ކޮވިޑުގެ ކަންކަމަށް އެކަނި 3.3 ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ހޭދަކޮށްފި އެވެ. މިއީ ވެސް ޑޮލަރުގެ އަގު މަތިވެދާނެ ފެކްޓާއެކެވެ.
ދެން ޑޮލަރުގެ އަގު މަތިވެދާނެ ކަމުގެ އެންމެ ބޮޑު އަނެއް އަލާމާތަކީ ސަރުކާރުން ބްލެކް މާކެޓުގެ ތެރެ އަށް ނުކުމެ ޑޮލަރު ގަތުމެވެ. މިކަން މިހާރު ވެސް އެބަ ފެނެ އެވެ. ސަރުކާރުގެ ބޮޑެތި ކުންފުނިތަކުން ކަޅު ބާޒާރުން ޑޮލަރު ގަންނަން ފަށައިފި އެވެ- މިއީ ޑޮލަރުގެ ކަޅު ބާޒާރަށް އަސަރު ކުރުވާނެ ކަމެކެވެ. ސަބަބަކީ ރާއްޖެ އަށް ވަންނަ ޑޮލަރުގެ ބޮޑު ބައެއް ސަރުކާރު ކުންފުނިތަކުގެ "ބަނޑަށް" ވަނުމެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ބޭންކު ތަކަށް 633.9 މިލިއަން ޑޮލަރު ވިއްކި އެވެ. އެ އަހަރު ވިއްކި ޑޮލަރުގެ ތެރެއިން 392.8 މިލިއަން ޑޮލަރު ވިއްކާފައިވަނީ ސަރުކާރުގެ ކުންފުނި ތަކަށެވެ. މިއީ އެމްއެމްއޭ އިން އެ އަހަރު ވިއްކި ޑޮލަރުގެ 62 ޕަސެންޓެވެ. މާނައަކީ ރާއްޖެ އަށް ވަންނަ ޑޮލަރުގެ ތެރެއިން އެމްއެމްއޭ އިން ފޯރުކޮށްދޭ ޑޮލަރުގެ ބޮޑުބައި ނަގަނީ ސަރުކާރު ކުންފުނި ތަކުންނެވެ. އެހެންވެ ބްލެކް މާކެޓުން ސަރުކާރު ކުންފުނި ތަކުން ޑޮލަރު ގަތުމަކީ ކަޅު ބާޒާރު ބޮޑުވުމުގެ އެންމެ މުހިންމު އެއް ފެކްޓާ ކަމަށް ނިންމުމުގެ ފުރުސަތު އެބައޮތް ކަމަށް އިގްތިސޯދީ އިލްމު ނެތް މީހަކަށް ވެސް އެނގޭނެ އެވެ.
ސަރުކާރު ކުންފުނި ތަކުން ބްލެކް މާކެޓުން ޑޮލަރު ގަތުމަކީ ކުރިން ވަރަށް އާއްމު ކަމެކެވެ. ނަމަވެސް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު ޑޮލަރުގެ ބޭންޑް ދޫކޮށްލުމާއެކު 20ރ. އަށް ޑޮލަރު އަރާފައިވަނިކޮށް މި މާކެޓު ހަމައަކަށް އަޅުވަން ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި އެޅުއްވި އެއް ފިޔަވަޅަކީ މަރުކަޒީ ބޭންކުން ސަރުކާރުގެ ކުންފުނި ތަކަށް ޑޮލަރު ފޯރުކޮށް ދިނުމެވެ. އެ ވެރިކަމުގެ ފަސް އަހަރު ޑޮލަރުގެ އިންފްލޯ އިތުރުވުމުގެ އިތުރުން ޑޮލަރުގެ ކަޅު ބާޒާރު ދަށްވުމުގައި މިކަންވީ ބޮޑު ބާރަކަށެވެ.
އިގްތިސޯދީ މާހިރަކު ވިދާޅުވި ގޮތުގައި ސަރުކާރުގެ ކުންފުނިތަކުން ޑޮލަރު ގަތުމަކީ ބޮޑު ކޮރަޕްޝަނެއްގެ ފެށުމެވެ.
"އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ ހަގީގީ ފެށުމަކީ މިއީ. ހަނދާން ހުންނާނެ އެމްޕީއެލް ޑޮލަރުގެ މައްސަލަ. މިއީ ނުރައްކަލެއް،" ކުުރިން އެމްއެމްއޭގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅަކު ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.
"މިސާލަކަށް ބައްލަވާ އެޗްޑީސީ އެ ކުންފުނީގެ ޕްރޮޖެކްޓްތަކަށް ލޯނު ދައްކަން ކިހާ ޑޮލަރެއް ބޭނުންވާނެތޯ. އަޅުގަނޑުގެ އަންދާޒާއަކީ ފަހަރު ދެ ތިން މިލިއަން ޑޮލަރު ބޭނުންވާނެ. މިއީ ވަރަށް ބޮޑު ގޯހެއް."
ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި ސަރުކާރުގެ ކުންފުނިތަކުގައި ހުރިހާ ވަސީލަތް ތަކެއް ހުންނައިރު، މާކެޓުގައި ހުރި ޑޮލަރު ކޮޅު ނެގުމަކީ ބޮޑު ގޯހެކެވެ.
"އެ މީހުން [ސަރުކާރު ކުންފުނިތަކުން] ކުލި ނުދެއްކިގެން ހާސްވާކަށް ނުޖެހޭނެ. މުސާރަ ނުދެވިގެން އުޅޭކަން ނުޖެހޭ. ހުރިހާ މަންފާއެއް އެ މީހުންނަށް ލިބޭ. އެހެންވީއިރު މާކެޓުން ޑޮލަރު ނެގުމަކީ ބޮޑު ގޯހެއް،" ސައީދު ވިދާޅުވި އެވެ.
ސަރުކާރު ކުންފުނިތަކުން ކުލި ނުދެއްކިގެން ހާސްވާކަށް ނުޖެހޭނެ. މުސާރަ ނުދެވިގެން އުޅޭކަން ނުޖެހޭ. ހުރިހާ މަންފާއެއް އެ މީހުންނަށް ލިބޭ. އެހެންވީމަ މާކެޓުން ޑޮލަރު ނެގުމަކީ ބޮޑު ގޯހެއްމުހައްމަދު ސައީދު | ކުރީގެ އިކޮނޮމިކް މިނިސްޓަރު
އޭނާ ސިފަ ކުރެއްވި ގޮތުގައި މި ކަމަކީ ސަރުކާރު ސްޕޮންސާކޮށްގެން ކުރާ މާކެޓު ރޮބެރީ އެވެ. ނުވަތަ ތިލަބަހުންނަމަ ބާޒާރު ފޭރުމެވެ.
"ސަރުކާރުން މި ބުނަނީ ކަޅު ބާޒާރު އުފައްދާށޭ. ހިނގާށޭ ހުރިހާ މީހުން ކަޅު ބާޒާރަށް. އެހެން ނޫންތޯ މި ބުނެވެނީ،" ސައީދު ސުވާލު އުފެއްދެވި އެވެ.
ކޮންމެ ގޮތެއްގައި ނަމަވެސް ޑޮލަރުގެ މާކެޓަށް ވަރުގަދަ ގުޑުމެއް އައިސްފި އެވެ. މީގެ ހަގީގީ ސަބަބަކީ ކޮބައިކަން އެނގެން ދުވަސް ނަގާނެ އެވެ. މިކަމަކީ ސަރުކާރުން ސާފުކޮށްދޭން ޖެހޭ ކަމެކެވެ. ސަބަބަކީ މާކެޓުގައި ހުރި ވާނުވާ ފިލައިގެން ނޫން ގޮތަކަށް މާކެޓު ހަމައަށް ނޭޅުވުމެވެ.