އެމެރިކާ ޑޮލަރު

މިހާތަނަށް އާމްދަނީއަށް ލިބުނީ 217 މިލިއަން ޑޮލަރު

މިއަހަރު މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 217 މިލިއަން ޑޮލަރު ކަމަށް ތަފާސް ހިސާބު ތަކުން ދައްކައިފި އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެޕްރީލްގެ ނިޔަލަށް ޑޮލަރުން ލިބުނީ 217 މިލިއަން ޑޮލަރެވެ. ނަމަވެސް މިދިޔަ އަހަރުގެ އެޕްރީލްގެ ނިޔަލަށް ލިބިފައިވަނީ 193 މިލިއަން ޑޮލަރެވެ. އަދި 2019 ވަނަ އަހަރުގެ އެޕްރީލްގެ ނިޔަލަށް 250 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އަދި 2018 ވަނަ އަހަރު ލިބުނީ 246 މިލިއަން ޑޮލަރެވެ.

ދައުލަތަށް ލިބޭ އާމްދަނީ އިތުރު ވަމުން އަންނައިރު ރާއްޖެ އިމްޕޯޓަށް އާއްމު ގޮތެއްގައި 150 މިލިއަން ޑޮލަރު ހޭދަ ކުރެ އެވެ. ނަމަވެސް މި ދުވަސްވަރު އިމްޕޯޓު ދަށްވެފައިވުމުން ރާއްޖޭން ބޭރު ކުރާ ޑޮލަރުގެ ނިސްބަތް އެވްރެކޮށް ދަށްވާނެ އެވެ.

ރާއްޖެއަކީ އިމްޕޯޓަށް އިންތިހާ އަށް ބަރޯސާވެފައިވާ ގައުމަކަށްވުމާއެކު ޑޮލަރަށް އޮންނަ ޑިމާންޑް ބޮޑެވެ. އެހެންވެ އިގްތިސޯދު ހީނަރުވުމާއެކު ޑޮލަރުގެ ބްލެކް މާކެޓު ބޮޑުވެ އެ ވިޔަފާރި ފުޅާކޮށް ކުރަން ފަށަ އެވެ. އަދި މިކަން ހުއްޓުވަން ސަރުކާރު ވަނީ ނުކުޅެދިފަ އެވެ.