ދައުލަތުގެ އާމްދަނީ

ޑޮލަރުގެ އާމްދަނީ މަތިވެ 519 މިލިއަން ޑޮލަރަށް

Dec 11, 2021
2

މި އަހަރުގެ މިހާތަނަށް ޑޮލަރުން އާމްދަނީގެ ގޮތުގައި ލިބުނު މިންވަރު 519 މިލިއަން ޑޮލަރަށްވުރެ މަތިވެއްޖެ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޑޮލަރުން އާމްދަނީގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 519 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ބަލާނަމަ ޑޮލަރުން ލިބުނީ 257 މިލިއަން ޑޮލަރެވެ.

މިދިޔަ މަސް އެކަނި ބަލާނަމަ ޑޮލަރުން އާމްދަނީގެ ގޮތުގައި 51 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މި އަދަދު އުޅުނީ 11 މިލިއަން ޑޮލަރުގަ އެވެ.

ޑޮލަރުން އާމްދަނީ އެންމެ ގިނައިން ލިބޭ ދާއިރާތަކަށް ބަލާއިރު ޓޫރިޒަމް ޖީއެސްޓީން 4.5 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި އެހެނިހެން ޓެކްސްތަކުން ލިބިފައިވަނީ 1.9 މިލިއަން ރުފިޔާ އެވެ. އަދި ގްރީން ޓެކުހުން ނޮވެމްބަރު މަހުގެ ނިޔަލަށް 707 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު ލިބުނީ 326 މިލިއަން ޑޮލަރެވެ.

ޑޮލަރުން ދައުލަތަށް ލިބުނު އާމްދަނީ މަތިވެގެން ގޮސްފައި މިވަނީ ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވުމާ ގުޅިގެންނެވެ. މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު 1.1 މިލިއަން ފަހަނަ އަޅާ ގޮސްފައިވެ އެވެ.