ދައުލަތަށް މި އަހަރު ލިބުނު ޓެކްސް ނޫން އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށަށް ހިނގައްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 2.7 ބިލިއަން ރުފިޔާ އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު 3.7 ބިލިއަން ރުފިޔާއަށްވުރެ އެއް ބިލިއަން ރުފިޔާ -- 37 ޕަސެންޓް ދަށް އަދަދެކެވެ.
ޓެކްސް ނޫން އާމްދަނީ ދަށްވި ނަމަވެސް ޓެކުހުން ލިބުނު އާމްދަނީ ވަނީ އިތުރުވެފަ އެވެ.
އެ ގޮތުން ޓެކްސް އާމްދަނީ އިން މި އަހަރު ދައުލަތަށް 12.4 ބިލިއަން ރުފިޔާ ލިބުނެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސް އާމްދަނީ އިން ދައުލަތަށް ލިބުނު 11.2 ބިލިއަން ރުފިޔާއަށްވުރެ -- 1.2 ބިލިއަން ރުފިޔާ އިތުރު މިންވަރެކެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ލޯނުތައް ދެއްކުމަށް ކުރި ހޭދައާއެކު ދައުލަތުގެ ހަރަދު މި އަހަރުގެ މި މުއްދަތުގައި ހުރީ 18.8 ބިލިއަން ރުފިޔާގަ އެވެ. މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 21.2 ބިލިއަން ރުފިޔާގަ އެވެ.