ރިޕޯޓް

ޑޮލަރުގެ ކަޅު ބާޒާރު ވެއްޓުން، ކޮން ބަދަލެއް؟

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް އެންމެ "ތާށިވީ" ބޭރު ފައިސާ އެވެ. ޓޫރިޒަމް ހުއްޓުނު ވަގުތު ޑޮލަރެއްގެ އަގު 20ރ. އަށް މަތިވި އެވެ. އެކަމަކު މިއަދު ބާޒާރުގައި ޑޮލަރެއް 16.75ރ. އަށް ލިބެ އެވެ. މިއީ ކީއްވެ އައި ބަދަލެއް ހެއްޔެވެ؟ ކޮން ބަޔަކު ކުރި ކަމެއް ހެއްޔެވެ؟ ސަރުކާރުގެ ސިޔާސަ ތަކުން އައި ބަދަލެއް ހެއްުޔެވެ؟ ނޫނީ އިކޮނޮމީ ރަނގަޅުވީ ހެއްޔެވެ؟ ކުރި އަށް ފެންނާނީ ކޮން ކަމެއް ހެއްޔެވެ؟

"ޑޮލަރުގެ އަގު ހެޔޮވުމުގައި ޑޮލަރަށް އިންޓަވެންޝަން އެމްއެމްއޭ އިން ކުރަމުން ދިއުމާއި ޓޫރިޒަމް ރަނގަޅުވުން ހިމެނޭ،" މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އޮފިޝަލަކު އަވަސް އަށް ވިދާޅުވި އެވެ.

ރާއްޖެއަކީ "ޑޮލޮރައިޒް" އިކޮނޮމީއަކަށްވުމުން އިމްޕޯޓަށް ޑޮލަރު ބޭނުންވެ އެވެ. މުދަލުގެ އަގު ވެސް ޑޮލަރަށް "އިމްޕޯޓް"ވާ ބަދަލާއެކު ދަށްވެ މަތިވެ އެވެ. ކޮވިޑް-19 އާ ގުޅިގެން ފެނިގެން ދިޔަ އެއް ކަމަކީވި އެވެ. މިކަން އިތުރަށް ގޯސްވީ ކަޅު ބާޒާރުގެ ކޮންޓްރޯލް ގެއްލި ބޮޑު އަގުގައި ޑޮލަރުން ވިޔަފާރި ކުރަން އޮތް ދޮރުތަކުގެ ސަބަބުންނެވެ. އަގު ބޮޑުކޮށް ޑޮލަރު ގަންނަން ޖެހުމުން ބާޒާރުގައި މުދަލުގެ އަގު ވަނީ ބޮޑުވެފަ އެވެ. ނަމަވެސް މިކަން ނުވޭ ތޯ އެމްއެމްއޭ އިން ބޭންކް ތަކަށް ޑޮލަރު ފޯރުކޮށް ދެމުން ދިޔަ އެވެ. އެކަމަކު، ބޭނުން ވަރަށް ޑޮލަރު ނުލިބި ވިޔަފާރިވެރިން ކަޅު ބާޒާރުން ޑޮލަރު ގަންނަން ޖެހުނެވެ.

މުދާ އިމްޕޯޓް ކުރަން ބޭނުންވާ ޓީޓީގެ 10 ޕަސެންޓު ވެސް ބޭންކް ތަކުން ނުލިބޭ ކަމަށް ބުނެ ވިޔަފާރިވެރިން ޝަކުވާ ކުރަމުން ދިޔަ އެވެ. ވިޔަފާރިވެރިން މުޅިން ވެސް ޑޮލަރު ހޯދީ ބްލެކް މާކެޓިން ބޮޑު އަގުގަ އެވެ. ކަޅު ބާޒާރަށް ފައިބައިގެންނެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި ބޭއްވުމަށްފަހު ޖުލައި 15 ގައި ބޯޑަރު ހުވުމާއެކު މަންޒަރު ބަދަލުވާން ފެށި އެވެ.

މިހާރު ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވާން ފަށާފައިވާއިރު ޑޮލަރުން ވަންނަ އާމްދަނީ ވެސް މަތިވުމެއް ފެނެ އެވެ. މާނައަކީ މިހާރު އިންފްލީ މަތިވެއްޖެ އެވެ. މިދިޔަ ޖެނުއަރީ މަހުގެ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޖެނުއަރީ މަހު ޑޮލަރުން އާމްދަނީގެ ގޮތުގައި 46 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލިބުނު 64 މިލިއަން ޑޮލަރާ އަޅާބަލާއިރު ދަށް އަދަދެއް ނަމަވެސް މިއީ ރަނގަޅު ފެށުމެކެވެ. މިހާރު އެވްރެޖު ގޮތެއްގައި ދުވާލެއްގެ މައްޗަށް 2،000 ޓޫރިސްޓުން އައިސް މަހެއްގެ މައްޗަށް 90،000 ޓޫރިސްޓުން އާދެ އެވެ. އެހެންވެ އިކޮނޮމީގެ އެކި ދިމަދިމާލަށް "ފޭދޭ" ޑޮލަރު އިތުރުވާނެ އެވެ.

ޑޮލަރުގެ އަގު ވެއްޓުމުގެ ހަމައެކަނި ސަބަބަކީ ޓޫރިޒަމް ރަނގަޅުވުމާއި ޑޮލަރު ފޯރުކޮށް ދިނުން އިތުރުވުން ކަމަށް ބުނެވޭކަށްވެސް ނެތެވެ. މީގައި ރާއްޖޭގެ އިގްތިސޯދު މިހާރު އޮތް ހާލަތު ވެސް މުހިންމު ދައުރެއް އަދާ ކުރެ އެވެ. ރާއްޖޭގެ ޓޫރިޒަމް ރަނގަޅުވެ، ރިސޯޓު އޮޕަރޭޝަން "ނޯމަލް" ކަމަށް ފެނުނު ނަމަވެސް ހަގީގަތަކީ ރިސޯޓުތަކުގެ އެނދުގެ ބޮޑުބައި އޮޕަރޭޝަނަށް ނާދެ އެވެ. ރާއްޖޭގެ ޓޫރިޒަމް އެނދުގެ 70 ޕަސެންޓަށް ވުރެ ބޮޑު ބައެއް ނުވަތަ 44،000 އެނދު އަލުން ހުޅުވިކަމަށް ހިސާބު ތަކުން ދެއްކިނަމަވެސް ރިސޯޓުތައް ހިންގަނީ ދަށް އޮކިއުޕެންސީއެއްގަ އެވެ. ހާއްސަކޮށް އެނދު ގިނަ ރިސޯޓުތަކުގެ އޮކިއުޕެންސީ ހުރީ ކޮވިޑް-19 ގެ ބަލީގެ ހާލަތަށް ބަލައި ދަށުގަ އެވެ. އެހެންވެ ރާއްޖޭގެ އިންޕޯޓު އިންތިހާ އަށް ދަށެވެ.

ރާއްޖޭގެ އިމްޕޯޓުގެ ބޮޑު ބައެއް ހިއްސާ ކުރަނީ ލޯކަލް ކޮންސަމްޝަން އަށް ވުރެ ޓޫރިޒަމް ދާއިރާ އަށެވެ. އަދި ލޯކަލް ވިޔަފާރިތައް ހީނަރުވުމާއެކު އިމްޕޯޓު އިތުރަށް ދަށެވެ. ޑޮލަރުގެ ރޭޓް ދަށްވުމުގައި އިމްޕޯޓަށް އޮތް ޑިމާންޑު ދަށްވުމަކީ ސަބަބެކެވެ. ޑޮލަރު ގައުމަށް އެތެރެވާ އަދަދު ކޮންމެ ވެސް ވަރަކަށް އިތުރުވެފައިވީ ނަމަވެސް މުދާ އެތެރެ ކުރަން ޑޮލަރު ބޭނުންވާ ސަބަބު ދަށްވުމަކީ ބްލެކް މާކެޓު ދަށްވުމުގެ މައިގަނޑު ސަބަބެވެ.

ދެން އޮތީ ޑޮލަރު މާކެޓު ދަަށްވެދާނެ އެހެން ސަބަބުތަކަށެވެ. މީގައި ކުރިއަށް އޮތް އިންތިހާބު ވެސް ހިމެނެ އެވެ. ލޯކަލް ކައުންސިލް އިންތިހާބު ކުރިއަށް އޮތުމާއެކު ސަރުކާރުން ޑޮލަރުގެ ބާޒާރު ރަނގަޅު ކުރަން ބޭނުންވުން ވެސް މިއީ ސަބަބަކަށްވުން ގާތްކަމަށް މާހިރުން ގަބޫލު ކުރެ އެވެ.

މި ބަދަލު ގެނެސްފިނަމަ އަންނަ މަހު ރާއްޖޭގެ ރިޒާވުން އެކަން ފެންނާނެ އެވެ.

މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ޖުމްލަ ރިޒާވްގައި 984.8 މިލިއަން ޑޮލަރު ހުރި ކަމަށް ދައްކަ އެވެ. މަރުކަޒީ ބޭންކުން ނެރުނު ކުއާޓަލީ އިކޮނޮމިކް ބުލެޓިންގައި ވާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރު ނިމުނުއިރު ރިޒާވް މަތިވީ ރިޒާވް ބޭންކް އޮފް އިންޑިއާއެކު ހެދި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕުގެ ސަބަބުންނެވެ. މިދިޔަ އަހަރު ފަހު ކުއާޓަރު ނިމުނުއިރު ރިޒާވް ވަނީ 31 ޕަސެންޓް އިތުރު ވެފަ އެވެ. އަދި އެއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު 41 ޕަސެންޓް އިތުރުވުމެކެވެ.

ރާއްޖޭގެ ރިޒާވް މިދިޔަ ޖެނުއަރީ މަހުގެ 21 ގެ ނިޔަލަށް ވަނީ 830.65 މިލިއަން ޑޮލަރަށް ވެއްޓިފަ އެވެ. އަދި ޑޮލަރުގެ އިންޓަވެންޝަން އިތުރަށް ކޮށްފިނަމަ މިހާރު މި އަދަދު ހުންނާނީ އިތުރަށް ދަށްވެފަ އެވެ.

ތަފާތު ސަބަބުތަކާއެކު ކަޅު ބާޒާރު ދަށްވެއްޖެ އެވެ. ޑޮލަރުގެ މާކެޓު ދަށްވުމަކީ ރާއްޖޭގެ އިގްތިސޯދަށް އޭގެ ފައިދާ ކުރާނެ ކަމެކެވެ. ދެން އޮތީ މީގެ ސަބަބުން އަންނަން ޖެހޭ ބަދަލު ތަކެވެ. އެ ބަދަލުތައް އަންނާނެ ހެއްޔެވެ؟