ދިވެހިރާއްޖޭގެ އިގްތިސާދުގެ ލޭނާރު ކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ބޭރު ފައިސާ ދިވެހި ދައުލަތުގެ ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމަށް އެމްއެމްއޭ އިން މިހާރު އަޅާފައިވާ ފިޔަވަޅުތަކަކީ ހިޔާލު ތަފާތުވުން ހުރި ފިޔަވަޅުތަކެކެވެ. ނަމަވެސް ބައެއް ވިޔަފާރިވެރިންނާއި ގިނަ ރައްޔިތުންނަށް އެމްއެމްއޭ އިން އެޅި ފިޔަވަޅުތައް ރަނގަޅެވެ.
ރާއްޖެއަށް ޑޮލަރުން ބޮޑު އާމްދަނީއެއް ލިބުނު ނަމަވެސް ރާއްޖޭގައި އެ ފައިސާ ދައުރުވަމުން ނުދާތީ އެމްއެމްއޭއަށް ޑޮލަރު ލިބުމުގައި ވަރަށް ބޮޑެތި ދަތިތަކެއް އެބަހުއްޓެވެ. އެމްއެމްއޭއަށް ދަތިވުމަކީ ރާއްޖޭގައި ހިންގާ ބޭންކްތަކަށް ބޭރު ފައިސާ ލިބުމަށް ދަތިވާނެ ކަމެކެވެ. އެހެންކަމުން އެމްއެމްއޭ އިން އެޅި ފިޔަވަޅުތަކާ އެކު ޑޮލަރު އެ އިދާރާއަށް ނުލިބޭ މައްސަލައަށް އެކަށީގެންވާ ރަނގަޅު ހައްލެއް ލިބޭނެ އެވެ. އެމްއެމްއޭ އަށް ހައްލެއް ލިބުމަކީ ރާއްޖޭގެ ބޭންކްތަކަށްވެސް ލިބޭނެ ހައްލުތަކަކަށް ވާނެ ކަމެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިވަގުތު ރާއްޖޭގައި 173 ރިސޯޓު ހިންގަމުން ގެންދެ އެވެ. މިއީ ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށާ އަޅާބަލާއިރު ވަރަށް ބޮޑު އަދަދެކެވެ. ރާއްޖޭގައި ގިނަ ރިސޯޓްތަކެއް ހިންގި ނަމަވެސް އެމްއެމްއޭގެ ތަފާސްހިސާބަށް ބަލާއިރު މިދިޔަ އަހަރު ރިސޯޓުތަކުން ރާއްޖޭގެ ބޭންކްތަކަށް ޖަމާކޮށްފައިވަނީ އެންމެ 68 މިލިއަން ޑޮލަރެވެ. ހަމައެކަނި މި ނަންބަރަށް ބަލާލި ނަމަވެސް ރާއްޖޭގައި ހިންގާ ރިސޯޓްތަކުން ރާއްޖޭގެ ބޭންކްތަކަށް ޑޮލަރު ޖަމާނުކުރާ މައްސަލަ އޮތް ގޯސް ހާލެއް އެނގެ އެވެ.
ރާއްޖޭގެ ބޭންކްތަކަށް ޑޮލަރު ނުލިބޭ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އެމްއެމްއޭ އިން ތައާރަފްކޮށްފައިވާ އާ ސިޔާސަތުގެ ދަށުން ރިސޯޓަކަށް އަންނަ ކޮންމެ ފަތުރުވެރިޔަކު 500 ޑޮލަރުގެ ރޭޓުން ރާއްޖޭގެ ކޮންމެވެސް ބޭންކަކަށް ޑޮލަރު މާރުކުރަންޖެހެ އެވެ. އަދި ގެސްޓްހައުސްތަކުން ކޮންމެ ގެސްޓަކަށް 25 ޑޮލަރު މާރުކުރަންޖެހެ އެވެ.
އެމްއެމްއޭގެ މި ނިންމުމަކީ ޓޫރިޒަމް ދާއިރާގެ ބައެއް ވިޔަފާރިވެރިން ވަރަށް ބޮޑަށް ދެކޮޅު ހަދާ ނިންމުމެކެވެ. ވަކިން ހާއްސަކޮށް ރިސޯޓް އޯނަރުންގެ ޖަމިއްޔާ -- މަޓީގެ އިސް ބޭފުޅުން އެމްއެމްއޭގެ ނިންމުމާ ދެކޮޅެވެ. ނަމަވެސް އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް އެމްއެމްއޭގެ ނިންމުން ރަނގަޅެވެ. ގިނަ ރައްޔިތުން ދެކޭ ގޮތުގައި މިއީ ގައުމުގެ އިގްތިސާދަށް ކޮންމެހެން ބޭނުންވާ ބަދަލެކެވެ.
މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ބޭންކިން ނިޒާމަށް ޑޮލަރު އިތުރުވެ، ގައުމުގެ ރިޒާވް އިތުރުވެގެންދާނެ ކަމަށް ބެލެވެ އެވެ. މީގެ ސަބަބުން އާންމު ރައްޔިތުންނަށް ޑޮލަރު ލިބުމުގެ ދަތިކަން ކޮންމެވެސް ވަރަކަށް ލުއިވެގެންދާނެ އެވެ. އަދި މިއީ ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށް އެޅޭ މުހިއްމު ފިޔަވަޅަކަށް ވާނެ ކަމަށްވެސް ތަޖުރިބާކާރުން ދެކެ އެވެ.
އެމްއެމްއޭގެ މި ނިންމި ނިންމުމަކީ ގައުމުގެ އިގްތިސާދީ ދުޅަހެޔޮކަމަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅެއް ކަން ކައިރި މުސްތަގުބަލެއްގައި އެނގިގެންދާނެ އެވެ. އެމްއެމްއޭފެ ފިޔަވަޅުތަކާ އެކު ގައުމުގެ އިގްތިސާދީ ދުވެލި އަވަސްވެ، ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުވުމަށް މަގުފަހިވާނެ ކަަމަށް ދެކޭ މީހުންވެސް މަދެއް ނޫނެވެ.
އެމްއެމްއޭގެ ފިޔަވަޅުތަކުގެ ސަބަބުން ކުރު މުއްދަތަކަށް ބައެއް ފަރާތްތަކަށް ތަކްލީފްތަކެއް އުފުލަންޖެހުނު ނަމަވެސް ދިގު މުއްދަތުގައި މުޅި ގައުމަށް ލިބޭ ފައިދާ ބޮޑު ވާނެ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. މި ބަދަލުގެ ސަބަބުން ގައުމުގެ އިގްތިސާދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރަން ގެންގޮސް މިހާރު މިއޮތް އުދަނގޫ ހާލަތުން އަރައިގަތުމަށް އެހީތެރިވެދޭނެ ކަމަށްވެސް ތަޖުރިބާކާރުން ގަބޫލުކުރައްވަ އެވެ.