މި އަހަރު ރާއްޖޭގެ އިންފްލޭޝަން ވަރަށް ބޮަޑަށް ދަށަށް ގޮސް، އެވްރެޖް ގޮތެއްގައި އެއް ޕަސެންޓްގައި ހިފެހެއްޓޭނެ ކަމަށް މި އަހަރުގެ ބަޖެޓުގައި ލިޔެފައި އޮވެ އެވެ. އެކަމަކު ހުރިހާ ކަމެއް ބަދަލު ވެގެން ދިޔައީ މާޗް 15 ގައި ބޯޑަރު ބަންދު ކުރަން ޖެހުނު ހިސާބުންނެވެ. މުޅި ދުނިޔެއަށް ފެތުރިގެން ދިޔަ ކޮވިޑް-19 އިގެ ބަލާ އާފާތާއެކު، ރާއްޖޭގެ ޓޫރިޒަމް އެއްކޮށް ހުއްޓުނެވެ. އެހެންވެ، ރާއްޖެ ފަދަ ޓޫރިޒަމަށް ބަރޯސާވެފައިވާ ގައުމެއްގެ އިކޮނޮމީއަށް އެހެން ގައުމުތަކަށް ވުރެ އަސަރު ކުރުން ބޮޑުވި އެވެ. މި އަހަރު ރާއްޖޭގެ ޓޫރިޒަމް ދުޅަހެޔޮކަން މަތީގައި 2.6 ޕަސެންޓުގެ ކުރިއެރުމެއްގައި ބެހޭނެ ކަމަށް ކުރިން އަންދާޒާ ކުރި އެވެ.
އެކަމަކު މުޅި މަންޒަރު ބަދަލުވެ، ހުރިހާ ކަމެއް އެކޮޅުކޮޅުން ޖެހުނީ ޓޫރިޒަމްގެ ދުވެލި އެއްކޮށް ހުއްޓިގެން ދިއުމުންނެވެ. މިއާއެކު ރާއްޖެއަށް ޑޮލަރު ވަނުން ހުއްޓިއްޖެ އެވެ. މިހާރު ފެންނަން މަންޒަރަކީ ރާއްޖޭގެ އިންފްލޭޝަން ނުވަތަ މުދަލާއި ހިދުމަތުގެ އަގު މަތިވަމުންދާ ތަނެވެ. ނުވަތަ މުދާ އަގު ބޮޑުވާ ތަނެވެ. އެކަމަކު ސަރުކާރުން ބުނާ ގޮތުގައި ރާއްޖޭގެ އިންފްލޭޝަން ނުވަތަ މުދަލުގެ އަގު ބޮޑުވަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ.
އެހެންވީއިރު މިހާރު އިންފްލޭޝަން މަތިވަނީ ކީއް ވެގެން ހެއްޔެވެ؟ މި ވާން އުޅެނީ ކީއް ހެއްޔެވެ؟
ރާއްޖޭގައި މުދަލާއި ހިދުމަތުގެ އަގު އަންގައިދޭން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން އާއްމު ކުރާ އިންފްލޭޝަން ދައްކާ ގޮތުގައި މިިދިއަ ޖުލައި މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް ވަނީ 2.81 ޕަސެންޓަށް އުފުލިފަ އެވެ. ނަމަވެސް މި އަހަރުގެ ޖޫން މަހު އިންފްލޭޝަން ހުރީ 0.41 ޕަސެންޓް ދަށުގަ އެވެ. މަހުގެ އަގު ތަކަށް އައި ބަދަލު ނުލާ ބަލައިފިނަމަ ޖުލައި މަހުގެ އިންފްލޭޝަން ރޭޓް ހުރީ 2.28 ޕަސެންޓްގަ އެވެ. ނަމަވެސް މި އަދަދު މިދިޔަ ޖޫން މަހު ހުރީ 0.23 ޕަސެންޓް ދަށުގަ އެވެ. އަދި މިދިޔަ އަހަރުގެ ޖުލައި މަހުން މި އަހަރުގެ ޖުލައި އާއި ހަމައަށް ބަލާނަމަ އިންފްލޭޝަން ރޭޓް ވަނީ 1.10 ޕަސެންޓްގަ އެވެ. އަދި މިދިޔަ އަހަރުގެ ޖޫން މަހާއި މި އަހަރުގެ ޖޫން މަހާ އަޅާ ބަލާއިރު އިންފްލޭޝަން ރޭޓް ވަނީ 4.50 ޕަަސެންޓް ގަ އެވެ.
އިންފްލޭޝަން ރޭޓް ކުއްލިއަކަށް 2.28 ޕަސެންޓުގެ އުފުލުމެއް އައިސް އަގުތައް އުފުލިގެން މި އުޅެނީ ކީއް ވެގެން ހެއްޔެވެ؟
އަގުތައް އުފުލިގެން ދިއުމުގެ ސީދާ ސަބަބެއް ސަރުކާރަކުން އަދިއެއް ނުބުނެ އެވެ. އެކަމަކު ބެލެވޭ ގޮތުގައި މިހާރު ރާއްޖޭގައި މި އުޅެނީ "އިމްޕޯޓް" ވެން އުޅޭ އިންފްލޭޝަނެއް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ. މީގެ މައިގަނޑު އެއް ސަބަބަކީ މުދާ އެތެރެ ކުރަން ބޭނުންވާ ޑޮލަރުގެ ތާށިކަން ބޮޑުވުމެވެ. އެގޮތަށް އިގްތިސޯދީ ތަޖުރިބާކާރުން ވެސް ގަބޫލު ކުރައްވަ އެވެ. ރާއްޖޭގެ ފޮރިން އެކްސްޗޭޖް މާކެޓް "ޑްރައި" ވެ އޭގެ ގެއްލުން ދަނީ އިގްތިސޯދަށް ކުރަމުންނެވެ. ރާއްޖޭގެ އިމްޕޯޓަށް ބޭނުންވާ ވަރަށް ބޭރު ފައިސާ ފޯރުކޮށް ދިނުމުގައި ސަރުކާރު ވަނީ ފެއިލް ވެފަ އެވެ.
"މިއީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިސް- މެނޭޖު ކުރުން. މިކަން [ފޮރިން އެކްސްޗޭންޖް] މާކެޓު މެނޭޖު ނުކުރެވުނު ސަބަބުން އިމްޕޯޓް ވެގެން އުޅޭ އިންފްލޭޝަނެއް. އެކަމަކު މިއީ ވަގުތީ ކަމެއް. ސަރުކާރުން މިކަމުގައި ވަރަށް އެކްޓިވްކޮށް މަސައްކަތް ކޮށްފިނަމަ ދެ މަހެއްގެ ތެރޭގައި އިންފްލޭޝަން ދަށްވެދާނެ،" އިގްތިސޯދީ މާހިރަކު ވިދާޅުވި އެވެ.
ބޯޑަރު ހުޅުވައި ޓޫރިޒަމް ސްޓާޓް ކުރި ނަމަވެސް ރާއްޖޭގެ އިމްޕޯޓް މަތި ވެގެންނެއް ނުދެ އެވެ. ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ އިމްޕޯޓް މިދިޔަ އަޅާބަލާއިރު ވަނީ 35 ޕަސެންޓަށް ވެއްޓިފަ އެވެ. މިދިޔަ އަހަރުގެ އޯގަސްޓް މަހު ރާއްޖެއަށް 3.3 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ. ނަމަވެސް މި އަހަރުގެ އޮގަސްޓް މަހު މި އަދަދު ވަނީ 2.1 ބިލިއަން ރުފިޔާ އަށް ދަށްވެފަ އެވެ.
މިހާރު މާލޭގެ ބާޒާރުގައި އަގުތައް ހުރި ގޮތަށް ބަލާއިރު ބައެއް ތަކެތިން 20 ޕަސެންޓް ވަރު ވަނީ މަތިވެފަ އެވެ. މީގެ މައިގަނޑު ސަބަބެއްގެ ގޮތު ވިޔަފާރިވެރިން ދެކެނީ މުދާ އިމްޕޯޓް ކުރަން ޑޮލަރު ނުލިބުމުގެ ސަބަބުން އަގު ބޮޑުކޮށް ޑޮލަރު ގަނެގެން އެކަން ކުރަން މަޖުބޫރުވުމެވެ. އެހެންވެ އެ އަގުތައް މަތިވެގެން ދަނީ އެވެ.
"ޓީޓީއެއް ހަދަން ދިޔައަސް ޑޮލަރެއް ނުލިބޭ. ލިބޭނެ ކަމަށް ބުނަނނީ ނުއެއް ލިބޭ... އެއްވެސް ވަރަކަށް ޑޮލަރެއް ނުދޭ. ޓީޓީގެ 10 ޕަސެންޓު ވެސް ނުލިބޭ،" ވިޔަފާރިވެރިއަކު ވިދާޅުވި އެވެ.
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފައިވާ ގޮތުގައި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރާ ޕްރެޝަރު ކުޑަ ކުރުމަށްޓަކައި ވިޔަފާރި ބޭންކުތައް މެދުވެރިކޮށް ފޮރިން އެކްސްޗޭންޖް ބާޒާރަށް ފޯރުކޮށްދޭ ޑޮލަރުގެ މިންވަރު ކޮވިޑް-19 އަށް ހާއްސަ ކޮށްގެން އޭޕްރިލް މަހާއި މެއި ޖޫން އަދި ޖުލައި މަހުގެ ތެރޭގައި އިތުރު ކޮށްފައިވެ އެވެ. އަދި މި މަހުން ފެށިގެން އިތުރު ތިން މަސް ދުވަހަށް ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން އިތުރު ކުރުމަށް ރާވާފައިވެ އެވެ. މި އަދަދު ހާއްސަ ކުރާނީ ޒަރޫރީ ބޭނުންތައް ކަމުގައިވާ ކާބޯތަކެތި އަދި ބޭސްފަރުވާއަށް ބޭނުންވާ ތަކެތި އިމްޕޯޓް ކުރާށެވެ.
އެމްއެމްއޭއިން ބުނާ ގޮތުގައި މާލީ ނިޒާމަށް ކުރިމަތި ވެދާނެ ލޮޅުންތައް ކުޑަކުރުމަށް އެޅޭ ފިޔަވަޅުތަކުގެ އިތުރުން ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރަށް އަތުވެދާނެ ޕްރެޝަރު ކުޑަ ކުރުމަށް ވެސް މަސައްކަތްތަކެއް ކުރަމުންދެ އެވެ. ތަކެތީގެ އަގުތައް އުފުލޭ މިންވަރު ނުވަތަ އިންފްލޭޝަން އެއްވަރެއްގައި ހިފެހެއްޓުމަށް މަނިޓަރީ ސިޔާސަތުގެ ދަށުން ގިނަ މަސައްކަތް ތަކެއް ވެސް ކުރެ އެވެ.
"އެކްސްޗޭންޖް ރޭޓަށް ކުރާ ޕްރެޝަރު ކުޑަކުރުމަށްޓަކައި ބޭންކިން ނިޒާމުގެ ތެރޭގައި އިތުރަށް ދައުރުވާ ދިވެހި ރުފިޔާގެ އަދަދު މަނިޓަރީ ވަސީލަތްތައް މެދުވެރިކޮށް މެނޭޖް ކުރުމާއި، ފޮރިން އެކްސްޗޭން އިންޓަވެންޝަން ސިޔާސަތުގެ ދަށުން ވިޔަފާރި ބޭންކުތައް މެދުވެރިކޮށް ރާއްޖޭގެ ބާޒާރަށް ބޭރު ފައިސާ ފޯރުކޮށްދިނުން ހިމެނޭ،" އެމްއެމްއޭ އިން ބުނެފައިވެ އެވެ.
ސަރުކާރުގެ ބައިވެރިވުމާއެކު، ބޭރު ފައިސާގެ ތާށިކަން ކުޑަ ކުރުމަށްޓަކައި ދަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. ބޭންކް އޮފް އިންޑިއާ އާ ދެމެދު ވެފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން އެމެރިކާ ޑޮލަރު ވަނީ ހޯދާފަ އެވެ މި ސްވޮޕްގެ މުއްދަތު ވެސް އިތުރު ކޮށްފަ އެވެ. އެމްއެމްއޭ އާއި ސަރުކާރާއި ގުޅިގެން ދަނީ އައިއެމްއެފް އަދި ބޭރުގެ އެހެނިހެން މާލީ އިދާރާ ތަކުން ތަފާތު އެކި މާލީ އެހީތެރިކަން ހޯދަމުންނެވެ. މީގެ އިތުރުން، އިންޑިއާ ސަރުކާރުން ރާއްޖެއަށް 250 މިލިއަން އެމެރިކާ ޑޮލަރުގެ ފައިނޭންސިން ދިނުމަށް ނިންމާފައިވެ އެވެ.
މިކަންކަމުން އަންނާނެ ބަދަލުތައް އެނގޭނީ އަދި ފަހުންނެވެ. މި ނިންމުންތަކުގެ ނަތީޖާ ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ފެންނަން ފަށާނެ އެވެ.