ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެމެރިކާ ޑޮލަރު

ކޮބައިހޭ؟ ޑޮލަރު ހިފައްޓަން އަޅާ ބޮޑު ފިޔަވަޅު

ޑޮލަރެއް ހޯދަން އުޅުމުން މިއަދު އަތުވީ ޑޮލަރެއް 18.40ރ. އަށެވެ. އެކަމަކު ރާއްޖޭގައި ޑޮލަރު ވިއްކޭ "ރަސްމީ" އަގަކީ 15.42ރ. އެވެ. މި އަގަކީ ރަސްމީ އަގު ނަމަވެސް އިގްތިސޯދަށް އައި ކޮވިޑް-19 އިގެ އުނދަގުލާއެކު ޑޮލަރު އަގު ވަނީ ހަމައިން ނެއްޓިފަ އެވެ. މިހާރު މިކަން ވެފައިވަނީ އަނެއްކާވެސް ބޮޑު ޝަކުވާ އަކަަށެވެ. އެކަމަކު ޑޮލަރުގެ އަގު މަތިވުމުގެ ވާހަކަ ދައްކަން ފަށާއިރަށް ސަރުކާރުން ފަށަނީ އެހެން ވާހަކަ އެކެވެ. ބުނަނީ ޑޮލަރުގެ އަގު ދަށް ކުރަން މާ ރަނގަޅު، ހަރުދަނާ ފިޔަވަޅުތަކެއް އަޅަނީ އެވެ. ސަރުކާރުން ޑޮލަރުގެ މަތިވުން ހުއްޓުވަން ދާއިމީ އެއް "މައިތިރި" ހަދަން އުޅޭ ވާހަކަ އެވެ. ސަރުކާރުން އަޅަން އުޅޭ އެ ފިޔަވަޅުތައް ކޮބައި ހެއްޔެވެ؟ އެ ފިޔަވަޅު އެޅުން ލަސްވަނީ ކީއްވެގެން ހެއްޔެވެ؟ ނަތީޖާ ފެންނާނެ ހެއްޔެވެ؟ ބޭރަށް ޑޮލަރު "ލީކުވުން" ހުއްޓުވޭނެ ހެއްޔެވެ؟

ތަޖުރިބާކާރުންގެ ނަޒަރުގައި ކިތަންމެ މޮޅު ފިޔަވަޅެއް އެޅިއަސް ޑޮލަރުގެ އަގު ދަށް ކުރަން އެޅޭނެ އެއް ފިޔަވަޅަކީ ރާއްޖޭގައި ޑޮލަރު ހިފެހެއްޓޭނެ ކޮންމެވެސް ގޮތެއް ހޯދުމެވެ. ނޫނީ ޑޮލަރު ރާއްޖޭގައި ބޭރު ނުވާނެ ގޮތަށް ބެލުމެވެ. ބޭނުންވެފައިވާ ހައްލަކީ އެއީ އެވެ.

"ރާއްޖެ އަށް ފަތުރުވެރިކަމާއި ތަކެތީގެ އެކްސްޕޯޓަށް ލިބޭ ބޭރު ފައިސާ ވެސް ދިވެހި ބޭންކިން ނިޒާމަށް ވަދެފައި އޭގެ ފަހުން ނޫނިއްޔާ ރެމިޓް ނުކުރެވޭނެ ގޮތަށް ގަވާއިދު ހަމަޖެއްސުން މިހާރު ވަރަށް މުހިންމު،" އިގްތިސޯދީ މާހިރެއް ކަމަށްވާ އާތިފު ޝަކޫރު ވިދާޅުވި އެވެ.

ކަން ވާން ޖެހޭ އެއް ގޮތަކީ މިއެވެ؛ އެކަމަކު މައްސަލަ ހައްލު ކުރަން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވެ އެވެ. ފިޔަވަޅު އެޅުން ލަހީއެވެ. ޑޮލަރުގެ އަގު އިންތިހާއަށް މަތިވެގެން ގޮސް މުދަލުގެ އަގު ބޮޑުވުމާއެކު މީގެ ނުވަ މަސް ކުރިން ސަރުކާރުން ވަނީ ޑޮލަރުގެ އަގު ދަށް ކުރަން ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.

ރައްޔިތުން މަޖިލީސް ހުޅުއްވައި ދެއްވަމުން ގައުމާ މުހާތަބު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިހެން ވިދާޅުވި އެވެ. އޭގެ ފަހުން ކެބިނެޓުގައި މަަޝްވަރާ ކުރި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އެ މަޝްވަރާކުރިތާ ވެސް ކިތަންމެ މަހެއް ވެއްޖެ އެވެ. އެކަމަކު ޑޮލަރުގެ މައްސަލަ ހައްލުނުވެ އިކޮމީ ގޯސްވާން ދޫކޮށްލުން ނޫން ކަމެއް ނުފެނެ އެވެ. އޭގެ ބަދަލުގައި ފެންނަނީ މައްސަލަ އިތުރަށް ގޯސްވާ ތަނެވެ. ސަރުކާރު ކުންފުނިތަކުން ކަޅު ބާޒާރަށް ފައިބައި ޑޮލަރު ހޯދަން ވެސް ފަށައިފި އެވެ.

މިކަމުގައި ހަމައެކަނި މޮޅެއް ލިބެނީ މި ވިޔަފާރީގެ އަޑީގައި ތިބި ބަޔަކަށެވެ. ޑޮލަރުގެ ވިޔަފާރި ކުރާ ކަޅު ބާޒާރު ހިންގާ ބިދޭސީންނަށް އެކަންޏެވެ. ހަގީގަތަކީ މުޅި ގައުމަށް ބަލާއިރު ރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވެފައިވާ ބަޔަކަށް މިއީ ހަމަ ބޮޑު ތަދެކެވެ.

ކޮވިޑް-19 އަށްފަހު ޓޫރިޒަމް ހަމަ އިސްކޮޅަށް ތެދުވަން މަސައްކަތް ފެށުމާއެކު އިމްޕޯޓު ވެސް މިވަނީ ހިސާބަކަށް ރަނގަޅުވެފަ އެވެ. ކަސްޓަމުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މެއި މަހު ރާއްޖޭގެ އިމްޕޯޓް ވަނީ މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާނަމަ 105 ޕަސެންޓް އިތުރުވެފައިވެ އެވެ. މިދިޔަ އަހަރުގެ މެއި މަހު ރާއްޖެ އަށް 1.6 ބިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައިވާއިރު މި އަހަރުގެ މެއި މަހު މި އަދަދު ވަނީ 3.2 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. މާނައަކީ މިއީ ބޭރަށް "ޑޮލަރު ލީކުވުން" ބޮޑުވާނެ އެއް ސަބަބެވެ.

ރާއްޖެއަކީ "ޑޮލޮރައިޒް އިކޮނޮމީ" އަކަށްވުމާއެކު އެންމެ ބާރު ބޮޑުވާ އެކަށްޗަކީ ޑޮލަރެވެ. ރާއްޖޭގެ އިކޮނޮމީ އާއްމުކޮށް ރަނގަޅަށް އޮންނަނަމަ ޒަރޫރީ ބޭނުން ތަކަށް އެވްރެޖުކޮށް ބިލިއަނެއްހާ ޑޮލަރު ހޭދަ ކުރެ އެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން 2019 ވަނަ އަހަރު ރާއްޖެ އަށް ބޭނުންވާ ކާބޯތަކެތި އިމްޕޯޓް ކުރަން 546 މިލިއަން ޑޮލަރު ހޭދަ ކުރި އެވެ. މަހެއްގެ މައްޗަށް ބަލާނަމަ ކާބޯތަކެތި އެތެރެ ކުރަން އެކަނި 45 މިލިއަން ޑޮލަރު ހޭދަ ކުރެ އެވެ. އަދި ތެލުގެ އިމްޕޯޓަށް އެ އަހަރު އެކަނި 465 މިލިއަން ޑޮލަރު ހޭދަކުރި އެވެ. މިއީ ކުރަން ޖެހޭ ކަންކަމެވެ.

ރާއްޖެއަކީ ބިދޭސީ މަސައްކަތު އާބާދީ ގިނަ ގައުމަކަށްވުމާއެކު ބިދޭސީން ބޭރުކުރާ ޑޮލަރުގެ ނިސްބަތް ވަރަށް މައްޗެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ތެރެއަށް ބިދޭސީން ފުރޭނިގެން ގޮސް އެ މީހުންގެ އަތް ވަނީ ގަދަކޮށްފަ އެވެ. ކުރިން އަހަރަކު 300 މިލިއަނެއްހާ ޑޮލަރު އެ މީހުން މުސާރައަށް ބޭރު ކުރާ ކަމަށް އަންދާޒާ ކުރި ނަމަވެސް ނުރަސްމީ އަދަދު މިއަށްވުރެ މަތިވާނެ ކަމަށް ލަފާ ކުރެވުމެވެ.

ބިދޭސީން ރާއްޖޭގައި މަސައްކަތް ކޮށްގެން އެ މީހުން އުޖޫރަ ބޭރު ކުރުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު މައްސަލައަކީ ދިވެހިންނަށް ހުރި ފުރުސަތުތައް އެ މީހުންގެ އަތަށް ދީގެން އެ ފައިސާ ބޭރު ކުރުވުމެވެ. މި ހުރިހާ މައްސަލައެއް ކުރިމަތީގައި އޮތްއިރު ރާއްޖެއަށް ކުރިމަތިވެފައިވާއިރު ލިބޭ ޑޮލަރު މަޑު ނުކުރެވުމުގެ މައްސަލައަށް ހައްލެއް އެބައޮތް ހެއްޔެވެ؟

ކޮންމެ ފަހަރަކު ހާއްސަ ހާލަތެއް ބޯމަތިވުމުން އިންޑިއާ އަތުން ޑޮލަރުގެ ސްވޮޕެއް ނޫނީ ބަޖެޓު ސަޕޯޓެއް ނަގައިގެން "ދަރަނީގެ މަޅިއެއް ކަރަށް ބައްދައިގެން، އިންޑިއާގެ އުނގަށް ފުންމާލަންވީ ހެއްޔެވެ؟

ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި މައްސަލަތަކުގެ ސަބަބުން ވެސް ފެނިފައިވަނީ މިކަމެވެ. މި ހާލަތުގައި ޑޮލަރުގެ މައްސަލަ ހައްލު ކުރަން ފިޔަވަޅު ނާޅައޭ ނުބުނެވޭނެ އެވެ. ޒަރޫރީ ބޭނުމަށް ހަމައެކަނި ޑޮލަރު ދިނުމާއި މިނިމަމް ރިޒާވް ރިކުއަމަންޓު ވެސް އެމްއެމްއޭ އިން ދަށްކުރި އެވެ. ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅާތީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަމިއްލަ އަމިއްލައަށް ވެސް ފިޔަވަޅު އެޅި އެވެ. އެ ބޭންކު ޑޮލަަރަށް ޖެހިދާނެ ކަމަށް ބަލައި ކާޑަށް ލިިމިޓެއް ލިއެވެ. އޮންލައިން ޓްރާންސެކްޝަންތަކުގައި ޑޮލަރު ލިމިޓް އެޅި އެވެ.

ހަގީގަތަކީ މި ހުރިހާ ކަމަކީ ވެސް ވަގުތީ ނަތީޖާ ތަކެއް ނުކުންނާނެ ކަންމަކެވެ. ލިބޭނީ ވަގުތީ އުފަލެކެވެ. ބޭނުން ވަނީ ޓޫރިޒަމްގެ އޮފް ސީޒަން އަންނަތަނުން ޑޮލަރުގެ އަގު އަތް ނުފޯރާ ފަށަށް ދިއުން މަޑު ޖެއްސޭނެ ސިޔާސަތު ތަކެކެވެ.

އިގްތިސޯދީ މާހިރުންގެ ވިދާޅުވާ ގޮތުގައި އިގްތިސޯދަށް ފައިސާ ފޮއްޗެއް ދޫކޮށްލައިފިނަމަ އެ ފަސް ފަހަރު އެނބުރެ އެވެ.

މިކަން މިގޮތަށް ވާނަމަ ރާއްޖެއަށް ވަންނަ ޑޮލަރުގެ ފަސް ޕަސެންޓު ރާއްޖޭގެ ބޭންކިން ނިޒާމުގައި ތިން މަހު ހުރެއްޖެނަމަ ކިހާ ވަރަކަށް އެނބުރޭނެ ހެއްޔެވެ؟ ހަމަ ގައިމު ވެސް އެއިން ޑޮލަރުގެ މައްސަލައަށް ބޮޑު ލުޔެއް ލިބޭނެ އެވެ. އޭރުން މި ޑޮލަރުން ،ޑޮލަރުގެ ޓީޓީތައް ހެދޭނެ އެވެ. މިހާރު އަމިއްލަ ކުންފުނި ތަކުން އޯޑީ ނަގައިގެން އިމްޕޯޓް ކުރުމުގެ ބަދަލުގައި ޑޮލަރުގެ ޓީޓީއަށް ބޭނުންވާ ޑޮލަރު އެމްއެމްއޭ އިން ބޭންކް ތަކަށް ވިއްކޭނެ އެވެ. މި ބަދަލު ގެންނަން ކުރަން ޖެހޭ ކަމަކީ ކޮބައި ހެއްޔެވެ؟

މިގޮތުން ކުރެވޭނެ އެއް ކަމަކީ ޓޫރިޒަމަށް ވަންނަ ކަމަށް ދައްކާ ޑޮލަރު ރާއްޖެ އަށް ވަންނަކަން ކަށަވަރު ކުރުމެވެ. މިހާރު ވަންނަކަމަށް ބެލެވެނީ މި ފައިސާ 17 ނޫނީ 20 ޕަސެންޓެވެ. ބާކީ 80 ޕަަސެންޓެއް ނުވެދަ އެވެ. ރާއްޖޭން ބޭރުން ކޮޓަރި ވިއްކި ނަމަވެސް އެ ފައިސާ ރާއްޖޭގެ އިގްތިސޯދަށް ވަދެފަ ނުކުމެގެން ދާނެ ގޮތެއް ހެދުން މުހިންމެވެ.

އެއް ގޮތަކީ އޮންލައިން ޓްރެވަލް އެޖެންޓުން ރެގިއުލޭޓް ކުރެވޭނެ ކޮންމެވެސް އުކުޅެއް ހޯދުމެވެ. ނުވަތަ ދިވެހި ޓްރެވަލް އެޖެންޓުންނަށް ހަމަ އަގު ލިބޭނެ ގޮތެއް ހޯދައިދީ އެ މީހުންނަށް މަގު ކޮށައި ދިނުމެވެ.

ދިވެހި ޓްރެވަލް ކުންފުންޏެއް ކަމަށްވާ ލެޓްގޯސް ކުންފުނީގެ ވެރިޔާ މުހައްމަދު ރިޔާޒު ވިދާޅުވި ގޮތުގައި އޯޑީ ވިޔަފާރި ނުހުއްޓުވިއަސް މިހާރަށް ވުރެ ބޮޑަށް ރެގިއުލޭޓްކޮށް ދިވެހި ކުންފުނި ތަކަށް ފުރުސަތު ދޭން ފަށައިފިނަމަ ޑޮލަރު ހިފެހެއްޓޭ މިންވަރު އިތުރުވާނެ އެވެ.

"ދިވެހި ކުންފުންޏަކަށް ފުރުސަތު ދީފިނަމަ އެ ފައިސާ ހުންނާނީ ރާއްޖޭގަ. އެހެންވީމަ ދިވެހި ޓްރެވަލް އެޖެންޓުން ބާރުވެރި ކުރުވަންވީ. ބައްލަވާ ޓްރެވަލް އެޖެންޓުންގެ ގޮތުގައި މިތިބެނީ އެއް ބައެއް އަބަދު ވެސް. މިކަންމިގެން ވަނީ މި ދާއިރާ އަށް އަޅާލުން ކުޑަވީމަ. އެކަމަކު މިހާރު މަޖިލީހަށް ފޮނުވަން މަސައްކަތް ކުރާ ޓްރެވަލް އެޖެންޓުންގެ ގާނޫނުގެ ސަބަބުން ހައްލު ތަކެއް ލިބޭނެ ކަމަށް އުންމީދު ކުރެވޭ،" ކުރިން ބޭންކް އޮފް މޯލްޑިވްސްގައި ވެސް މަސައްކަތް ކުރެއްވި ރިޔާޒު ވިދާޅުވި އެވެ.

ޑޮލަރުގެ މައްސަލަ ހައްލު ކުރަން ފިޔަވަޅު އަޅަން ޖެހޭ ކަމަށް ސަރުކާރުން ވެސް އެއްބަސްވެ އެވެ. އެކަމަކު ފިޔަވަޅު އެޅުން މާ ލަހީ އެވެ. މިހާ ސްލޯ ވެގެން ވާން އެބައޮތް ހެއްޔެވެ؟

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވާ ގޮތުގައި ޑޮލަރު އަގު ކޮންޓްރޯލް ކުރެވޭނެ އެވެ. އަދި މިހާރު ގެންނަން އުޅޭ ބަދަލުގެ ސަބަބުން ސަރުކާރުން ޑޮލަރު މައްސަލަ އަށް ދާއިމީ ހައްލެއް ލިބިގެން ދާނެ އެވެ.

"ރާއްޖެއަކީ ޒަމާނުރެން ފެށިގެން ވެސް ވަރަށް ޑޮލޮރައިޒް އިކޮނޮމީއެއް. ބޭރުގެ އެކި ފަރާތްތަކުން ވެސް އެބަ ބުނޭ މި [ޑޮލަރުގެ މައްސަލަ] އަށް އެބަޖެހޭ ހައްލު ގެންނަން. މިނިވަން އިންޑިޕެންޑެންޓް މާލީ ސިޔާސަތެއް ހިންގެން އޮތީ މި ކަންކަން ހައްލު ކުރެވިގެން. ހަގީގަތުގައި މިހާރު އެ ކަންކަމަށް ގޮންޖެހުން ތަކެއް އެބަހުރި. އެއީ މިވަރަށް އިގްތިސޯދު ޑޮލޮރައިޒް ވެފައި އޮތީމަ،" އަމީރު ވިދާޅުވި އެވެ.

ޑޮލަރު ރާއްޖޭގައި މަޑު ކުރަން ސަރުކާރުން އަޅަން ބުނި ފިޔަވަޅުވަޅު އަވަސް ކުރަންވީ އެވެ. ޑޮލަރު ހިފެއްޓޭނެ ގޮތެއް ހޯދަންވީ އެވެ. އެކަން ނުކޮށް ލަސްކުރާނަމަ އަބަދު ވެސް އުޅެން ޖެހޭނީ މިހާލުގަ އެވެ.