އެމެރިކާ ޑޮލަރު

ބިދޭސީން ޑީޕޯޓް، ޑޮލަރުގެ ކަޅު ބާޒާރު ދިވެހިނަށް

Jan 16, 2022
10

ކޮވިޑް-19 އާއެކު ރާއްޖޭގެ އިގްތިސޯދަށް އެންމެ ބޮޑަށް ލޮޅުން އަރުވާލި އެއްޗަކީ "ޑޮލަރެވެ" އަދި އެ އެއްޗެއްގެ ސަބަބުން ހުރިހާ ތަކެތީގެ އަގުތައް މަތިވެގެން ދިޔައީ ރާއްޖޭގައި ބޭރު ފައިސާއެއްގެ ގޮތުގައި ބޭނުންކުރާ އެމެރިކާ ޑޮލަރެވެ. ކޮވިޑުގެ ތެރޭގައި އިގްތިސޯދު ހީނަރުވީ ވަގުތު ޑޮލަރުގެ އަގު އިންތިހާއަށް އުފުލިގެން ދިޔަ އެވެ. މަރުކަޒީ ބޭންކުން ޑޮލަރެއް މާރު ކުރެވޭނެ ރަސްމީ އަގަކީ 15.42ރ. ކަމަށް ބުންޏަސް ޑޮލަރުގެ އަގު 20ރ. އަށް އުފުލުނެވެ. ނަތީޖާއަކީ މި ހީނަރުކަމުގެ ތެރެއިން ރާއްޖޭގައި ގަވައިދާ ހިލާފަށް ދިރިއުޅޭ ބިދޭސީ އެތަށް ބަޔަކު ވިޔަފާރި އަށް ނުކުތުމެވެ. ރާއްޖޭގެ އެ މީހުންނަށް މި ވިޔަފާރި ނުކުރެވުނަށް ބޮޑު ތަކުރުފާނު މަގު - ޑޮލަރު އޭޓީއެމް- އަބަދަށް އުފާ މަގު- ގައި ޑޮލަރުގެ ކަޅުބާޒާރު ދަމާލި އެވެ.

މި ގޯޅީގައި މުޅީން ވެސް ތިބީ ބިދޭސީން އެވެ. އެ މީހުންގެ "ވިޔަފާރިތަކެވެ". ނަމަވެސް މި ވިޔަފާރި ކުރާ ބިދޭސީން ހުއްޓުވަން ފިޔަވަޅު އަޅަން ފެށުމާއެކު މި މަގަށް އެކަނި ބެލިނަމަވެސް ހުރިހާ ޑޮލަރުގެ އެކްސްޗޭންޖް ކުރާ ތަންތަން ވަނީ ބަންދުކޮށްފަ އެވެ. ކުރިން މި ތަންތަނަކީ ދުވާލެއްގެ މައްޗަށް މިލިއަނުން ޑޮލަރުގެ ވިޔަފާރި ކުރި ތަންތަނެވެ. މިކަން ވަނީ އަވަސް އިންވެސްޓިގޭޝަން ރިޕޯޓުން ހާމަވެފަ އެވެ.

މި ސަރަހައްދުގެ ކަންކަންމަތީގައި ކުރިން ތިބި ބިދޭސީންގެ އެއްވެސް ބަޔަކު މިހާރު މިތަނަކުން ނުފެނެ އެވެ. ކުރިން ބިދޭސީން އާއިލީ ވިޔަފާރިއެއްގެ ގޮތުގައި ހިންގި މި ކަޅު ބާޒާރުން އެ މީހުން "ފިލައިފި" އެވެ. ބަދަލުގައި "މި ވިޔަފާރީގައި" މިހާރު މި ސަރަހައްދުގައި ހަރަކާތެރިވަނީ ދިވެހިންނެވެ. މިކަމުގައި ގިނައިން އުޅެނީ ދިވެހި ޒުވާނުންނެވެ. މަނާ ކަމެއް ނަމަވެސް އިގްތިސޯދުގެ ބާގަނޑަކުން ނުކުމެ އުފެދިފައިވާ ޑޮލަރުގެ ކަޅު ރޯލު ކުރުން މިހާރު މިވަނީ ދިވެހިންގެ އަތްމަތީގަ އެވެ. މިހާރު އެ ސަރަހައްދުން ފެނަނީ ދިވެހި މޫނުތަކެވެ.

"ކުރިން ތިބީ ބިދޭސީން މިހާރު މި ތިބީ އަހަރެމެން. އެޓްލީސްޓް މިހާރު ކޮންމެ ވެސް ވަރެއް ރާއްޖޭގައި ހިފެހެއްޓޭނެ. ޑޮލަރު ކޮޅު ހޯދައިގެން އައިސް މި ވިއްކާލަނީ. އައިސް މި އުޅެނީ އެއްޗެއް އިމްޕޯޓް ކޮށްލަން ލާރި ކޮޅެއް ހޯދާލަން،" ޑޮލަރު ވިއްކަން ހުރި ޒުވާނަކު ބުންޏެވެ.

މި ފަދަ އެތައް ދިވެހިންނަށް މިހާރު އެ ސަރައްދުގައި "ގަދަކޮށްފި" އެވެ.

ޑޮލަރު ރޭޓް މައްޗަށް

ކަޅު ބާޒާރުގެ ރޯލް ކުރުން ދިވެހިންގެ އަތް މައްޗަށް އަރަން ފަށާފައި މިވަނީ މި ވިޔަފާރީގައި އުޅޭ ބިދޭސީން ފަހައި ފުލުހުން ދުވަން ފެށުމުންނެވެ. ޑޮލަރުގެ ކަޅު ބާޒާރު ނައްތާލަން ސަރުކާރުން ކުރާ މަސައްކަތާއެކު މި ވިޔަފާރި ކުރާ ހަތަރު ބިދޭސީއަކު މިހާތަނަށް ވަނީ ހައްޔަރުކޮށް ޑީޕޯޓުކޮށްފަ އެވެ. އެހެންވެ މިހާރު އެ މީހުން ކުރިން ވަރަށް ހާމަކޮށް މިކަން ކުރިނަމަވެސް މިހާރު ކުރަނީ ސިއްރުންނެވެ. މި ވިޔަފާރީގައި އެކަށީގެންވާ ގޮތެއްގައި ހަރަކާތްތެރި ވާން ބިދޭސީންނަށް ވަނީ ހުރަސްތަކާ ކުރިމަތިވެ އެވެ. މި ވަގުތުގެ ފައިދާ ނަގައި މި ކަމަށް ދިވެހިންގެ ގިނަ ބަޔަކު ވަނީ ހަވާލުވެފަ އެވެ. އަގުހެޔޮކޮށް ޑޮލަރު ހޯދައި މާކެޓު ރޭޓުގެ މާޖިންލައި އެ ދަނީ ވިއްކަމުންނެވެ.

ހައްލަކީ ޑޮލަރު ހިފެހެއްޓޭނެ ގޮތެއް

"ޑޮލަރެއްގެ ފަހަތުގައި ފުލުހެއް" ބަހައްޓައިގެން މި މައްސަލަ ހައްލު ކުރަން މަސައްކަތް ކުރި ނަމަވެސް ހަގީގީ މައްސަލަ އަށް ހައްލު އަންނަ ތަނެއް ނުފެނެ އެވެ. މި ވިޔަފާރިން ބިދޭސީން ކޮންމެވެސް ވަރަކަށް އެއްފަރާތް ވަމުން ދިޔަ ނަމަވެސް ޑޮލަރުގެ ހަގީގީ މި މައްސަލައަށް ހައްލެއް ނާދެ އެވެ. ރާއްޖޭގެ ޓޫރިޒަމް އިންތިހާށް ރަނގަޅުވެ ގިނަ އަދަދަކަށް ޑޮލަރު ވަތް ނަމަވެސް މިހާރުވެސް ޑޮލަރެއްގެ މާރު ކޮށްދޭ އަގަކީ 17.75ރ. އެވެ. އަދި ޑޮލަރެއް ގަންނަން ލިބެނީ 18ރ. އަށް ނުވަތަ 19ރ. އަށެވެ.

މިއީ އިގްތިސޯދީ މާހިރުން ކުރިން ވެސް ލަފާކުރި ގޮތެވެ. އޭރު ވެސް މާހިރުން ބުނަމުން ދިޔައީ ބިދޭސީން ހަމައެކަނި އެއް ފަރާތް ކުރުމަކީ މިކަމަށް އޮތް ހައްލެއް ނޫނެވެ. މީގެ ބަދަލުގައި ދާއިމީ ހައްލަކީ އިގްތިސޯދުގައި ޑޮލަރު މަޑު ކުރެވޭނެ މެކޭނިޒަމެއް ގާއިމް ކުރުމެވެ. ރާއްޖޭން ބޭރުވާ ޑޮލަރުގެ ނިސްބަތް މަދު ކުރެވެން ޖެހެ އެވެ. ޓޫރިޒަމުން އަހަރަކު ތިން ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ ކަމަށް އަންދާޒާ ކުރެވޭއިރު، އަހަރު ބިދޭސީން މުސާރައިގެ ގޮތުގައި އެކަނި 800 މިލިއަން ޑޮލަރުވަރު ބޭރު ކުރެ އެވެ.

މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ދަނީ ޑޮލަރު ހިފެހެއްޓޭނެ ނިޒާމެއް ގާއިމް ކުރަން މަސައްކަތް ކުރަމުންނެވެ. އަދި މި ފިޔަވަޅު އަޅާނީ ކަމާބެހޭ ހުރިހާ "ސްޓޭކްހޯލްޑާސް" ގެ ހިޔާލު ހޯދުމަށްފަހު ކަމަށް ވެސް ބުނެފައިވެ އެވެ. މި ވިޔަވަޅުގެ އިތުރުން އިގްތިސޯދީ ބައެއް ނަމްބަރުތައް މައިތިރި ކުރުންވެސް މިއީ ރާއްޖޭން ކުރަން ޖެހޭ ކަމެކެވެ. މީގެ އެއް ކަމަކީ ޑެފިސިޓް ކުޑަ ކުރުމެވެ. ވޭސްޓް މަދު ކުރުމެވެ. ކޮންމެ ގޮތެއްގައި ނަމަވެސް މިހާރު ޑޮލަރުގެ ކަޅު ބާޒާރުން ފެންނަ މަންޒަރަކީ ބިދޭސީންގެ ބަދަލުގައި މި ރޯލް ކުރަން އުޅޭ ދިވެހިން ގިނަވެފައިވާ ތަނެވެ.