ގަވާއިދާ ހިލާފަށް އުޅެ، ރާއްޖޭގައި ބޭރު ފައިސާ ގަނެ ވިއްކުމަށް ކަނޑައަޅާފައިވާ ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކައި ސައްހަ ނޫން ލިޔެކިޔުން ބޭނުންކޮށްގެން ގިނަ އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރަށް ފޮނުވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަމުން ދިޔަ ދެ މީހުން ރޭ ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުން ދިޔައީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ މުހައްމަދު އިގުބާލް ހޮސައިންއާއި ޝޮހެލް ނަމަކަށް ކިޔާ ދެ މީހެކެވެ. މި ދެ މީހުން ރޭ އަމިއްލައަށް ފުލުހަށް ހާޒިރުވުމުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފަ އެވެ.
އިގްތިސޯދު ދަށްވާ ކޮންމެ ވަގުތެއްގައި ޑޮލަރުގެ ކަޅުބާޒާރު މައްސަލަ ބޮޑުވެ އެވެ. ނަމަވެސް މިކަމަށް މިހާތަނަށް ދާއިމީ ހައްލެއް ގެނެވިފައެއް ނުވެ އެވެ.
ޑޮލަރުގެ ކަޅުބާޒާރުގެ ހަރަކާތްތައް ކޮވިޑް-19 އާ ގުޅިގެން ވަނީ ބޮޑުތަނުން ގޯސްވެފަ އެވެ. މިގޮތުން ދިވެހިން އަޑީގައި ތިބެގެން ބިދޭސީން ލައްވާ ކުރުވާ ބޮޑު ވިޔަފާރިއެއްގެ ގޮތުގައި މިކަން ވަނީ ފެށިފަ އެވެ. މި މައްސަލަ އެންމެ ބޮޑަށް އާއްމުންނާއި ސަރުކާރުގެ ސަމާލުކަމަށް އައީ އަވަސް އިންވެސްޓިގޭޓްސް އިން ގެނެސްދިން ރިޕޯޓަކާ ގުޅިގެންނެވެ.