ރިޕޯޓް

ހިއްސާގެ ބާޒާރުގެ މުއާމަލާތްތައް އިތުރުވެ، އުންމީދުގައި

ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ހަރަކާތްތެރި ކަމެއް ނެތި އޮންނަތާ ދުވަސް ތަކެއްވެފައި މި އަހަރު ފެށުމާއެކު ރާއްޖޭގެ ހިއްސާގެ ބާޒާރުގެ ހަރަކާތްތެރިކަން ވަނީ އިތުރުވާން ފަށާފަ އެވެ. މިގޮތަށް ދިމާވީ މިއަހަރު ދެ ކުންފުންޏަކުން ހިއްސާގެ ބާޒާރުގައި ހިންގަން ފަށާފައިވާ މުއާމަލާތްތަކާއެކު އެވެ. މިހާރު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ދަނީ އެ ކުންފުނީގެ ހިއްސާ އާއްމުންނަށް ވިއްކަމުންނެވެ. އަދި ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގައި އެންމެ ބޮޑަށް އިންވެސްޓްކޮށްފައިވާ އެއް ކުންފުނި ކަމަށްވާ ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ވަނީ ޞުކޫކެއްގެ އިތުރުން ބޮންޑު ވިއްކަން ތައްޔާރުވެފަ އެވެ. މިއާއެކު ހިއްސާގެ ބާޒާރުގެ ހަރަކާތްތެރިކަން އިތުރުވަމުންދާއިރު، މި އަހަރަކީ ހިއްސާގެ ބާޒާރަށް ތިޔާގި އަހަރަށްވުމުގެ އުންމީދު ވަނީ އާވެފަ އެވެ.

ހިއްސާ ގަންނަ ފަރާތްތަކުން ސަމާލުކަން ދޭންވީ ކޮން ކަމެއް ހެއްޔެވެ؟

"އަޅުގަނޑުމެން ވަކި ކުންފުންޏެއްގެ ވަކި ސެކިއުރިޓީއެއް ޕްރޮމޯޓެއް ނުކުރަން. އެކަމަކު އަބަދުވެސް އަޅުގަނޑުމެން މިދަންނަވަނީ ހުރިހާ އިންވެސްޓަރުން ވެސް، ކޮންމެ އިޝޫއަކާއެކު ޕަބްލިޝް ކުރާ ބަޔާން ނޫނީ [ޕްރޮސްޕެކްޓަސް] ރަނގަޅަށް ވިދާޅުވާށޭ. އޭގައި ހުންނާނެ ޕާސްޓް ޕާފޯމަންސް އާއި މިވަގުތުގެ މެނޭޖުމަންޓް ޕްރޮފައިލް، އެހެނިހެން ކުންފުނީގެ މާލީ ހަލާތު އަދި ދުރު ރާސްތާގެ ޕްލޭންތައް އަންގައިދޭ ފަދަ މުހިއްމު މައުލޫމާތުތައް." މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ސީއީއޯ މުހައްމަދު އައުޝަން ލަތީފް ވިދާޅުވި އެވެ.

ރާއްޖޭގެ ހިއްސާގެ ބާޒާރުގައި އަށް ކުންފުންޏަކުން ލިސްޓުކޮށްފައި ވެއެވެ. އަދި މިހާރު ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ މާކެޓް ކެޕިޓަލައިޒޭޝަން އަގު 15.6 ބިލިއަން ރުފިޔާއަށް އަރަ އެވެ.

އިސްލާމިކް ބޭންކުގެ ހިއްސާ ވިއްކުން

އެމްއައިބީން އާއްމުންނަށް ހިއްސާ ވިއްކަން ފަށާފައިވަނީ ޖުލައި މަހުގެ 28 ގައެވެ. އަދި ހިއްސާ ވިއްކުން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. އެ ކުންފުނި ވަނީ ހިއްސާ ވިއްކައިގެން 244 މިލިއަން ރުފިޔާ ހޯދަން އަމާޒުކޮށްފަ އެވެ. ހިއްސާ ވިއްކަން ހުޅުވާލާއިރު ހިއްސާ ބެހިގެން ދާނީ އިސްލާމިކް ބޭންކުގެ 4.5 މިލިއަން ހިއްސާ (157 މިލިއަން ރުފިޔާގެ ހިއްސާ) އާއި އިސްލާމިކް ކޯޕަރޭޝަން ފޮރ ދަ ޑިވްލޮޕްމަންޓް އޮފް ޕްރައިވެޓް ސެކްޓާގެ 2.4 މިލިއަން ހިއްސާ (87 މިލިއަން ރުފިޔާގެ ހިއްސާ) އެވެ. އެމްއައިބީގެ ޖުމްލަ ހިއްސާގެ 31 ޕަސެންޓް ވިއްކާއިރު، ވިއްކާ ހިއްސާގެ ޖުމްލަ އަދަދަކީ 6،975،000 އެވެ.

އިސްލާމިކް ބޭންކުން އާއްމުންނަށް ހިއްސާ ވިއްކަން ހުޅުވާލާއިރު އެންމެ މަދުން ގަނެވޭނީ 20 ހިއްސާއެވެ. (އެއީ 35ރ. އަށް ހިއްސާއެއްގެ މަގުން ބަލާނަމަ 700ރ. ގެ ހިއްސާ ) އެވެ. އަދި 10 ހިއްސާ އިން އިތުރު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

އެޗްޑީއެފްސީ ޞުކޫކް

އެޗްޑީއެފްސީން ފަންޑު ހޯދަން 200 މިލިއަން ރުފިޔާގެ ޞުކޫކް ވިއްކަން ދަނީ ތައްޔާރު ވަމުންނެވެ. އެޗްޑީއެފްސީން މި ފަހަރު ވެސް މުޟާރަބާ ޞުކޫކް (އިސްލާމިކް ބޮންޑު) ވިއްކަނީ 1،000ރ. އަށެވެ. އަދި ވިއްކަނީ 200،000 ޞުކޫކެވެ. އެ ކުންފުނިން ޓާގެޓް ކޮށްފައިވަނީ މި އަދަދަށް ޞުކޫކް ވިއްކައިގެން 200 މިލިއަން ރުފިޔާ ހޯދާށެވެ. މި ޞުކޫކް ވިއްކަން ހުޅުވާލާނީ މިމަހުގެ 22 ވަނަ ދުވަހު އެވެ. އަދި ޞުކޫކް ވިއްކުން ބަންދުކުރާ ތާރީހަކީ މި އަހަރުގެ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ.

އެ ކުންފުނީގެ މެނޭޖަރު އިސްލާމިކް ފައިނޭންސް އަޒްމީން ރަޝީދު ވިދާޅުވީ 1،000ރ. ގެ ޞުކޫކް އެއް ގަތުމުން ކޮންމެ ހަމަހަކުން ފައިދާ ބަހަމުން ގެންދާނެ ކަމަށެވެ

"ޞުކޫކްގެ ފައިދާއަކީ ޞުކޫކް ގަންނަ ފަރާތަށް މީގެ 65 ޕަސެންޓް ލިބުން. ބާކީ 35 ޕަސެންޓް އެޗްޑީއެފްސީ އަށް. 10 އަހަރު ވަންދަން ކޮންމެ ހަ މަހަކު ފައިދާ ބަހަމުން ގެންދާނެ،" އަޒްމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން ތިން ބުރެއްގެ މަތިން ޞުކޫކް ވިއްކާފައިވާ ކަމަށާ، އަހަރުން އަހަރަށް އިސްލާމިކް ފައިނޭންސަށް އޮތް ތަރުހީބު ބޮޑުވަމުންދާ ކަމަށެވެ.

"ފުރަތަމަ ފަހަރު [2013] ވަނަ އަހަރު 45،1230 ޞުކޫކް ވިކުނު. ދެވަނަ ފަހަރު [2017] ވަނަ އަހަރު 89،036 ޞުކޫކް ވިކުނު،" އަޒްމީން ވިދާޅުވި އެވެ.

އެޗްޑީއެފްސީ ބޮންޑު

އެޗްޑީއެފްސީން ވިއްކަނީ 80 މިލިއަން ރުފިޔާގެ ބޮންޑެވެ. ބޮންޑު ވިއްކަން ފަށާނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އަދި ވިއްކުން ހުއްޓާލާނެ ތާރީހަކީ ނޮވެމްބަރު 12 ވަނަ ދުވަހު އެވެ. އެޗްޑީއެފްސީ އިން މި ފަހަރު ވިއްކަން ހުޅުވާލާފައި ވަނީ 80،000 ބޮންޑެވެ. ބޮންޑެއް ވިއްކާ އަގަކީ 1،000ރ. އެވެ. މި ފަހަރުގެ ބޮންޑު ދޫކުރާނީ 10 އަހަރު ދުވަހަށެވެ. އަހަރަކު ދެ ފަހަރު ފައިދާ ބަހާއިރު ބޮންޑުގެ ފައިދާއަކީ ހަތް ޕަސެންޓުގެ އިންޓްރެސްޓެވެ.

އިންފިނިޓީ ޕޯޓަލް، ބޮޑު ފަސޭހައެއް

ހިއްސާގެ ބާޒާރަށް އާ ރޯކަން އަންނާނެ ކަމަށް ބެލެވެން ފަށާފައިވާއިރު، ހިއްސާގެ ބާޒާރުގައި މުއާމަލާތް ކުރުމަށް ފަސޭހަ ގޮތްތަކެއް ވެސް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ވަނީ ތައާރަފުކޮށްފަ އެވެ.

އައުޝަން ވިދާޅުވި ގޮތުގައި އިންފިނިޓީ ޑޮޓް އެމްވީ ފަރުމާކޮށްފައިވަނީ ބޭނުން ކޮށްލަން ފަސޭހަވާނެ ގޮތަށެވެ. އިންފިނިޓީ މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް އޮންލައިންކޮށް ފަސޭހަކަމާއެކު މުއާމަލާތްތައް ހިންގޭނެ އެވެ.

"މިހާރު ވެސް އޮންލައިން ޕޯޓަލް އިންފިނިޓީ ޑޮޓް އެމްވީ އިން އެމްއައިބީގެ ހިއްސާ ގަނެވޭނެ. އަދި އެޗްޑީއެފްސީގެ ޞުކޫކް އާއި ބޮންޑުގެ ޕްރޮސްޕެކްޓަސް ކިޔާލެވޭނެ. ރާއްޖެ އޮންނަ ގޮތުން މުހިންމުވޭ ކެޕިޓަލް މާކެޓަށް އެކްސެސް ވުން. މިހާރު ހުރިހާ މީހުން ވެސް ސްމާޓް ފޯނު ގެންގުޅޭ. 70 ޕަސެންޓް މީހުން އިންފިނިޓީ ބޭނުން ކުރަނީ ފޯނުން އެހެންވެ، މަސައްކަތް ކުރަމުން މިދަނީ ހާއްސަ މޮބައިލް އެޕެއް ހަދަން،" އައުޝަން ވިދާޅުވި އެވެ.