ރިޕޯޓް

އުރީދޫއަށް މިރޭ ވަރަށް ބޮޑު

ކުރީގެ "ވަތަނިއްޔާ" މިހާރުގެ "އުރީދޫ" އިން ރާއްޖޭގައި ފޯނުގެ ހިދުމަތް ފެށީ 2005 ވަނަ އަހަރު އެވެ. މެދުއިރުމައްޗާއި އޭޝިޔާގެ ބައެއް ގައުމުތަކުގައި މުއާސަލާތީ ހިދުމަތްދޭ މި ކުންފުނި ރާއްޖެ އައުންވީ ދިވެހި މުއާސަލަތާޔު އިތުރަށް ތަރައްގީވެގެން ދިޔަ ސަބަބަކަށެވެ. މި ހެޔޮބަދަލާއެކު ކޮމިއުނިކޭޝަންގެ ތަފާތު އާ އީޖާދުތައް އެތެރެވެ، މި ދާއިރާ އަށް ބޮޑު ކުރިއެރުމެއް ލިބިގެން ދިޔަ އެވެ. ނަމަވެސް އޭރު ވެސް އެ ކުންފުންޏާ މެދު ދިވެހިން ބެލީ "ބޭރު" ބައެއްގެ ގޮތުގަ އެވެ. އެހެންވެ އެ ކުންފުނިން ނިންމީ، ދިވެހިންގެ ހިއްސާ އޮންނަ ދިވެހި ކުންފުންޏަކަށް ހެދުމަށެވެ.

"ހިއްސާ ވިއްކުމާއެކު އުރީދޫގެ މިލްކުވެރިން މުޅި ރާއްޖެ އަށް ބަހާ ލެއްވިއްޖެ،" އުރީދޫގެ ބޯޑު މެންބަރު ދީނާ ހުސައިން މިކަން ސިފަ ކުރެއްވި ގޮތަކީ މިއީ އެވެ.

މި މަގުސަދުގައި އުރީދޫން ހިއްސާ ވިއްކަން ތައާރަފު ކުރީ މި އަހަރުގެ އޭޕްރީލް މަހު އެވެ. ހިއްސާ ވިއްކައި ނިމި އެ ކުންފުނިން މިރޭ ފުރަތަމަ އަހަރީ އާއްމު ޖަލްސާ އަށް އެއްވާނެ އެވެ. އުރީދޫން ހިއްސާއެއް ވިއްކާފައިވަނީ 30 ރުފިޔާގެ ރޭޓުންނެވެ. ވިއްކަން ހުޅުވައިލީ ހިއްސާގެ 15 ޕަސެންޓް ކަމަށްވާ 22,170,060 ހިއްސާ އެވެ. އަދި ދޫކޮށްފައިވާ އާންމު ހިއްސާގެ 15 ޕަސެންޓަށް ވުރެ އިތުރަށް ހިއްސާ ގަންނަން ހުށަހައިފިނަމަ ގިނަވެގެން 40 ޕަސެންޓް ( 59,120,160 އާންމު ހިއްސާ) ވިއްކާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ހިއްސާ ވިއްކަން ހުޅުވައިލުމާއެކު 8219 ހިއްސާދާރުންނަށް 14،044،870 ހިއްސާ ވިއްކި (ޖުމްލަ 421،346،100 ރުފިޔާ) ވަނީ ލިބިފަ އެވެ. މިއީ ދޫކުރެވިފައިވާ ހިއްސާގެ 9.5 ޕަސެންޓެވެ.

ހިިއްސާ ވިއްކުމާ ބެހޭ ގޮތުން، ސީއީއޯ ނަޖީބު ހާން ވިދާޅުވެފައިވާ މިވަރުގެ ބޮޑު ތަރުހީބެއް ލިބުމަކީ ލިބުނު ބޮޑު އުފަލެކެވެ.

"މި ވަރުގެ ބައިވެރިވުމެއް އާންމުންގެ ފަރާތުން ލިބުމުން ދައްކުވައިދެނީ، އުރީދޫ މޯލްޑިވްސްގެ ކުރިއެރުމާއި މެދު އިންވެސްޓަރުންނަށް އިތުބާރު އޮތްކަން. ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސް، މުވާސަލާތީ ދާއިރާގައި އަޅުގަނޑުމެންގެ ކުރިއެރުމުގެ ދެން އޮތް ހަރުފަތަށް ވާސިލްވުމަށް ކުރާ ދަތުރުގައި، އެންމެހައި ހިއްސާދާރުންނަށް އުރީދޫ ޓީމްގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަން،" ނަޖީބު ވިދާޅުވެފައިވެ އެވެ.

ހިއްސާ ގަތް މީހުންނަށް ލިބޭ ފައިދާ

ސުވާލަކީ އުރީދޫ ހިއްސާ އިން ކިހާވަރެއްގެ ފައިދާއެއް ލިބޭނެ ހެއްޔެވެ؟ އެ ކުންފުނިން ބުނެފައިވާ ގޮތުގައި ފައިދާގެ ގޮތުގައި ފުރަތަމަ އަހަރު ވެސް 10 ޕަސެންޓް ލިބޭނެ އެވެ. އަދި އަށް އަހަރު ތެރޭގައި ޝެއާ ޑަބަލް ވެގެން ގޮސް 2021 ވަނަ އަހަރު 16 ޕަސެންޓަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާ ކުރެ އެވެ.

ފުރަތަމަ އޭޖީއެމްގައި މިރޭ އޮތީ ކޮން ކަމެއް!

އުރީދޫގެ ފުރަތަމަ އަހަރީ އާންމު ޖަލްސާ އޮތީ މިރޭ 20:30 ގައި ދަރުބާރުގެ ރަންނަބަނޑޭރި މާލަމުގަ އެވެ. އަހަރީ އާއްމު ޖަލްސާގައި ވަނަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުމާއި ނިމިދިޔަ އަހަރުގެ އަހަރުގެ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުމުގެ އިތުރުން މި އަހަރު އެ ކުންފުނީގެ އޮޑިޓަރުން ހޮވައި އޮޑިޓަރުންގެ އުޖޫރަ ކަނޑައަޅައި ފާސްކުރުން ވެސް އޮންނާނެ ކަމަށެވެ.

މީގެ އިތުރުން ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ހޮވައި އައްޔަން ކުރުމާއި ވަތަނިއްޔާ އިންޓަރނޭޝަނަލް އެފްޒެޑް-އެލްއެލްސީ ގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރެއް އައްޔަން ކުރުން ވެސް އޮންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

"ކުންފުނީގެ 90.5 ޕަސެންޓް ހިއްސާގެ ވެރިފަރާތްކަމުގައިވާ ވަތަނިއްޔާ އިންޓަރނޭޝަނަލް އަށް ޑިރެކްޓަރުންގެ ބޯޑަށް ހަތް މެންބަރުން އައްޔަންކުރުމުގެ ބާރު ލިބިފައިވެ އެވެ. މިގޮތުން ވަތަނިއްޔާ އިންޓަނޭޝަނަލް އިން ޑިރެކްޓަރުންގެ ބޯޑަށް ޑޮކްޓަރ ޝައިޚާ އަލް-ޖާބިރު އައްޔަންކުރުމަށް ވަނީ ނޮމިނޭޓުކޮށްފަ އެވެ،" އުރީދޫން ބުނެފައިވެ އެވެ.

އުރީދޫގެ އަހަރީ އާއްމު ޖަލްސާގައި 9.5 ޕަސެންޓް ހިއްސާވާ އާއްމު ހިއްސާދާރުން ތަމްސީލް ކުރާ އެއް ޑިރެކްޓަރު ހޮވުންވެސް އޮންނާނެ ކަމަށެވެ. މި މަގާމަށް ކުރިމަތިލައްވާފައިވަނީ އިބްރާހީމް ފިރުޝާން އާއި ބީއެމްއެލްގެ ކުރީގެ ޗެއާޕާސަން ފަރީހާ ޝަރީފުގެ އިތުރުން އަޙްމަދު ޒުހޫރު އެވެ.

ކޮންމެއަކަސް އުރީދޫގެ ފުރަތަމަ އަހަރީ އާއްމު ޖަލްސާ މިރޭ ބާއްވާއިރު، މިއީ ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ވެސް ފާހަގަ ކޮށްލަން ޖެހޭ ދުވަހަށްވާނެ އެވެ. އެއީ ރާއްޖޭން ބޭރުގެ މަލްޓިނޭޝަނަލް ކުންފުންޏަކުން މިގޮތަށް ބާއްވާ ފުރަތަމަ ހަރަކާތައްވުމެވެ.