ހަބަރު

ތިން ސީ އެމްބިއުލާންސްއާއެކު ގިނަ ހަދިޔާތަކެއް އުރީދޫއިން ރާއްޖެއަށް ދީފި

ގަތަރުގެ އުރީދޫ ގްރޫޕުން ތިން ސީ އެމްބިއުލާންސާއެކު ގިނަ އެހީ ތަކެއް ރާއްޖެ އަށް ދީފި އެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫ ގްރޫޕުން ހަދިޔާކުރި އެހީތަކުގެ ތެރޭގައި ތިން އެމްބިއުލާންސާއި، އުރީދޫ މޮބައިލް ހެލްތް ކްލިނިކްތަކެއްގެ އިތުރުން ރާއްޖޭގެ ތިން ސަރަހަދުގައި ގާއިމް ކުރާ އައިޓީ އިންކުބޭޓާތައް ހިމެނެ އެވެ. އަދި ހުޅުމާލޭގައި އިންޓަނޭޝަނަލް ސްޓޭޑިއަމްއެއް އަޅައިދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.

އުރީދޫ ގްރޫޕުގެ އިޖުތިމާއީ ޒިންމާގެ ދަށުން ރާއްޖެއަށް ދިން މި އެހީތައް ރާއްޖެއާ ހަވާލުކޮށްދެއްވީ އުރީދޫ ގްރޫޕުގެ ޗެއާމަން ޝައިހު އަބްދުﷲ ބިން މުހައްމަދު ބިން ސައުދު އަލްތާނީ އެވެ. އަދި މި އެހީތަކާ ހަވާލުވެ ވަޑައިގަތީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އާއި ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް އެވެ.

މި ރަސްމިއްޔާތުގައި އުރީދޫ ގްރޫޕުގެ ޗެއާމަން ޝައިހު އަބްދުﷲ ބިން މުހައްމަދު ބިން ސައުދު އަލްތާނީ ވިދާޅުވީ އުރީދޫ ގްރޫޕަށް ރާއްޖެއަކީ މުހިންމު ތަނެއް ކަމަށެވެ.

"ހަދިޔާކުރި ތިން އެމްބިއުލޭންސް ދެނީ ރެޑްކްރެސެންޓާއި ސަރުކާރަށް. ތިން އިންކިއުބޭޓާ ގާއިމް ކުރާނި ރާއްޖޭގެ ތިން ސަރަހަދެއްގައި، މިއީ ވިޔަފާރީގެ ދާއިރާ އިން ކުރިއަށްދާން ބޭނުންވާ އަންހެން ބޭފުޅުންނަށް އައިސީޓީ ދާއިރާ އިން ދެވޭނެ،" ޝައިހު އަބްދުﷲ ބިން މުހައްމަދު ބިން ސައުދު އަލްސާނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި އެ ކުންފުނިން ދޭނީ އެންމެ ޒަމާނީ، ހައި ސްޕީޑުގެ ހިދުމަތް ކަމަށެވެ. އަދި ރާއްޖެއަކީ މުހިންމު މާކެޓެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އަހަރަށް ބަލާއިރު އަޅުގަނޑުމެންގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑަށް ކުރިއަރާ ކުންފުންޏަކީ އުރީދޫ މޯލްޑިވްސް. ހުނަރުވެރި ލީޑާޝިޕް ޓީމްއަކާއެކު މުވައްޒަފުންގެ މިންނަތް މަސައްކަތުގެ ސަބަބުން، އުރީދޫ ގްރޫޕުގެ އެއްބާރުލުމާއެކު މި ކުންފުނިން ވަނީ ދުނިޔޭގެ ފެންވަރު ރަނގަޅު ސްޕީޑާއި ހިދުމަތް ދިވެހިންނަށް ގެނެސްދީފައި،" މުހައްމަދު ބިން ސައުދު ވިދާޅުވި އެވެ.