ވިޔަފާރި

ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު އެއް މިލިއަނަށް އަރަނީ

  • މި އަހަރުގެ މިހާރުގެ އަމާޒަކީ 1.4 މިލިއަން
  • އޮގަސްޓް މަހުގެ ނިޔަލަށް އަށް ލައްކަ މީހުން
  • ޓޫރިޒަމް ޕްރޮމޯޓް ކުރަން ގިނަ މަސައްކަތްތަކެއް

މި އަހަރު ރާއްޖެ ޒިޔާރަތް ކުރާ ޓޫރިސްޓުންގެ އަދަދު މާދަމާ އެއް މިލިއަނަށް އަރާނެ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން ( އެމްއެމްޕީއާރުސީީ) އިން ބުނެފި އެވެ.

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރާ ކުންފުނި، އެމްއެމްޕީއާރުސީން ބުނީ އެއް މިލިއަން ވަނަ ޓޫރިސްޓު ރާއްޖެ އަށް އައުން ފާހަގަ ކުރުމަށް ހާއްސަ ހަރަކާތް ތަކެއް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި ހިންގާނެ ކަމަށެވެ. މިގޮތުން އެއް މިލިއަން ވަނަ ޓޫރިސްޓަށް މަރުހަބާ ކަޔަން އެމްޕީއާރުސީއިން ދަނީ ތައްޔާރުވަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށުން، އެމްއެމްޕީއާރުސީން ދަނީ ރާއްޖެ އަށް ޒިޔާރަތް ކުރާ އަހަރާ ދިމާކޮށް، މި އަހަރު ގިނަ ހަރަކާތް ތަކެއް ހިންގަމުންނެވެ. އެގޮތުން 500،000 ވަނަ ޓޫރިސްޓު ރާއްޖެ އައުން ފާހަގަ ކުރުމާއި ޓޫރިސްޓުންގެ އަދަދު 750،000 އަށް ލައްކަ އަށް އެރުން ވެސް ވަނީ ހާއްސަކޮށް ފާހަގަ ކޮށްފަ އެވެ.

މި އަހަރުގެ 500،000 ވަނަ ޓޫރިސްޓުގެ ގޮތުގައި ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ ފްރާންސް މީހެއް ކަމަށްވާ ނިކޮލަސް ލެމްޕެރިން އެވެ. ނިކޮލަސް ލެމްޕެރިން އާއި އޭނާގެ އަންހެނުން ސެލީން އަދި ދަރިފުޅު ޕޯލް އަށް ބަނިޔަންޓްރީ ވައްބިންފަރުން ވަނީ ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތެއް ދީފަ އެވެ. އަދި މި އަހަރު ރާއްޖެ އަށް ޒިޔާރަރްކުރި 750،000 ވަނަ ޓޫރިސްޓަށް ހޮވިފައިވަނީ ޗައިނާގެ އަންހެނެއް ކަމަށްވާ ވަންގް ޝުއެ އެވެ. އޭނާ ރާއްޖެ އަށް ޒިޔާރަތް ކޮށްފައިވަނީ ފިރިމީހާ އާއި ދަރިފުޅާއެކުގަ އެވެ. މި އާއިލާ އަށް މީރު އައިލެންޑް ރިސޯޓުގައި ހަފުތާއެއްގެ ހުރުން ދީފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން މި އަހަރުގެ ކުރީކޮޅު ވަނީ 1.5 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ގެނައުމުގެ އަމާޒެއް ހިފައިފަ އެވެ. ނަމަވެސް ދުނިޔޭގެ ޓޫރިޒަމަށް ހާއްސަކޮށް، ރާއްޖެ އަށް ޓޫރިސްޓުން އަންނަ މާކެޓުތައް ދަށްވުމާ ގުޅިގެން މި އަދަދު ރިވައިސްކޮށް، މި އަހަރު ޒިޔާރަތް ކުރާނީ 1.4 މިލިއަން ޓޫރިސްޓުން ކަމަށް ބުނެފަ އެވެ.

ޓޫރިޒަމް ދުވަހުގެ، ރަސްމިއްޔާތުގެ ހަވާސާގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ކުރިން ޒިޔާރަތް ކުރާނެ ކަމަށް އަންދާޒާ ކުރި އަދަދު ބަދަލު ކުރަން ޖެހުނީ ރާއްޖެއަކީ ޓެރަރިސްޓްގެ ބިރު އޮތް ތަނެއް ކަމަށް ބުނެ އިދިކޮޅު ފަރާތްކުން ބޭރު ގައުމުތަކުގައި ހިންގާ ޓޫރިޒަމް ބޮއިކޮޓް ކެމްޕޭން ތަކާއި މެދު އިރުމަތީގައާއި ފްރާންސް ފަދަ ގައުމުތަކުގައި ހިނގި ކަންކަމުގެ ސަބަބުން އެ ސަރަހައްދުތަކުގެ މާކެޓް ދަށްވުމުންނެވެ.

"އަޅުގަނޑުމެންނަށް މި އަހަރު މި އައި މައިގަނޑު ޗެލެންޖްތަކަކީ އިދިކޮޅު ފަރާތްތަކުން ރާއްޖެއަކީ ޓެރަރިޒަމަށް މަގުފަހިކުރާ ތަނެއް ކަމަށް ޕްރޮމޯޓްކުރީމަ އެކަމުގެ އުނދަގޫ އައި، އޭގެއިތުރަށް މެދު އިރުމައްޗާއި އެހެން ސަރަހައްދުތަކުގައި ހިނގި ހާދިސާތަކާއި އަޅުގަނޑުމެންގެ ބޮޑު މާލެޓްތައް ކަމަށްވާ ޖާމަނީ ފްރާންސް ފަދަ ގައުމުތަކުގައި ހިނގި ހާދިސާތަކުން ވެސް ޝޮކް އައި، އެހެންކަމުން އަމާޒު ހިފި އަދަދަށް ވާސިލު ނުވެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް 842،635 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. މި އަހަރު ކުރިއަށް އޮތީ ރާއްޖޭގެ ޓޫރިޒަމްގެ ފީކް ސީޒަން އެވެ. މި ދުވަސް ވަރާ ދިމާކޮށް، ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނުގެ އޮކިއުޕެންސީ ރޭޓް މަތިވެގެންދާނެ ކަމަށް ބެލެވެ އެވެ. އެހެންވެ މި ކަމަށް ބަލައި ރާއްޖެއަށް ޒިޔާރަތް ކުރާ ބޮޑެތި ބައެއް އެއާލައިންތަކުގެ ފްލައިޓްތަކުގެ ސައިޒު ބޮޑު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.