ވެށިފަހި ޕްރޮގްރާމްގެ ދަށުން އަރަބިއްޔާ އަދި ގާކޮށީގައި އަޅާފައިވާ ފްލެޓްތައް ލިބޭނެ ކަމަށް މީގެ ކުރިން ކަނޑައެޅި 266 ފަރާތް ވެސް ހިމެނޭގޮތަށް ފްލެޓް ދޫކުރުމުގެ ކަންކަން ކުރިއަށްގެންދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީ އަށް އަންގައިފި އެވެ.
އޭސީސީން މިހެން ބުނެފައިވަނީ، ވެށިފަހި ޕްރޮގްރާމުގެ ދަށުން މާލޭގައި އަޅާފައިވާ ފްލެޓްތައް ލިބޭނެ ފަރާތްތަކުގެ ގުރުއަތުލުމުގައި ފައިސާ ދައްކާނެ ކަމަށް ލިޔުމުން ހައުސިން މިނިސްޓްރީއަށް ހުށަހަޅާފައިވާ ބައެއް ފަރާތްތަކުގެ ނަން އެ ލިސްޓުގައި ނެތް ކަމަށް ބުނެ އެ ކޮމިޝަނަށް ލިބުނު ޝަކުވާ އަކާ ގުޅިގެން އެކަން ތަހުގީގު ކުރުމަށްފަހު ނެރުނު ރިޕޯޓުގަ އެވެ.
ގާކޮށްްޓާއި އަރަބިއްޔާ ހުރިތަނުގައި ބިނާކޮށްފައިވާ ފްލެޓުތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ދެ ލިސްޓެއް އެޗްޑީސީން ގެންގުޅޭ ކަމަށް ބައެއް މީޑިއާތަކުގައި މީގެ ކުރިން ވަނީ ރިޕޯޓްކޮށްފައެވެ.
ގާކޮށްޓާއި އަރަބިއްޔާ ހުރިތަނުގައި އަޅާފައިވާ ފްލެޓް ތަރުތީބުކުރަން މިމަހުގެ ހަވަނަ ދުވަހު ގުރު ނަގަން އުޅެނިކޮށް، އޭސީސީގެ އެންގުމަކަށް އެކަން ވަނީ ހުއްޓާލައިފަ އެވެ.
އޭސީސީގެ ރިޕޯޓުގައި ބުނެފައިވަނީ، ވެށިފަހި ޕްރޮގްރާމްގެ ދަށުން ފްލެޓް ލިބޭ 266 ފަރާތްތަކަށް އެކަން އަންގާ ސިޓީއެއް މީގެ ތިން އަހަރު ކުރިން ހައުސިން މިނިސްޓްރީން ފޮނުވި އިރު، އެ ސިޓީގައި ބުނެފައިވާ ގޮތަށް ފްލެޓަށް ކަނޑައެޅިފައިވާ ދެ މިލިއަން ރުފިޔާ ފަސް އަހަރު ދުވަހުގެ ތެރޭގައި ދެއްކޭނެ ކަމަށް ހައުސިން މިނިސްޓްރީއަށް ލިޔުމުން އެންގީ 149 ފަރާތަކުން ކަމަށެވެ. އެކި ސަބަބު ތަކާ ހެދި 38 ފަރާތަކުން ސިޓީއާ ހަވާލު ނުވާ ކަމަށާއި، ސިޓީއާ ހަވާލުވި ފަރާތްތަކުގެ ތެރެއިން 18 ފަރާތަކުން އެ ސިޓީއަށް ޖަވާބެއް ދީފައި ނުވާކަމަށެވެ.
ހައުސިން އިން އެންގި ގޮތަށް ފަސް އަހަރު ދުވަހުގެ ތެރޭގައި ދެ މިލިއަން ރުފިޔާ ދެއްކޭނެ ކަމަށް ހައުސިން އަށް އެންގި 149 މީހުންގެ ލިސްޓެއް އެ މިނިސްޓްރީން ވަނީ ފްލެޓް ހަވާލުކުރުމަށް ގުރުއަތުލުމަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ފޮނުވާފަ އެވެ.
އޭސީސީގެ ބަޔާނުގައި ބުނީ، އެޗްޑީސީއަށް ހައުސިން އިން ދިން ލިސްޓުގައި ހިމެނި 149 މީހުންގެ ތެރޭގައި ފަސް އަހަރު ތެރޭ ދެ މިލިއަން ރުފިޔާ ދައްކާނެ ކަމަށް ނާންގާ ބައެއް ފަރާތްތައް ވެސް އެ ލިސްޓުގައި ހިމެނޭ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ފައިސާ ދެއްކޭނެކަން އެ މިނިސްޓްރީއަށް އެންގި މީހުންގެ ތެރެއިން ވެސް ފައިސާ ދައްކާނެ ގޮތުގެ ތަފްސީލު ހުށަހަޅަން ހުޅުވާލި ފުރުސަތުގައި ތަފްސީލު ހުށަނާޅާ މީހުން ވެސް އެ ލިސްޓުގައި ހިމެނޭ ކަަމަށެވެ. އެއީ ވަކި ފަރާޓްތަކެއްގެ ހައްގުތައް ގެއްލޭގޮތަށް، ވަކި ބަޔަކަށް މަންފާ ވާގޮތަށް ހައުސިން އިން ކޮށްފައިވާ ކަމެއް ކަމަށް އޭސީސީގެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
އެހެންކަމުން އެކަންކަމަށް ބެލުމަށްފަހު ފްލެޓްތައް ލިބޭނެ ކަމަށް މީގެ ކުރިން ކަނޑައެޅި 266 ފަރާތް ވެސް ހިމެނޭގޮތަށް ފްލެޓް ދޫކުރުމުގެ ކަންކަން ކުރިއަށްގެންދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީ އަށް އަންގައިފި އެވެ.