އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހަޅާ ފަރާތްތަކަށް ހިމާޔަތާ ރައްކާތެރިކަން ދިނުމަށް އެކުލަވާލި އުސޫލު އިއުލާނުކޮށް އެ ގަވާއިދަށް އޭސީސީން އަމަލުކުރަން ފަށައިފި އެވެ.
އެ އުސޫލަކީ، ކޮރަޕްޝަން ހުއްޓުވުމާބެހޭ ގާނޫނާއި އާ ގާނޫނާއި ގާނޫނުލް އުގޫބާތުގެ ދަށުން އޭސީސީއަށް ތަހުގީގު ކުރުމުގެ ބާރު ލިބިފައިވާ ކަމަކާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ވިސްލްބްލޯ ކުރާ ފަރާތް ހިމާޔަތްކުރުމަށް އެ ކޮމިޝަނުން އަމަލުކުރާނެ ގޮތް ކަނޑައަޅާ އުސޫލެވެ.
އެ އުސޫލުގައިވާ ގޮތުން، ވިސްލްބްލޯ ކުރާ ފަރާތަކީ އަމިއްލަޔަށް އިސްނަގައިގެން އަމިއްލަ އިހުތިޔާރުގައި ކާކުކަން އެނގޭނެހެން ކޮމިޝަނަށް މައުލޫމާތު ހާމަކުރާ މީހާއެވެ. އަދި ވިސިލްބްލޯ ކުރެވޭނީ ގާނޫނުލް އުގޫބާތާއި އަދި އެހެންވެސް ގާނޫނަކުން އޭސީސީއަށް ތަހުގީގުކުރުމުގެ ބާރު ލިބިދޭ ކުށަކާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ކުރިއަށްގެންދަން ފަސޭހަވާނެ މިންވަރަށް، މައުލޫމާތު ދެނީ ކާކުކަން އެނގޭ ގޮތަށެވެ.
އެ އުސޫލުގައިވާ ގޮތުން ވިސްލްބްލޯކުރާ ފަރާތުން ހިއްސާކުރާ މައުލޫމާތު ކޮމިޝަނަށް ދިނުމުގެ ކުރިން، ނުވަތަ ކޮމިޝަނުން އެ މައްސަލަ ބަލައި ނިންމައި ހާމަކުރުމާ ހަމަޔަށް ތަހުގީގުކުރުމުގެ ބާރު ލިބިފައިވާ އިދާރާތަކާއި ޕްރޮސެކިުޓާ ޖެނަރަލްގެ އޮފީހާ ކޯޓުތަކަށް ފިޔަވައި އެހެން ފަރާތަކަށް އެ މައުލޫމާތު ދިނުމަކީ މަނާ ކަމެކެވެ. ވިސްލްބްލޯ ކުރާ ފަރާތުގެ ޒާތީ މައުލޫމާތެއް އެއްވެސް ފަރާތަކަށް ހާމަކުރުމަކީ ވެސް މަނާ ކަމެކެވެ.
ވަޒީފާއެއްގައި އުޅޭ މީހަކަށް އޭނާގެ ވަޒީފާ ނުވަތަ ވަޒީފާގެ މަސްއޫލިއްޔަތަށް އުނިކަން ލިބިފައިވަނީ ކޮރަޕްޝަންގެ މައްސަލަޔަކާ ގުޅިގެން ކަމަށް ގަބޫލު ކުރެވޭނަމަ އެކަން އޭސީސީގެ ސަމާލުކަމަށް ގެނައުމުގެ ފުރުސަތު ވިސްލްބްލޯކުރި ފަރާތަށް ލިބޭނެ އެވެ. އަދި އެކަން އޭސީސީން ކުރާ ތަހުގީގަށް ސާބިތުވެއްޖެނަމަ އެ ފަރާތަށް އެހީތެރިވުމުގެ ގޮތުން ޝަރީއަތަށް މައްސަލަ ހުށަހަޅަން ވެސް އެ ކޮމިޝަނުން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެ އެވެ.
" ކޮރަޕްޝަންގެ އެއްވެސް އަމަލަކާ ގުޅިގެން ވިސްލްބްލޯކޮށްގެން އެއްވެސް ފަރާތަކަށް ގެއްލުމެއް ނުވަތަ ދެރައެއް ލިބިފައިވާކަން އޭސީސީގެ ތަހުގީގަށް ސާބިތުވެއްޖެނަމަ އެކަމާ ގުޅިގެން އެމީހަކަށް ގެއްލުނު ހައްގު ހޯދައިދިނުމަށް ކޮމިޝަނުން އެހީތެރިކަން ފޯރުކޮށްދިނުމަކީ މި އުސޫލުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ،" އެ އުސޫލުގައި ބުނެފައިވެ އެވެ.