އެންސްޕާ

ކާޑު ސަބްސިޑީގެ 5000 އެއްހާފޯމް މާލެއަށް ދޫކޮށްފި

ކާޑުގެ ސަބްސިޑީއަށް މިހާތަނަށް މާލޭގެ ރައްޔިތުންނަށް 5000 އެއްހާ ފޯމް ދޫކޮށްފައިވާ ކަމަށާއި ނަމަވެސް ލިޔުންތަކާއެކު ފޯމް ހުށަހަޅާ ރޭޓް ދަށް ކަމަށް ނޭޝަނަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ބުނެފި އެވެ. ކާޑުގެ ސަބްސިޑީ ފޯމާއެކު ގިނަ އަދަދެއްގެ ލިޔެކިޔުން ހުށަހަޅަން ޖެހެ އެވެ.

މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކާޑުން ސަބްސިޑީ ކަނޑާލުމާ ގުޅިގެން ކާޑުގެ ސަބްސިޑީ ދިނުމުގައި، ލިބޭ އާމްދަނީ އަށާއި ގެއެއްގައި މީހުން ތިބޭ އަދަދާއި ދިރިއުޅޭ ކުޑަކުދިންގެ ސްކޫލް ސެޓްފިކެޓާއި ތުއްތު ކުދިންގެ ވެކްސިން ސެޓްފިކެޓްގެ ކޮޕީ ހުށަހަޅަން ޖެހޭ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތައް އެންސްޕާއަށް ވަނީ އަމާޒުވެފަ އެވެ.

އެކަމާ ގުޅިގެން އެންސްޕާގެ ސީއީއޯ މުޖުތަބާ އަލީ ޖަލީލް ވިދާޅުވީ، ކާޑުގެ ސަބްސިޑީއަށް ބަދަލު ގެނައި ފަހުން މާލެއިން އެކަނި 5000 އެއްހާ މީހުން ފޯމް ގެންދިޔަ ކަމަށާ، އަތޮޅުތަކާއެކޔ ފޯމްތައް ގެންދާ މީހުންގެ ނިސްބަތް އިތުރުވި ނަމަވެސް ފޯމް ހުށަހަޅަމުންދާ ރޭޓް ވަރަށް ލަސް ކަމަށެވެ.

އޭނާ އަދި ސަބްސިޑީ ފޯމާ ގުޅޭ ޝަކުވާތައް މަދު ކަމަށާއި ސަބްސިޑީއަށް ދޫކުރާ ފައިސާ މި މަސް ނިމޭ ދުވަހު ދިނުމަށް ނިންމާފައިވާތީއާ، ސަބްސިޑީއަށް މިހާރުވެސް ފުދޭވަރެއްގެ ގިނަ ފޯމްތައް ލާފައިވާތީ އެ ފޯމްތައް ރިވިއު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެންސްޕާއިން ނިންމާފައި ވަނީ ފަގީރުންނަށް ބޮލަކަށް 40 ރުފިޔާގެ ރޭޓުން ސަބްސިޑީ ދިނުމަށެވެ. އެންސްޕާއިން ބުނަނީ މި ވަގުތު ލިބެން ހުރި މައުލޫމާތުތަކަށް ބަލާއިރު އަންދާޒާ ކުރެވެނީ ގޭބިސީއަކަށް ކާޑު ސަބްސިޑީގެ ގޮތުގައި އެންމެ ގިނަވެގެން ލިބޭނީ، 240 ރުފިޔާ ކަމަށެވެ.