ޓޫރިސްޓް އެރައިވަލް

މިއަހަރުގެ އެއްމިލިޔަން ވަނަ ޓޫރިސްޓް ރާއްޖެ އަތުވެއްޖެ

Oct 16, 2016
  • އެއް މިލިއަން ވަނަ ޓޫރިސްޓަކީ އިންޑިޔާ މީހެއް
  • އިންޑިޔާގައި ރަނގަޅުވަމުން އަންނަ ޓޫރިޒަމް މާކެޓެއް
  • މިހާތަނަށް 39،000 އަށްވުރެ ގިނަ މީހުން އައި

މި އަަރުގެ އެއް މިލިޔަން ވަނަ ޓޫރިސްޓް މިއަދު ރާއްޖެ އަތުވެއްޖެ އެވެ. އެއްމިލިއަން ވަނަ ޓޫރިސްޓުގެ ގޮތުގައި މި އަހަރު ހިމެނިގެން ދިޔައީ އިންޑިޔާގެ ރައްޔިތެކެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި ބޭއްވި ރަސްމިއްޔާތުގައި އިންޑިޔާގެ ރައްޔިތެއް ކަމަށްވާ އަލީ އަސްގަރު ގޮދްރަވާލާ އާއި އަންހެނުން އެލީފިޔާއަށް މަރުހަބާކީ އިންޑިޔާގެ ސަފީރު އަކިލޭޝް މިޝްރާ އާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސްގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އާއި ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލުންނެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ވަނީ އެއް މިލިއަން ޓޫރިސްޓުން އައުން ފާހަގަ ކުރުމުގެ ގޮތުން އައިއެންއައިއޭގައި ބޮޑުބެރުގެ ހަރަކާތްތަކެއް ބާއްވާފަ އެވެ. އެއް މިލިއަން ޓޫރިސްޓުގެ ގޮތުގައި ހޮވުނު އަލީ އަސްގަރަށް މަރުހަބާ ކިޔާފައިވަނީ ވީއައިޕީ ލައުންޖުގަ އެވެ.

މި ރަސްމިއްޔާތަށްފަހު، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ހާރިސް ވިދާޅުވީ އެއް މިލިއަން ޓޫރިސްޓުގެ ގޮތުގައި އިންޑިޔާ މީހަކު ހޮވުމަކީ ރަނގަޅު ފާލެއް ކަމަށެވެ.

"އިންޑިޔާއަކީ ރަނގަޅަށް ކުރިއަރަމުން އަންނަ މާކެޓެއް. އެއް މިލިއަން ޕެސެންޖާއަށް އިންޑިޔާ މީހަކުވުމަކީ އިތުރު އޮޕަޖޫނިޓީއެއް،" ހާރިސް ވިދާޅުވި އެވެ.

އިންޑިޔާއަކީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ވަރުގަދަ 10 ގައުމުގެ ތެރޭގައި ހިމެނޭ އެއް ގައުމެކެވެ. އެ ގައުމުން މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް 39،059 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި 32،181 ޓޫރިސްޓުންނާ އަޅާ ބަލާއިރު، 21.4 ޕަސެންޓް އިތުރު އަދަދެކެވެ.

ޓޫރިޒަމް މިނިސްޓްރީން މި އަހަރު ފާހަގަ ކުރަނީ "ވިޒިޓް މޯލްޑިވްސް އިޔާ" ގެ ގޮތުގަ އެވެ. މި އަހަރު 1.5 މިލިއަން ޓޫރިސްޓުން ގެނައުމަށް ޓާގެޓް ކުރިނަމަވެސް މި އަދަދު ވަނީ 1.4 މިލިއަން މީހުންނަށް ބަދަލު ކޮށްފަ އެވެ.