ޓޫރިޒަމް

ފަތުރުވެރިންގެ އަދަދު 466،000 އަށް

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 466،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 466،273 ފަތުރުވެރިން އައިސްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި 404،898 ފަތުރުވެރިންނަށްވުރެ 61،375 ފަތުރުވެރިން -- 15.2 ޕަސަންޓް އިތުރުވުމެކެވެ.

ރާއްޖެއަށް އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ.

އެ ގައުމުން 56،181 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އެއީ ޖުމްލަ ފަތުރުވެރިންގެ 12 ޕަސަންޓެވެ.

ރަޝިއާއިން 44،222 ފަތުރުވެރިން ޒިޔާރަތްކުރިއިރު އިޓަލީވިލާތުން 42،770 ފަތުރުވެރިން އަދި އިނގިރޭސިވިލާތުން 40،448 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

ޖަރުމަނުން 29،196 ފަތުރުވެރިން އައިސްފައިވާއިރު އިންޑިއާއިން 28،298 ފަތުރުވެރިން މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި އެވެ.

ފްރާންސުން އަހަރުގެ މިހާތަނަށް 18،365 ފަތުރުވެރިން ޒިޔާރަތްކުރިއިރު އެމެރިކާއިން 14،405 ފަތުރުވެރިން، ޕޮލެންޑުން 11،078 ފަތުރުވެރިން އަދި ސްވިޓްޒަލޭންޑުން 10،120 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.