ވިޔަފާރިތަކުން އިޖުތިމާއީ ޒިންމާއަށް އިސްކަން ދިނުމަށް ރައީސް އަބްދުﷲ ޔާމީން ގޮވާ ލައްވައިފި އެވެ.
އެލިޔާއަށް 50 އަހަރު ފުރުމާ ދިމާކޮށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ އެލިޔާ އާއި ޗަމްޕާ އަދި ޔުނިވާސަލް ފަދަ ކުންފުނިތައް މިސާލަކަށް ބަލައިގެން ކުންފުނިތަކުން އިޖުތިމާއީ ޒިންމާގެ ދަށުން ކަންތައްތަކެއް ކޮށްދޭނެ ޖެހޭ ކަމަށެވެ.
"ވިޔަފާރީގައި އިސް ސަފުގައި އުޅޭ ފަރާތްތަކުން ވިސްނަން އެބަޖެހެ އޭ އެލިޔާއިން ވެސް ވިސްނާ ގޮތަށް. ޔުނިވާސަލް އާއި ޗަމްޕާ އާއި މިކަހަލަ އެތައް ވިޔަފާރިވެރިން ވިސްނާ ގޮތަށް. ދިވެހި ރާއްޖޭގެ އިޖުތިމާއީ ކަންތައްތަކަށް އަނބުރާ ކޮންމެ ވެސް އެއްޗެއް ދޭން އެބަޖެހެ އޭ. އޭގެ މާނައަކީ ސީއެސްއާރު މަޝްރޫއުއެއްގެ ދަށުން ނަމަވެސް ނޫނީ ކޮމިއުނިޓީއަށް އިޖުތިމާއި ކޮންމެ ވެސް ކަހަލަ ޒިންމާއެއް އޮތްކަން ގަބޫލުކޮށް،" ރައީސް ވިދާވި އެވެ.
އެލިޔާއިން ރާއްޖޭގެ ބައެއް ހޮސްޕިޓަލްތަކަށް ދެމުން ގެންދާ އެހީތައް ފާހަގަ ކުރައްވަމުން ވިދާޅުވީ އެލިޔާއަކީ އިޖުތިމާއީ ޒިންމާ އަދާކުރުމުގެ ރޮނގުން މިސާލެއް ކަމަށެވެ.
ރާއްޖޭގެ އިގްތިސާދީ ބައެއް މައްސަލަތަކަށް އަލި އަޅުވައި ލައްވަމުން ރައީސް ޔާމީން ވިދާޅުވީ ހަތަރު ޕަސެންޓުގެ އިންޓަރެސްޓް ރޭޓެއްގައި ލޯނު ހިފައިގެން މަޝްރޫއަކާއެކު އަންނަ ކުންފުންޏަކަށް ސަރުކާރުން ގެރެންޓީ ދޭނެ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ މިނިމަމް ރިޒާވް ރިކުއާމަންޓް ދަށް ކުރުމަށް މި އަހަރު ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"މިދިޔަ އަހަރުގެ ތެރޭގައި އެމްއެމްއޭގެ މިނިމަމް ރިޒާވް ރިކުއާމަންޓު ވެސް މިއޮތީ 25 ޕަސެންޓުން 20 ޕަސެންޓަށް ދަށްކޮށްފަ. މީގެ ބޭނުމަކަށް ވެސް ވަނީ ބޭންކުތަކަށް ނުކުންނަ ފައިސާ އިތުރު ކުރުން. ބޭނުކުތަކުން ނުކުނަ ފައިސާ އިތުރުވެގެން ނޫނިއްޔާ ރިޒާވް ރިކުއާމަންޓުގެ ގޮތުގައި އެމްއެމްއޭގައި ބަހައްޓާ ފައިސާ މަދުވާ ކަމަށްވާނަމަ އެއީ ވިޔަފާރިވެރިންނަށް ކޮމްޕައުންޓް ވެގެން ހުންނާނެ ފައިސާއަށް ވާނެ،" ރައީސް ވިދާޅުވި އެވެ.