ހަބަރު

134 ފަރާތަކަށް ގާނޫނީ ވަކީލުކަމުގެ ހުއްދަ ދީފި

ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ، މުޅިން އަލަށް 134 ފަރާތަކަށް މިރޭ ދީފި އެވެ. ދަރުބާރުގޭގައި މިރޭ ބޭއްވީ ހުވާކުރުމުގެ ރަސްމިއްޔާތެއްގައި އެ ފަރާތްތަކަށް ވަކީލްކަމުގެ ހުއްދައިގެ ލިޔުން ހަވާލުކޮށްދެއްވީ ބަންޑާރަ ނައިބު މުހައްމަދު އަނިލް އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަނިލް ވިދާޅުވީ ގާނޫނީ ވަކީލުންގެ ފަންނަކީ ރާއްޖޭގެ އެކި ދާއިރާގައި ވަރަށް ކުރިއަރަމުން އަންނަ ފަންނެއް ކަމަށާއި މިހާރު ގައުމުގައި ގާނޫނީ ވަކީލުން އިންތިހާއަށް ބޭނުންވެފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނީ ވަކީލުންގެ ގޮތުގައި މިރޭ ހުވާ ކުރެއްވި ފަރާތްތަކާއި އެކު ރާއްޖޭގައި ގާނޫނީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ލިބިފައިވާ 1100 އަށް ވުރެ ގިނަ ފަރާތް ތިބޭނެ ކަމަށް އަނިލް ވިދާޅުވި އެވެ.

އޭގެ ތެރޭގައި 40 ޕަސަންޓަކީ އަންހެނުން ކަމަށް އަނިލް ވިދާޅުވި އެވެ.

"މިރޭ ހުއްދަ ލިބިވަޑައިގެންނެވި ފަރާތްތައް މަސައްކަތް ކުރަން ޖެހޭނީ ހަމައެކަނި ކޯޓުތަކުގައި ވަކާލާތް ކުރުމަކަށް ނޫން. އެއަށްވުރެއް ތިބޭފުޅުންގެ ބޭނުން މިހާރު މާ ބޭނުންތެރިވާނެ. އެހެންކަމުން ގާނޫން ޑްރާފްޓު ކުރުމާއި ގާނޫނީ ލަފާދިނުން އަދި މިނޫނަސް އެކި ދާއިރާތަކުގައި ފުރުސަތު އެބައޮތް،" އަނިލް ވިދާޅުވި އެވެ. "އަޅުގަނޑުގެ އިލްތިމާސްއަކީ އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިއްތަވައި ރާއްޖޭގެ ގާނޫންތައް ރައްކާތެރިކޮށް ރައްޔިތުންގެ އަސާސީ ހައްގުތައް ރައްކާތެރިކޮށްދެއްވާށޭ. އަދި ތިބޭފުޅުންގެ މައްސޫލިއްޔަތު އަދާ ކުރެއްވުމުގައި އަމާނަތްތެރިކަމާއި އެކު އަދާ ކުރެއްވުމަށް ދެމި ތިއްބަވާށޭ،"

އަނިލް ވިދާޅުވީ ގޮތުގައި ޝަރުއީ ދާއިރާއަށް ބޭނުންވާ މިންވަރާ ގާތަށްވެސް އަތޮޅު ތެރޭގައި ގާނޫނީ ވަކީލުންގެ ހިދުމަތް ނުލިބެއެވެ. އެހެންކަމުން އަތޮޅުތަކު ތެރެއިން މަސައްކަތް ކުރާނެ ފަރާތްތަކެއްވެސް ކުރިޔަށް އޮތްތާ މި ދާއިރާއަށް ނިކުންނާނެ ކަމަށް އުންމީދު ކުރާ ކަމަށް އަނިލް ވިދާޅުވި އެވެ.

މިރޭ ބޭއްވި ރަސްމިއްޔާތުގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ލިބުން 134 ފަރާތަށް ވަނީ ވަކީލު ކަމުގެ ހުވާކޮށްފަ އެވެ. މި ރަސްމިއްޔާތު ބާއްވާފައި މި ވަނީ އެންމެ ފުރަތަމަ ރަސްމިއްޔާތު ބާއްވަން އޮތް ތާރީހު ފަސްކުުރުމަށް ފަހު އެވެ.