ޕީޕީއެމްގެ ސައްހަ ކައުންސިލެއް ކަނޑައަޅައި، ސައްހަ ނިންމުންތަކަކީ ކޮބައިކަން ކަނޑައަޅައި އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމާ ނިންމުމަށް ތަބާވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ފެކްޝަނުން މިއަދު ބުނެފި އެވެ.
ކޯޓުގެ އަމުރާ އެއްގޮތަށް ރައީސް ޔާމީންގެ ރިޔާސަތުގައި ބޭއްވެވި ކައުންސިލް ބައްދަލުވުމުގައި ކަނޑައެޅި އެ ޕާޓީގެ ސެކެރެޓްރީ ޖެނަރަލް ޑރ. އަބްދުﷲ ހަލީލު މިއަދު ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ދެ ފެކްޝަނުން ވެސް އެ ފެކްޝަނަކުން މަގާމުތަކަށް އައްޔަންކުރި ފަރާތްތަކާއި ނިންމުންތައް އީސީއާ ހިއްސާކޮށްފައިވާ ކަމަށާއި އޭގެ ސައްހަކަން އީސީއިން ކަނޑައަޅާނެ ކަމަށެވެ.
"އިލެކްޝަން ކޮމިޝަނަށް އަޅުގަނޑުމެންގެ ނިންމުންތައް މިވަނީ ފޮނުވިފައި، އަދި އިލެކްޝަން ކޮމިޝަނުން އެ ބޭފުޅުން ނިންމުމެއް ޖަވާބެއް ނާދޭ، އައުމާ ހިސާބުން އެނގިގެން ދާނެ ދެން ކަންކުރަންވީ ގޮތެއް،" ހަލީލް ވިދާޅުވި އެވެ.
ހަލީލް ވިދާޅުވީ، ސައްހަ ކައުންސިލާ މެދު އެއްވެސް ސުވާލެއް ނުއުފެދޭ ކަމަށާއި ސައްހަ ކައުންސިލަކީ ރައީސް ޔާމީން ބޭއްވެވި ކައުންސިލް ކަމަށެވެ.
"ޕާޓީގެ ހިންގުމާ ގުޅޭ ގޮތުން އެ އޮތީ ކޯޓު އަމުރެއް ނެރެފަ، އެ އަމުރާ އެއްގޮތަށް ޕާޓީގެ މުސްތަޝާރު އަމަލުކުރައްވަމުން އެ ގެންދަވަނީ، އެހެންވީމަ ސުވާލެއް ނުއުފެދޭ ސައްހަ ކައުންސިލެއްތޯ ނުވަތަ ނޫންތޯ އެއް، ޕާޓީ ހިނގަމުންނުދާތީ އެކަމާ ގުޅޭ ސުވާލު އުފެދިގެން މުސްތަޝާރަށް ހިންގުން ހަވާލުކުރެވިފައި އެވަނީ،" ހަލީލް ވިދާޅުވި އެވެ.
"އިލެކްޝަން ކޮމިޝަނުން ވެސް ނެތް ސައްހަ ކައުންސިލާ މެދު ސުވާލެއް އުފައްދާފައެއް، އިލެކްޝަން ކޮމިޝަންގެ ނިންމުމަށް އަޅުގަނޑުމެން ތަބާވާނަން،"
ކޯޓުން ވަކި ގޮތަކަށް އަމަލުކުރުމަށް އަންގާފައިވަނިކޮށް ރައީސް މައުމޫން އަބްދުލް ގައްޔޫމް ބޭއްވެވި ކައުންސިލް ބައްދަލުވުމުގެ ނިންމުންތައް ވެސް އީސާއާ ހިއްސާކޮށްފައިވާއިރު މައުމޫންގެ ފެކްޝަނުން ވަނީ ރައީސް ޔާމީން ބޭއްވެވި ކައުންސިލަކީ ބާތިލް ކައުންސިލެއް ކަމަށް ބުނެ އީސީއަށް ސިޓީއެއް ވެސް ފޮނުވާފަ އެވެ.
ދެ ފެކްޝަނުން ވެސް ފޮނުވާފައިވާ ލިޔުންތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް، ސައްހަ ކައުންސިލެއް އަދި ސައްހަ ނިންމުންތައް ކަނޑައެޅުމަށް އީސީގެ މެންބަރުން ބައްދަލުވުމެއް ބާއްވަން ވަނީ ނިންމަވާފަ އެވެ.