އެމްޑީޕީ

އަލީ ވަހީދަށް ކުރި ދައުވާ އެމްޑީޕީން ކުށްވެރިކޮށްފި

އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދުގެ މައްޗަށް ޓެރަރިޒަމްގެ ދުއުވާ އުފުލުމުން އެމްޑީޕީއިން އެކަން ކުށްވެރިކޮށްފި އެވެ. އަލީ ވަހީދުގެ މައްޗަށް ދައުވާކޮށްފައިވަނީ މިދިޔަ އަހަރުގެ މޭޑޭގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެންނެވެ.

މޭޑޭގައި ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާއާ ގުޅިގެން އަލީ ވަހީދު ހހައްޔަރުކޮށް ޖަލަށްލާފައި ވެއެވެ. އެމްޑީޕީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރުން އަލީ ވަހީދު ޖަލަށްލައި، އަދި މިހާރު ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ ސަރުކާރާއި ދެކޮޅަށް މޭޑޭގައި ރައްޔިތުން އަޑުއުފުލުމަށް ނެރުއްވުމުގައި އަލީ ވަހީދު އަދާކުރެއްވި އިސް ދައުރުގެ ސަބަބުން ސަރުކާރު ޖެހިލުންވެ، ކަންބޮޑުވެގެން ކަމަށެވެ.

މޭޑޭގައި އިދިކޮޅުން ކުރި މުޒާހަރާއާ ގުޅިގެން މީގެކުރިން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް ވަނީ 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

އެނގިފައިވާ ގޮތުގައި އަލީ ވަހީދަށް ޓެރަރިޒަމްގެ ދައުވާކުރަނީ، މޭޑޭގައި ހަމަނުޖެހުން ހިންގުމަށް ހިތްވަރު ދިން ކަމަށް ބުނެ އެވެ. އެ ދައުވާ ކޯޓަށް ވެއްދިތާ މިހާރު ވަނީ މަހެއްހާ ދުވަސްވެފަ އެވެ.

އަލީ ވަހީދު މިހާރު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ. މިދިޔަ އަހަރުން ފެށިގެން އަލީ ވަހީދު އުޅުއްވަނީ އިނގިރޭސިވިލާތުގައި އެ ގައުމުގެ ހިމާޔަތް ހޯއްދަަވައިގެންނެވެ.