ހަބަރު

24ގައި އިދިކޮޅު ފަރާތްތައް ބޮޑު މުޒާހަރާއަކަށް ނިކުންނަނީ

Jul 22, 2017
8
  • މުޒާހަރާގައި ގޮވާލަނީ ބާރުތައް ވަކިކުރުމަށް
  • މުޒާހަރާއަށް ތައްޔާރުވާން މާދަމާ ރޭ ޖަލްސާއެއް
  • މުޒަހަރާއަކީ މެންބަރުންނަށް ލިބޭނެ ހިތްވަރެއް

ރާއްޖޭގެ އެކި ކަންކޮޅުތަކުން ރައްޔިތުން އައިސް ސަރުކާރާ ދެކޮޅަށް އަޑުއުފުލުމަށް މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް އިިދިކޮޅު ފަރާތްތަކުން ތައްޔާރުވެއްޖެ އެވެ.

މިރޭގެ ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިިކޮޅު އިއްތިހާދުގެ ސްޕޯކްސްޕާސަން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވީ، މި މަހުގެ 24 ވަނަ ދުވަހު ބާއްވާ މުޒާހަރާއަކީ ދައުލަތުގެ ބާރުތައް އެކުވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލައި ބާއްވާ މުޒާހަރާއެއް ކަމަށެވެ. އަދި އެ ދުވަހަކީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރާ ދުވަހަށް ވާތީވެ، ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ހިތްވަރު ދިނުމަކީ ވެސް އެފަދަ މުޒާހަރާއެއްގެ ބޭނުމެއް ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ މުޒާހަރާގައި ބައިވެރިވާން ބޭނުން ރައްޔިތުން 24 ވަނަ ދުވަހުގެ ހެނދުނު އެމްޑީޕީ އޮފީހަށް އައުމުން އެ މުޒާހަރާ ކުރިއަށް ދާނެ ގޮތުގެ މައުލޫމާތު ދޭނެ ކަމަށެވެ.

މަހުލޫފް ވިދާޅުވި ގޮތުގައި މުޒާހަރާގެ ހުރިހާ ކަމެއް ވެސް ދާނީ ގާނޫނުތަކުގެ ތެރެއިން ކަމަށެވެ. އަދި އެފަދަ މުޒާހަރާއަކަށް ފުލުހުން އެއްބާރުލުން ދޭނެ ކަން އެފަރާތުން އަންގާފައިވާ ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.

"އޮތީ އުފާވެރި މުސްތަގުބަލެއް އުފާވެރި ދުވަސްތަކެއް. މި ދުވަސް އޮތީ ވަރަށް ކައިރީގައި. މި މަގުގައި ކުރިއަށް ދާއިރު ގާގަލުގައި އަޅައިގަންނާނެ ދަތިތައް ވެސް އަންނާނެ. އަޅުގަނޑު ދަންނަވާނީ 24 ވަނަ ދުވަހު ހުރިހާ ބޭފުޅުން ވެސް ވަޑައިގަންނަވާށޭ. މެންބަރުންނަށް ހިތްވަރު ދެއްވާށޭ. އުފާވެރި ދުވަސްތައް އޮތީ ވަރަށް ކައިރީގައޭ،" މަހުލޫފް ވިދާޅުވި އެވެ.

އެ މުޒާހަރާއަށް އަތޮޅުތަކުން ވީހާ ވެސް ގިނަބަޔަކު މާލެއަށް އައުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް މިއަދު ވަނީ ގޮވާލައްވައިފަ އެވެ. ބާރުތައް ވަކިވެފައިވާ ވެރިކަމުގެ ނިޒާމެއް ގާއިމް ކުރުމަށް އެ މުޒާހަރާގައި ވެސް ބައިވެރިވުން މުހިންމު ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

އެ މުޒާހަރާއަށް ތައްޔާރުވުމުގެ ގޮތުން، މާދަމާ ރޭ ކުނޫޒްގައި އިދިކޮޅު ފަރާތްތަކުގެ ޖަލްސާއެއް ބާއްވާނެ ކަން ވެސް މަހުލޫފް މިއަދު އިއުލާން ކުރެއްވި އެވެ. އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގެ މެންބަރުންގެ ގޮނޑިތައް ފޭރިގަނެފައިވާ ކަމަށާއި އެކަމާ ދެކޮޅަށް ރައްޔިތުން އިހުތިޖާޖު ކުރަން ޖެހޭ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ މި އަމަލު ބާތިލްކޮށް އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭނެ ކަމުގެ ޔަގީންކަން ސުޕްރީމް ކޯޓުން ދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.

މަޖިލީހުގެ ހުސްވެފައިވާ ދާއިރާތަކުގެ ބައި އިލެކްޝަނަށް ޕީޕީއެމް އިން ކެމްޕޭން ފަށާފައިވާތީ އެކަމަށް ފާޑުވިދާޅުވަމުން މަހުލޫފް ވިދާޅުވީ، ރައްޔިތުން ހޮވާފައި ތިބި މެންބަރުގެ ގޮނޑިތައް އެއްވެސް އުސޫލެއް ހަމައެއް ނެތި ރޭވުމެއްގެ ތެރެއިން ގެއްލުވާލުމަށް ފަހު ރައްޔިތުން ކައިރިއަށް ގޮނޑިތައް ހޯދުމަށް ދާން ލަދުގަންނަން ޖެހޭނެ ކަމަށެވެ. އަދި ޕީޕީއެމްގެ ޓީމްތައް އަތޮޅުތަކަށް ގޮސް ކެމްޕޭން ފެށި ނަމަވެސް ޕީޕީއެމްގެ ހަރަކާތްތަކަށް ދަނީ ވަރަށް މަދު ބަޔަކު ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.

"މިފަދަ ދަތުރުތަކުން ވެސް ފެންނަނީ އެބޭފުޅުންނަށް ތާއީދެއް ނެތްކަން،" ޕީޕީއެމް އިން ބުންޏެވެ.